އިޒްރޭލުގެ އުދުވާނީ ހަމަލާތަކުން ދިފާއު ހޯދަމުން އެއްތަނުން އަނެއްތަނަށް ދާ ގާޒާގެ ރައްޔިތުން ވަދެ ތިބި ސްކޫލަކަށް ފަތިސް ގަޑީ ބޮން އަޅާ 100 އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފިއެވެ.
ގަތުލުއާންމެއްގެ ގޮތުގައި ސިފަ ކުރާ މިއަދުގެ މިހަމަލާ ދިން އިރު އަންހެނުންނާއި ކުޑަކުދިން އަދި ފިރިހެނުން ތިބީ ފަތިސް ނަމާދަށް ކަމަށް ހަބަރުތައް ބުނެއެވެ.
ދަރަޖް އަވަށުގައި ހުންނަ އލް ތާބިން ސްކޫލަކީ ވެސް ހިޔާވަހިކަން ހޯދައިގެން އެތައް ހާސް ބަޔަކު ތިބި ސްކޫލެކެވެ.
ސްކޫލުތަކާއި އދ އިން ހިންގާ އެކިއެކި މަރުކަޒުތަކާއި އަދި އަމާން ސަރަހައްދުތައް ކަމަށް އިޒްރޭލުން ކަނޑައަޅާފައި އޮންނަ ސަރަހައްދުތަކަށް ވެސް ދޭތެރެ ދޭތެރެ އިން އިޒްރޭލުން ދަނީ ހަމަލާ ދެމުންނެވެ. އެގޮތުން ދިން މިހަމަލާގައި އިމާރާތް ފޫއަޅާ ބޮޑުބައެއް ފުނޑުފުނޑުވެގެން ދިޔަ އިރު ޝަހީދުވި މީހުންގެ އިތުރުން އެތައް ބަޔަކު ވަނީ ޒަހަމްވެފައެވެ.
ގާޒާގެ އިދާރާތަކުން ބުނާގޮތުގައި, ޝަހީދުވި މީހުންގެ އަދަދު އަދި މަތިވާނެއެވެ. އެ ހަމަލާގައި އިމާރާތުގެ ގާކުނޑިތަކުގެ ދަށުވި އެންމެން އަދި ދެނެގަނެވިފައި ނުވާ އިރު މިއީ ނުރައްކާތެރި ވަރުގަދަ ހަމަލާއެއް ކަމަށް ބުނެފައި ވެއެވެ.
ގާޒާގެ މީޑިއާ އޮފީހުގެ ވެރިޔާ އިސްލާއީމް އަލް ތަވާބްތާ ވިދާޅުވާ ގޮތުން އިޒްރޭލުން އެ ސްކޫލަށް ހަމަލާ ދޭން 3 ބޮމެއް ވައްޓާލިއިރު އޭގައި ޖުމްލަ 907 ކިލޯގެ ގޮވާތަކެތި ހިމެނެއެވެ. އަދި ހަމަލާ ދިން ސްކޫލުގައި ތިބޭނީ ގެދޮރުން މަހުރޫމްވެފައި ވާ ފަރާތްތައްކަން އިޒްރޭލަށް ރަނގަޅަށް އެނގޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި ހަމަލާ އާ ގުޅިގެން އިޒްރޭލުން ބުނީ, އެ ސްކޫލަށް ހަމަލާ ދިނީ އެއީ ހަމާސް އިން ފޮރުވިގެން ތިބެ ބޭނުން ކުރާ ކޮމާންޑް ސެންޓަރަކަށް ވާތީ ކަމަށެވެ. އެއްވެސް ހެއްކެއްގެ މައްޗަށް ބިނާ ކުރުމެއް ނެތި އިޒްރޭލުން ބުނެފައި ވަނީ, އެތާނގައި ހަމާސް އާއި އިސްލާމިކް ޖިހާދުގެ 20 މުޖާހިދުންނާއި ކޮމާންޑަރުން ތިބި ކަމަށެވެ. އަދި އެ ހަމަލާގައި ޝާހީދުވި ކަމަށް ފަލަސްތީނުގެ އިދާރާތަކުން ހާމަކުރާ އަދަދުތަކަކީ އޮޅުވާލައިގެން ހާމަ ކުރާ އަދަދުތަކެއް ކަމަށް ބުނެ އެ ހަމަލާއިން ރެކި ގަތުމަށް އިޒްރޭލުން މަސައްކަތް ކޮށްފައި ވެއެވެ.
މި ހަމަލާ ބައިނަލްއަގުވާމީ އެކިއެކި ފަރާތްތަކުން ކުށްވެރި ކޮށްފައި ވާ އިރު ސްކޫލުތަކުގައި ހަމާސްގެ މުޖާހިދުން ފިލާ ތިބޭ ކަމަށް ބުނެ މީގެ ކުރިންވެސް މިފަދަ ހަމަލާތައް ވަނީ ދީފައެވެ.
އިޒްރޭލުގެ އުދުވާނުގައި ގާޒާއިން މިހާތަނަށް 39,790 މީހަކު ވަނީ ޝަހީދު ވެފައެވެ.