ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އިންޑިއާއަށް ކުރައްވާ ދަތުރުގައި ބޮލީވުޑްގެ މަޝްހޫރު ފިލްމު ޕްރޮޑިއުސާ އަދި ޑައިރެކްޓަރު ވިދޫ ވިނޯދު ޗޯޕްރާ އާ ބައްދަލު ކުރައްވައިފިއެވެ.

މިއަދު ބޭއްވި މި ބައްދަލުވުމުގައި ގުޅިގެން އެކުގައި ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭ ގޮތުން ވަނީ މަޝްވަރާކޮށްފައެވެ. އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިއަދު މިނިސްޓަރު ވަނީ އިންޑިއާގެ ލީޑިން ޕްރޮޕަޓީ ޑިވެލޮޕަރު ކޭ ރަހެޖާ ގްރޫޕްގެ ގްރޫޕް ޕްރެޒިޑެންޓް ނީލް ސީ ރަހެޖާ އާއިވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމާއި ގުޅޭގޮތުން މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޗެލެޓް ހޮޓެލްސްގެ އެމްޑީ އަދި ސީއީއޯ އާއި ބައްދަލުވުމަކީ ލިބުނު އުފަލެއް ކަމަށެވެ. "އަޅުގަނޑުމެން މަޝްވަރާކުރީ، ރާއްޖެއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ތަޖުރިބާތަކަށް އިންގިލާބެއް ގެނައުމުގެ މަގުސަދުގައި، ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް އިންވެސްޓްމަންޓްތަކާ ގުޅޭ ގޮތުން" ފައިސަލް ވިދާޅުވިއެވެ.

އިންޑިއާއިން ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު ދަށްވަމުން ދާތީ އެ ގައުމުގައި ރާއްޖެ ޕްރޮމޯޓް ކުރުމުގެ ގޮތުން ތިން ރޯޑް ޝޯއެއް ބޭއްވުމަށްވަނީ ނިންމާފައެވެ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އާއި ގެސްޓް ހައުސް އެސޯސިއޭޝަނާއި އެމްއެމްޕީއާރްސީއާ ގުޅިގެން މި ރޯޑް ޝޯތައް ބޭއްވުމަށް ނިންމާފައިވަނީ އިންޑިޔާގެ ބެންގަލޫރު، މުމްބާއީ އާއި ނިއުދިއްލީގައެވެ.

ނިއްދިއްލީގައި ބާއްވާ ރޯޑް ޝޯގައި ބައިވެރިވެ ވަޑައިގަތުމަށް އިންޑިއާއަށް ވަޑައިގެންނެވި ފައިސަލް ވަނީ އިންޑިއާގެ ޓޫރިޒަމް މިނިސްޓަރު ޝްރީ ގަޖެންދްރަ ސިންގް އާ ވެސް ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުމަށް ފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ ދެ ގައުމު ގުޅިގެން ފަތުރުވެރިކަން ކުރިއެރުވުމާއި ދެ ގައުމުގެ ގުޅުން ބަދަހިކުރަން ވެސް މަޝްވަރާ ކުރެއްވި ކަމަށެވެ.