އިޖުތިމާއީ މިންގަނޑުތަކާ ހިލާފުން ލިޔުންތައް ޝާއިއު ކުރާތީ "ދެންމެ" ވެބްސައިޓް ބްލޮކް ކުރަން އަންގައިފިއެވެ.

"ދެންމެ" ވެބްސައިޓްގެ މައްސަލަ ބަލާފައި ވަނީ ދިވެހިރާއްޖޭގެ އާންމު އިޖްތިމާއީ މިންގަނޑާ ހިލާފު ބޭއަދަބީ، ހަޑިހުތުރު ބަހުރުވައިން އެތަކެއް ލިޔުމެއް ޝާއިއުކޮށްފައިވާތީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން އިސްނަގައިގެން ކަމަށް އެ ކައުންސިލުން ބުނެއެވެ.

އެމްއެމްސީއިން ބުނީ އެކި ފަރާތްތަކުގެ ޒާތީކަންކަމާއި އަބުރާބެހޭފަދަ ހަބަރުގެ އިތުރުން އަންހެނުންނަށް ނިސްބަތްކޮށް އެކަނބަލުންގެ ގަދަރުކުޑަވާ މޭރުމުން އެތައް ލިޔުމެއް ޝާއިއުކޮށްފައިވާ ކަމުގެ ޝަކުވާ އެ ކައުންސިލަށް ލިބިފައިވާ ކަމަށެވެ.

"ދެންމެ" ވެބްސައިޓްގެ މައްސަލަ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ވެސް އެމްއެމްސީގެ ޝަކުވާ ބަލާ ކޮމިޓީއިން ދިރާސާކޮށްފައިވާ ކަމަށް އެމްއެމްސީއިން ބުނެއެވެ. އަދި އެއީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ވެބްސައިޓެއް ނޫން ކަމާއި އެއީ ވެބްސައިޓް ހިންގާ ފަރާތް ނޭނގޭ ގޮތަށް ހިންގާ ވެބްސައިޓްއެއްކަން ދިރާސާއިން އެނގިފައިވާކަމަށް އެމްއެމްސީއިން ބުނެއެވެ.

އާންމު އިޖުތިމާއީ މިންގަނޑާ ހިލާފަށް ލިޔުންތައް ޝާއިއު ކުރަމުންދާތީ އެކަން ނުކުރުމަށް އިންޒާރު ދީފައިވާ ކަމަށް އެމްއެމްސީއިން ވަނީ ފާހަގަކޮށްފައެެވެ. އެއާއެކު ވެސް ތަކުރާރުކޮށް އެކަން ކުރަމުންދާތީ އެމްއެމްސީއިން ނިންމާފައި ވަނީ "ދެންމެ" ވެބްސައިޓް ބްލޮކް ކުރުމަށް ކަމާ ބެހޭ ފަރާތްތަކަށް ހުށަހެޅުމަށެވެ.