އިންޑިއާގެ އެހީގައި 34 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމަށް ހަވާލުކުރި މަޝްރޫއުގެ ދަށުން، 28 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކޮށް، ދިވެހި ސަރުކާރާ މިއަދު ހަވާލުކޮށްފިއެވެ.

މި 28 ރަށުގެ ތެރެއިން 21 ރަށެއްގައި ފެނުގެ ނިޒާމް، ދެ ރަށެއްގައި ނަރުދަމާ، އަދި ފަސް ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ވަނީ ގާއިމްކޮށްފައެވެ.

މި ރަށްތަކުގެ މަސައްކަތުގެ ނިމުން ފާހަގަކުރީ ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރުގެ އިތުރުން، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު ވެސް ބައިވެރިވެވަޑައިގެންފައެވެ.

މި ފެސިލިޓީތައް އިންޑިއާގެ ފަރާތުން ދިވެހި ސަރުކާރާ ހަވާލުކޮށްދެއްވީ ޖައިޝަންކަރެވެ. އަދި ސަރުކާރުގެ ފަރާތުން ހަވާލުވެވަޑައިގަތީ ޒަމީރެވެ.

އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން 2019 ވަނަ އަހަރު ފެށި މި މަޝްރޫއަކީ 100 މިލިއަން ޑޮލަރު (1.6 ބިލިއަން ރުފިޔާ) ގެ މަޝްރޫއެކެވެ.