މީގެ 5 ދުވަސް ކުރިން އެއްގަމާއި ވައިގެ މަގުން ޔޫކްރައިން ސިފައިން ދޭން ފެށި ވަރުގަދަ ހަމަލާތަކުގައި ރަޝިއާގެ ސަފުތައް ފޫއަޅުވާލައި ރަޝިއާ ސަރަހައްދުން 30 ކިލޯމީޓަރު އެތެރެއަށް ވަދެއްޖެއެވެ.
ރަޝިއާ އާއި ޔޫކްރައިން އަށް ދެބައި އޮންނަ ގޮތަށް އޮތް ކާސްކް ސަރަހައްދުން ޔޫކްރައިން ސިފައިން ވަދެގެންފައި ވާ އިރު, އާންމުންގެ ބައެއް ތަންތަނާއި އަސްކަރީ ތަންތަނަށް ހަމަލާ ދެމުން ދާކަމަށް ހަބަރުތައް ބުނެއެވެ. މި ހަމަލާތަކުގެ މައިގަނޑު އަމާޒަކީ އަސްކަރީ މަގާމުތަކާއި އަސްކަރީ އާލާތްތައް ކަމަށް ވާއިރު ގިނަ އަދަދެއްގެ ވެހިކަލާއި ބޮން އަޅާ ބޯޓުތައް ޔޫކްރައިން އިން ވަނީ ގޮއްވާލާފައި ކަމަށް ބުނެއެވެ.
ޔޫކްރައިން ސިފައިން 30 ކިލޯމީޓަރަށް ވަދެފައި ވާކަން ރަޝިއާގެ އިދާރާތަކުން ޔަގީން ކޮށްދޭ އިރު އެފަރާތްތަކުން ބުނަމުން ދަނީ ޔޫކްރައިންގެ ފައުޖުތައް ފަހަތަށް ޖެއްސުމަށް ވަރުގަދަ ރައްދެއް ދެމުން އަންނަ ކަމަށެވެ. މި ހަމަލާތަކުގައި ޔޫކްރައިންގެ ސިފައިންވެސް މަރުވަމުން ދާކަމަށާއި އެމީހުން ބޭނުން ކުރާ ގިނަ އަދަދެއްގެ ވެހިކަލް ހަލާކުކޮށްލެވިފައިވާ ކަމަށްވެސް ބުނެއެވެ.
ޔޫކްރައިން ސިފައިންގެ ހަމަލާތައް ވަރުގަދަ ވެ, ކުރިއަރައިގެން އަންނަލެއް އަވަސް ކަމުން, ކާސްކް އާ ޖެހިގެން އޮންނަ ބެލްގޮރޮޑްގެ ގިނަ އަވަށްތަކަކުން މީހުން ހުސްކުރުމުގެ މަސައްކަތް ރަޝިއާގެ އިދާރާތަކުން މިހާރު އަންނަނީ ކުރަމުންނެވެ.
ކުއްލި ހާލަތު އިއުލާންކޮށް ވަރުގަދަ އޮޕަރޭޝަނެއް ކުރިއަށް ދާއިރު ރަޝިއާ އިން ބުނަނީ ޔޫކްރައިންގެ ފައުޖުތައް ބަލިކޮށް ފައްސާލާނެ ކަމަށެވެ.
ކާސްކް އާއި ބެލްގޮރޮޑް ގުޅޭ ބޯޑަރު ސަރަހައްދާ ހަމައަށް ހަނގުރާމަ ފުޅާވެފައި ވާއިރު އެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ތެރެއިން 76,000 މީހަކު މިހާރުވެސް ރައްކާތެރި ސަރަހައްދުތަކަށް ވަނީ ގެންގޮސްފައެވެ.
ބައެއް ހަބަރުތައް ބުނާގޮތުން ކާސްކް ސަރަހައްދުގައި ދެފަރާތުގެ ސިފައިންގެ ދެމެދުގައި ވަރުގަދަ ކުރިމަތިލުމެއް ހިނގަމުން ދާއިރު, ޔޫކްރައިން ސިފައިން ވަނީ ކާސްކްގެ ބައެއް އަވަށްތައް ހިފާ ރައްކާތެރިކަން ހޯދާފައެވެ. އަދި ރަޝިއާ ސިފައިން ދަނީ ޔޫކްރައިންގެ ފައުޖުތައް ހުއްޓުވާ އިތުރަށް ކުރިއަށް އެރީ ނުދީ ހިފަހައްޓަމުންނެވެ.
ކާސްކް ސަރަހައްދުން ރަޝިއާގެ ތެރެއަށް ވަދެގެން ހަނގުރާމަ ކުރާކަން މީގެ ކުރިން ހާމަ ނުކޮށް ތިބުމަށް ފަހު ޔޫކްރައިންގެ ރައީސް ވްލަޑިމިއާ ޒެލެންސްކީ ވިދާޅުވީ, ރަޝިއާގެ ސަރަހައްދުގެ ތެރެއަށް ވަދެ ދެމުން ގެންދާ ހަމަލާތަކަކީ އިންސާފު ގާއިމު ކޮށް ރަޝިއާ އަށް ޕްރެޝާ ބޮޑުކުރުމަށް ދެމުން ގެންދާ ހަމަލާތަކެއް ކަމަށެވެ.
ހަނގުރާމަ އެންމެ ބާރު ކާސްކް, ބްރިޔާންސްކް އަދި ބެލްގޮރޮޑް ސަރަހައްދާ ކައިރިން ބެލަރޫސްގެ ސަރަހައްދުގެ ތެރެއަށް ޔޫކްރައިންގެ ޑްރޯންތައް ވަންނަ ކަމަށް ބުނެ ބެލަރޫސް އިން ވަނީ ބޯޑަރު ސަރަހައްދަށް ސިފައިން ފޮނުވާ ތައްޔާރީ ހާލަތަށް ގެނެސްފައެވެ. ބެލަރޫސް އަކީ ރަޝިއާގެ ގޮނޑި ކޮއްކޮ ސަރުކާރެއް އޮންނަ ގައުމެކެވެ.
2022 ގައި ރަޝިއާއިން ޔޫކްރައިން ހަނގުރާމަ ފެށިފަހުން އެގައުމުން ވަނީ ޔޫކްރައިންގެ 5 ސަރަހައްދެއް ހިފާފައެވެ. އެ ސަހަރައްދުތަކުގެ ބޮޑުމިން ޔޫކްރައިންގެ ބިމުގެ ނިސްބަތުން 18 ޕަސެންޓަށް ވުރެ ބޮޑެވެ.