ހ.ދ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި މާރާމާރީ ހިންގާފައި ވަނީ ރީޖަނަލް އެއާޕޯޓު ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް)ގެ މުވައްޒަފުން ނޫން ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ހަނިމާދޫ އެއާޕޯޓުގައި މަސައްކަތް ކުރާ ދެ މުވައްޒަފަކު ހަތިޔާރު [މަރުތެޔޮ] ބޭނުން ކޮށްގެން މާރާމާރީ ހިންގާފައި ވަނީ މި މަހުގެ 2 ވަނަ ދުވަހުގެ ރޭގައެވެ. މި މައްސަލާގައި ތުހުމަތު ކުރެވޭ މީހާ ފުލުހުން ހައްޔަރުކޮށް، އެ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

އެކަމާ ގުޅިގެން އެ އެއާޕޯޓު ހިންގަމުންދާ ރީޖަނަލް އެއާޕޯޓުން ނެރުނު ބަޔާނެއްގައި ބުނީ، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ ދެ ސްޓާފަކު ހަތިޔާރު ބޭނުން ކޮށްގެން މާރާމާރީ ހިންގިކަމަށް ނޫސްތަކުގައި ދައުރުވަމުންދާ ހަބަރަކީ މުޅިން ރަނގަޅު މައުލޫމާތެއް ނޫންކަމަށެވެ.

އަދި ހިންގިކަމަށް ބުނާ މާރާމާރީ ހިންގުމުގައި ބައިވެރިވެފައި ވަނީ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ ސްޓާފުން ނޫން ކަމަށް ވެއެވެ. ހަމައެހެންމެ އެ މާރާމާރީގައި ބައިވެރިވި ދެމީހުންނަކީ އެއާޕޯޓްގެ އެއްވެސް ފުލައިޓް އޮޕަރޭޝަންގެ ހަރަކާތެއްގައި ބައިވެރިވާ ބައެއް ނޫން ކަމަށް އެ އާޕޯޓުން ވަނީ މައުލޫމާތު ދީފައެވެ.

އަދި ހިނގާދިޔަ މާރާމާރީގެ ސަބަބުން އެއާޕޯޓްގެ ސަލާމާތް ތެރިކަމަށް އެއްވެސް ހުރަހެއް ނޭޅޭނެ ކަމުގެ ޔަގީންކަން އެ އާޕޯޓުން ވަނީ ހުރިހާ ފަސިންޖަރުންނަށް ދީފައެވެ.

އެނގިފައިވާ ގޮތުގައި މާރާމާރީ ހިނގާފައި ވަނީ ދެ އިންޑިއާ މީހުންގެ މެދުގައެވެ. މި މާރާމާރީ ހިންގާފައި ވަނީ ހަތިޔާރު ބޭނުން ކޮށްގެން ނަމަވެސް ބޭނުންކޮށްފައި ވަނީ ކޮންކަހަލަ ހަތިޔާރެއް ކަމެއް ފުލުހުން ޔަގީންކޮށްދީފައި ނުވެއެވެ.