ރަޝިއާގެ މަގާމުތަކަށް ހަމަލާ ދިނުމަށް އެމެރިކާއިން ދޭން ބުނި އެފް-16 މަރުކާގެ ބޮން އަޅާ ބޯޓު ޔޫކްރައިން އަށް ގެންގޮސްފިއެވެ.
ބޯޓުތައް ލިބުނުކަން ހާމަ ކުރައްވަމުން ޔޫކްރައިންގެ ރައީސް ވްލަޑިމިއާ ޒެލެންސްކީ ވިދާޅުވީ, ފުރަތަމަ ބުރުގެ ބޯޓުތައް ލިބިފައިވާ ކަމަށާއި އެކަމަށްޓަކައި އެމެރިކާ އާއި ހުޅަނގަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
އެމެރިކާ ހިމެނޭހެން ޔޫރަޕުގެ ގައުމުތަކުން, ހާއްސަކޮށް ނޭޓޯގެ ގައުމުތަކުން ޔޫކްރައިން އަށް ބޮން އަޅާ ބޯޓުތައް ދޭން ވަނީ އެއްބަސްވެފައެވެ. އެކި ގައުމުތަކުން އެކި އަދަދަށް ބޯޓުތައް ދޭން ނިންމާފައި ވާ އިރު, ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން ވިދާޅުވެފައި ވަނީ, ޔޫކްރައިން އާ ބައިވެރިވެ އެމެރިކާ އާއި ހުޅަނގުން ހަނގުރާމައިގެ ތެރެއަށް ވަދެއްޖެ ނަމަ ރައްދު ދެއްވާނެ ކަމަށެވެ. އަދި އެ ބޯޓު ފަހަރު ދިނުމަކުން ޔޫކްރައިން އަށް ލިބޭނެ މޮޅެއް ނޯންނާނެ ކަމަށާއި ނަމަވެސް އެއާއެކު ރަޝިއާގެ ހަމަލާތައް ޔޫކްރައިން އަށް ވުރެ ދުރަށް ފުޅާވެގެން ދާނެ ކަމަށެވެ.
ޔޫކްރައިނުން ގަބޫލު ކުރާ ގޮތުގައި އެފް-16 ގެ ބޯޓު ތަކާއެކު ރަޝިއާގެ ހަމަލާތައް ނާކާމިޔާބު ކޮށްލުމާއެކު ރަޝިއާގެ މަގާމުތަކަށް ފަސޭހަ ކަމާއެކު ހަމަލާ ދެވޭނެއެވެ. އަދި މިއީ ޔޫކްރައިންގެ ފްލީޓްތަކަށް ލިބިގެންދާނެ އިތުރު ކުރިއެރުމެއް ކަމަށް ވެސް އޭނާ ވިދާޅުވެއެވެ.
ޔޫކްރައިން އަށް އެފް-16 ލިބޭ އިރު އެ ގައުމުގައި ތަމްރީނުވެފައި ތިބި ޕައިލެޓުން ނެތުމާއެކު ޕައިލެޓުން ތަމްރީނު ކުރުމުގެ މަސައްކަތް ވެސް ހިނގަމުން އެބަދެއެވެ.
ހުޅަނގުން ޔޫކްރައިން އަށް އެފް-16 ގެ 65 ބޯޓު ދިނުމަށް ވަނީ ނިންމާފައެވެ. މި ބޯޓު ތަކާއެކު ރަޝިއާގެ އެސްޔޫ-34 މަރުކާގެ ބޮން އަޅާ ބޯޓުތަކާ ކުރިމަތިލައި ހަމަލާ ދެވޭނެ ކަމަށް އަސްކަރީ ތަޖުރިބާކާރުން ބުނެއެވެ. ރަޝިއާގެ އެންމެ ޒަމާނީ ބޮން އަޅާ ބޯޓުތަކުން ޔޫކްރައިން އަށް މިހާރު ދޭ ހަމަލާތައް މައިތިރި ކުރުމުގައި ޔޫކްރައިން ނުކުޅެދިފައި ވާ އިރު, މިއަހަރު މާޗްމަހު އެކަނިވެސް އެމަރުކާގެ ބޯޓުތައް ބޭނުން ކޮށްގެން ރަޝިއާއިން ވަނީ ޔޫކްރައިން އަށް 3000 ބޮން އަޅާފައެވެ.