އިޒްރޭލުން ގާޒާއަށް އަރާ ހިންގަމުން ދާ ގަތުލުއާންމުގައި ޝަހީދު ކުރި މީހުން ވަޅުލާފައި ތިއްބާ ކޮނެގެން ނަގައިގެން އިޒްރޭލަށް ގެންދިޔަ ހަށިގަނޑުތަކުގެ ތެރެއިން 84 ހަށިގަނޑެއް އަނބުރާ ގެނެސްފިއެވެ.
އެކިއެކި ކައްވަޅުތަކުން ކޮނެގެން ނަގައިގެން ގެންދިޔަ އެތައް ސަތޭކަ ބަޔަކު ވާއިރު, އަނބުރާ ގެނައި މި 84 މީހުންނަކީ ކޮންބައެއްކަން ދެނެގަނެވޭވަރަށް ވުރެ ބޮޑަށް ވަނީ ހަލާކުވެފައި ކަމަށް އޮފިޝަލުން ބުނެއެވެ.
ބޮޑު ޓްރަކަކަށް ލައިގެން އެ އެންމެންގެ ހަށިގަނޑު ގެނެސް ގާޒާގެ ކަމާބެހޭ ފަރާތްތަކާ ހަވާލު ކުރުމާއެކު އެ ހަށިގަނޑުތައް ވަނީ ބޮޑު ވަޅުގަނޑެއް ކޮނެ ވަޅުލާފައެވެ.
އޮފިޝަލުން ބުނާގޮތުން އެއީ, ހާން ޔޫނިސްގައި އިޒްރޭލުން ހިންގި ގަތުލުއާންމުގެ ތެރޭގައި ޝަހީދުވި މީހުންގެ ހަށިގަނޑުތަކެވެ. ނަމަވެސް ހަށިގަނޑުތައް ހަލާކުވެފައި ހުރިލެއް ބޮޑުކަމުން އެއިން އެއްވެސް މީހަކު ދެނެގަނެވިފައެއް ނުވެއެވެ.
އިޒްރޭލު ސިފައިން ހާން ޔޫނިސް އާއި އަދި ގާޒާގެ އެހެނިހެން ސަރަހައްދުތަކަށް އަރައިގަނެ އާންމުނގެ ގަޔަށް ބަޑިޖަހާ ޝަހީދު ކޮށްފައި ވާ އިރު, މާ ސިންގާ ބޮޑެތި ގަބުރުރުސްތާންތައް ވެސް މީގެ ކުރިން ފެނިފައި ވެއެވެ. އެ ގަބުރުސްތާންތައް ފެނިފައިވަނީ އެމީހުން ޝަހީދު ކުރުމަށް ފަހު އެމީހުންގެ ގައިމައްޗަށް ވެލިއަޅާ ފޮރުވާލާފައި ވަނިކޮށް ގާޒާގެ އޮފިޝަލުންނަށެވެ.
ހާން ޔޫނިސްގެ އިތުރުން ގާޒާގެ އެހެނިހެން ސަރަހައްދުތަކުގައި ވެސް އިޒްރޭލުން މި ޖަރީމާ ހިންގިއެވެ. އެފަދަ ބައެއް ސަރަހައްދުތަކުން ގަބުރުތައް ކޮނެގެން ނަގައިގެން އިޒްރޭލަށް ގެންދިޔައެވެ. އޭގެ 3-4 މަސް ފަހުން ބައެއް މީހުންގެ ހަށިގަނޑުތައް އަނބުރާ ގާޒާއަށް ގެނެސްފައި ވާ އިރު މި ގޮތަށް މީގެ ކުރިން ގެނައި ބުރެއްގައި 200 މީހެއްގެ ހަށިގަނޑު ވަނީ ގެނެސްފައެވެ.
އިޒްރޭލުން ބުނަނީ އެ ހަށިގަނޑުތައް ގެންދިޔައީ ޝަހީދުވި މީހުންގެ ތެރޭގައި ހަމާސް އިން އިޒްރޭލަށް އެރި އިރު ރަހީނު ކުރި މީހަކު ހިމެނޭތޯ ބެލުމަށެވެ. ނަމަވެސް މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާވެސް މުޅިން ހިލާފު ޖަރީމާއެކެވެ.