ރާއްޖޭގެ އެންމެ އުތުރުން، އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ހިދުމަތް ފަށަން ބޭނުންވާ ޕައިލެޓް ބޯޓާއި ޓަގް ބޯޓު ރާއްޖެ ގެނެސްފިއެވެ.

އެމްޕީއެލް އިން ބުނީ އުތުރުގައި ފަށާ އިންޓަނޭޝަނަލް ބަންކަރިންގެ ހިދުމަތަށް ބޭނުންވާ ޕައިލެޓް ބޯޓާއި ޓަގް ބޯޓު ހދ. ކުޅުދުއްފުށީ ޕޯޓަށް އިއްޔެ ގެންގޮސްފައިވާ ކަމަށެވެ. ކުޅުއްދުއްފުށީ ޕޯޓަށް އެ ދެ އުޅަނދު ވަނުމާ އެކު ވޯޓާ ސެލިއުޓެއް ދީފައިވާއިރު އެ ދެ އުޅަނދުގެ ކެޕްޓަނުންނާ ފަޅުވެރިންނަށް އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހް އިބްރާހިމް އަދި މެނޭޖްމަންޓްގެ ބައެއް އިސް ފަރާތްތަކުން ވަނީ މަރުހަބާ ދަންނަވާފައެވެ.

މި ހިދުމަތާއި ގުޅޭ ގޮތުން އެ ކުންފުނީގެ ސީއީއޯ ވިދާޅުވީ ބަންކަރިންގެ ހިދުމަތް ދިނުމަށް އެމްޕީއެލް އޮތީ ފުރިހަމައަށް ތައްޔާރުވެފައި ކަމަށެވެ. އަދި މިއީ ރާއްޖޭގެ އިގްތިސާދަށް މުހިންމު ހިދުމަތަކަށް ވާތީ އެ މަސައްކަތް ނަގަނީ ގައުމީ ކަމެއްގެ ގޮތުގައިކަމަށް ވަޖީހު ވިދާޅުވިއެވެ.

އިތުރަށް އެމްޕީއެލް އިން ބުނީ މި ހިދުމަތް ފެށުމަށް ބޭނުންވާ އޮފީސް ޖާގަތައް ހެދުމުގެ މަސައްކަތް ވެސް ބާރު ސްޕީޑުގައި ކުރަމުން އަންނަ ކަމަށާއި މި މަހު 15 ވަނަ ދުވަހުގެ ނިޔަލަށް އެ މަސައްކަތްވެސް ނިންމާލެވޭނެ ކަމަށެވެ.

މީގެ އިތުރުން ކުޅުދުއްފުށި ޕޯޓް ސަރަހައްދުގައި ގާއިމްކުރާ ބޯޓް ޔާޑުގެ މަސައްކަތާއި ގުޅޭ ގޮތުން އެ ކުންފުނިން ބުނީ ތެރެއިން އެ ތަނުގެ 95 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. އެމްޕީއެލް އިން ބުނީ އެ މަސައްކަތް ނިމޭއިރު އެ ބޯޓުޔާޑުގެ ބޮޑުމިނުގައި 15،000 އަކަފޫޓު ހުންނާނެކަމަށާއި މި ބޯޓްޔާޑުގެ ސަބަބުން މެރިޓައިމް ހިދުމަތަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށެވެ

އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ހިދުމަތް ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައްވަމުން އަންނައިރު، މީގެ ކުރިން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ މި ހިދުމަތް ފެށުމުން އިގްތިސާދަށް ބޮޑު ކުރިއެރުމެއް ލިބިގެން ދާނެކަމަށެވެ.