ހަމާސްގެ ލީޑަރު އިސްމާއީލް ހަނިއްޔާ އީރާނުގައި ހުންނަވަނިކޮށް އަވަހާރަ ކޮށްލި ގޮތާ މެދު ގިނަ ފަރާތްތަކުން ސުވާލު އުފައްދަމުން ދަނިކޮށް އެކަން ކޮށްފައި ވަނީ 7 ކިލޯގެ ގޮވާތަކެތި ހުރި އެއްޗެއް ކައިރި ސަރަހައްދަކުން އުދުއްސުވައިގެން ކަމަށް އިރާނުން ބުނެފިއެވެ.
މީގެ ކުރިން ސީއެންއެންގައި މަސްދަރު ހާމަ ނުކޮށް, އެކަން ކޮށްފައި ވަނީ ހަނިއްޔާ ހުންނެވި އިމާރާތުގައި މަސް ދުވަސް ކުރިން ބޮމެއް ހަރުކޮށް ޑިވައިސް އެއް މެދުވެރިކޮށް ގޮއްވާލައިގެން ކަމަށް ބުނެފައި އޮތެވެ. އަދި އެކަން އެނގެނީ އެ ބޮމާ ބެހޭ މައުލޫމާތު ހުރި ފަރާތަކުން މައުލޫމާތު ދީފައިވާތީ ކަމަށް ބުނެފައި ވެއެވެ.
ހަނިއްޔާ އަވަހާރަ ކޮށްލި ދުވަހު ބައެއް އޮފިޝަލުން ބުނީ, އެ ހަމަލާ ދިނީ އިޒްރޭލުން ޑްރޯން ބޭނުން ކޮށްގެން ކަމަށެވެ.
ނަމަވެސް އިއްޔެ އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ބުނެފައި ވަނީ,މ ތަހުގީގުން މިހާތަނަށް ފާހަގަ ވެފައި ވަނީ އެކަން ކޮށްފައި ވަނީ, ހަނިއްޔާ ހުންނެވި އިމާރާތުގެ ބޭރުން ކައިރި ސަރަހައްދަކުން އެއްޗެއް އުދުއްސުވައިގެން ކަމަށެވެ.
އެއާއެކު ރިވޮލިއުޝަނަރީ ގާޑުން ބުނީ, ހަނިއްޔާ އަވަހާރަ ކޮށްލުމުގެ ބަދަލު ކަނޑައަޅާ ވަގުތެއްގައި ކަނޑައަޅާ ތަނެއްގައި ވަރުގަދަ އަށް ދޭނެ ކަމަށާއި, ހަނިއްޔާ އަވަހާރަ ކޮށްލުމުގައި 'ކުށްވެރިޔާ' އެމެރިކާއިން އެހީތެރިވެފައި ވާ ކަމަށެވެ.
ހަނިއްޔާ އަވަހާރަ ކޮށްލުމުގައި ބައިވެރިވާ ކަމަކަށް ވެސް އަދި ނުވާ ކަމަކަށްވެސް އިޒްރޭލަކުން ނުބުނެއެވެ. ނަމަވެސް ހަނިއްޔާ އާއި މުޅި ހަމާސް ނައްތާލާނެ ކަމަށް އިޒްރޭލުގެ ވެރިން މީގެ ކުރިން ބުނެފައި ވެއެވެ.
ހަނިއްޔާ އަވަހާރަ ކޮށްލި މައްސަލައިގައި އެމެރިކާއިން ބުނެފައި ވަނީ އެ ހަމަލާގެ މައުލޫމާތު ކުރިން އެމެރިކާއަށް ލިބިފައި ނުވާ ކަމަށާއި, ހަނިއްޔާ އަވަހާރަ ކޮށްލުމުން މެދުއިރުމަތި އިތުރަށް ނުތަނަވަސްވެ އެމެރިކާއިން ގޮތް ދައްކާ 'ސުލްހަ ގެނައުމުގެ މަސައްކަތަށް' ހިޔަނި އެޅިފައި ވާ ކަމަށެވެ.
ހަނިއްޔާ އަވަހާރަ ކޮށްލި ގޮތް ޝައްކެއް ނެތް މިންވަރަށް ސާފު ނުވާ އިރު މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނަނީ, އެ ހަމަލާއަކީ ބޭރުން ދިން ހަމަލާއެއް ނަމަ އީރާނުގައި ސަލާމަތާއި ރައްކާތެރިކަން އޮތީ ބޮއްސުންލައިފައި ކަމަށެވެ. އެއްޗެއް އުދުއްސުވައިގެން ގެންގޮސް ހައި ސެކިއުރިޓީ ޒޯނެއްގައި ހުރި ހޮޓަލެއްގެ ވަކި އެޕާޓުމަންޓަކަށް އަމާޒުކޮށް ގޮއްވާލެވޭނީ އެތެރޭގެ ސެކިއުރިޓީ ދޯހަޅިކަމުން ކަމަށް ބުނެފައި ވެއެވެ. އަދި އެ ހަމަލާ ދިނީ ހޮޓަލުގައި މާކުރިން ބޮމެއް ހަރުކޮށްގެން ކަމަށް ވާނަމަ, ހަނިއްޔާގެ ދަތުރާ ގުޅޭ މައުލޫމާތު އެތެރޭގެ މަސްދަރުތަކުން ލީކުވެފައި ވާކަމަށް ބުނެއެވެ. ނަމަވެސް ސީއެންއެން އިން ބުނާ މި ސިނާރިއޯ އަކީ އީރާނުގެ ކުރީގެ ރައީސް އަވަހާރަވެ އާ ރައީސަކު ހޮވާ ހުވާ ކުރެއްވުމާ ދެމެދު ހިނގާފައި ވާ މުއްދަތަށް ވުރެ ދިގު މުއްދަތަކަށް ވާ އިރު, ހަނިއްޔާ ވަޑައިގަންނަވާނެ ކަމާއި އެ ހޮޓަލުގައި ހުންނަވާނެކަން އެނގޭ ސަބަބަކާ މެދު ދުވާލު އުފެދެއެވެ.
އީރާނުގެ ރިޔާސީ އިންތިހާބު ނިމި ނަތީޖާ އިއުލާން ކުރިތާ ހަފްތާއެއްގެ ތެރޭގައި ހުވާކުރުން ކުރިއަށް ދިޔަ އިރު, އެ ރަސްމިއްޔާތަށް ގައުމުތަކުގެ ވެރިން ވަޑައިގަތީ އެ ހަފްތާގެ ތެރޭގައެވެ.