ހުޅުމާލޭގެ ވިނަރެސް ފްލެޓް ކައިރީ އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓާއި ގުޅިގެން ހައްޔަރުކުރި 2 މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށް އެކަކު 15 ދުވަހަށް ބަންދު ކޮށްފިއެވެ.

ހުޅުމާލޭ ފޭސް 2 ވިނަރެސް ފްލެޓް ކައިރީގައި ކާރަކާއި ސައިކަލެއް ޖެހި އިއްޔެ ހިނގި އެކްސިޑެންޓަކީ ބާރު ސްޕީޑުގައި ކާރު ދުއްވާފައި ދިޔުމުން ހިނގި އެކްސިޑެންޓެއް ކަމަށް ފުލުހުން ބުނެފައި ވެއެވެ. ކާރު ކޮންޓްރޯލުން ނައްޓައިގެން ގޮސް ޕާކްކޮށްފައި ހުރި ސައިކަލެއްގެ މަތީގައި އިން މީހެއްގެ ގައިގައި ޖެހި އެ މީހާ އެ ވަގުތު ވިއްސައިގެން ދިޔައެވެ.

އެ އެކްސިޑެންޓަށް ފަހު ކާރުގައި ތިބި މީހުން ވަނީ އެ ތަނުން ފިލައިގެން ގޮސްފަ އެވެ. ނަމަވެސް ކޯޓު އަމުރެއްގެ ދަށުން ކާރުގައި ތިބި ތިން މީހުން ވަނީ ރޭ ހައްޔަރުކޮށްފައެވެ. ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވީ، އިއްޔެ މެންދުރު ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ހިމެނޭ ތިން މީހުން ހައްޔަރުކޮށް މައްސަލަ ބަލަން ފަށާފައިވާ ކަމަށެވެ.

މި ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އެ ކޯޓުން ވަނީ ތިން މީހުންގެ ތެރެއިން ޖިނާހު އިސްމާއީލް 15 ދުވަހަށް ބަންދު ކޮށް ދެން ތިބި 2 މީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ނިންމާފައެވެ.

މި އެކްސިޑެންޓްގައި ހިމެނޭ ރޭސް ކާރަކީ 'ބީ' ޒޯންގައި ދުއްވަން ރަޖިސްޓްރީ ކޮށްފައިވާ ކާރެކެވެ. މާލެ ސަރަހައްދު ހިމެނެނީ ޒޯން 'އޭ' ގައެވެ.

މި އެކްސިޑެންޓުގައި ހިމެނޭ ސައިކަލު ދުންވަން އިން ފިރިހެން މީހާއަށް އަނިޔާވެ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު ވަނީ އިތުރު ފަރުވާއަށް އައިއޖީއެމްއެޗަށް ބަދަލުކޮށްފައެވެ. އެންމެ ފަހުން ލިބުނު މައުލޫމާތަށް ބަލާއިރު، އެމީހާގެ ހާލު ރަނގަޅު ކަމަށް ބުނެއެވެ.