ބަންގްލަދޭޝްގައި ހިނގަމުންދާ ހަމަނުޖެހުމާއި ގުޅިގެން ގައުމީ އެއާލައިން މޯލްޑިވިއަންއިން ބަންގްލަދޭޝްއަށް ކުރަމުން އައި ދަތުރުތައް މެދުކަނޑާލައިފިއެެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި މޯލްޑިވިއަންއިން ބުނީ ބަންގްލަދޭޝްގެ ހާލަތު ގޯސްވުމާއި ގުޅިގެން ރާއްޖެއިން މިއަދު ބަންގްލަދޭޝްގެ ޑާކާއަށް އަދި ޑާކާއިން ރާއްޖެއަށް ކުރަން ހަމަޖެހިފައިވާ ދަތުރު ކެންސަލްކޮށްފައިވާ ކަމަށެވެ.

ބަންގްލަދޭޝްގެ ހާލަތު ގާތުން ބަލަމުންދާ ކަމަށާއި ފަސެންޖަރުންނަށް އެހީތެރިކަން ދެމުންދާނެ ކަމަށް މޯލްޑިވިއަންއިން ވަނީ ބުނެފައެވެ. އެންމެ އިސްކަމެއް ދެނީ ފަސިންޖަރުންނާއި ކުރޫއިންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމަށް ވެސް މޯލްޑިވިއަންއިން ބުނެއެވެ.

ބަންގްލަދޭޝްގައި ބާއްވަމުން އަންނަ މުޒާހަރާތަކަކީ މިނިވަންކަން ހޯދުމަށް 1971 ގައި ޕާކިސްތާނާ ކުރި ހަނގުރާމައިގައި ބައިވެރިވި އާއިލާތަކުގެ މެންބަރުންނަށް ހާއްސަކޮށްފައި އޮތް ވަޒީފާގެ ކޯޓާ ސިސްޓަމްއާ ގުޅިގެންނެވެ. ކޯޓާ މައްސަލަ ބޮޑުވެ އެގައުމުގެ ސްޕްރީމް ކޯޓުން އަމުރެއް ނެރެ, ކޯޓާގެ 93 ޕަސެންޓް ހާއްސަ ކުރާނީ މެރިޓް ބޭސިސް [ތައުލީމީ ފެންވަރަށް] ބެލުމަށް ފަހު އެންމެނަށް ވެސް ކުރިމަތިލެވޭގޮތަށް ކަމަށާއި ބާކީ 7 ޕަސެންޓް 1971 ގެ ހަނގުރާމައިގައި ބައިވެރިވި ފަރާތްތަކަށް ކަމަށް ވަނީ ކަނޑައަޅާފައެވެ.

ބަންގްލަދޭޝްގައި ކުރަމުންދާ މި މުޒާހަރާގެ ތެރެއިން ގިނައަދަދެއްގެ ރައްޔިތުން ބޮޑުބަޒީރު ޝައިހު ހަސީނާގެ އިސްތިއުފާއަށް ގޮވާ، ގަނޑުވަރަށް ވަދެގަތުމާއެކު އެކަމަނާ ވަނީ އިއްޔެ އިސްތިއުފާ ދެއްވައިފިއެވެ.

މިހާރު ފެށިގެން ކުރިއަށްދާ ވަރުގަދަ މުޒާހަރާތަކުގައި 90 އެއްހާ މީހުން މަރުވެއްޖެ ކަމަށް ހަބަރުތަކުން ބުނެއެވެ. އަދި ފާއިތުވި މަސްދުވަހާއެކު ހިނގަމުން އަންނަ ހަމަނުޖެހުންތަކުގައި ބައިވެރިވި ފަރާތްތައް ހޯދުމަށް ފުލުހުން ހިންގާ އޮޕަރޭޝަންގެ ތެރޭގައި މަރުވި މީހުންގެ ޖުމްލަ 300 އަށް އަރާ ކަމަށް ވެސް ހަބަރުތައް ބުނެއެވެ.