ރާއްޖޭގެ އިގްތިސާދު، އޮތީ ފައިސާ ޗާޕް ކުރާނެ ހާލަތުގައި ނޫންކަމަށާއި އިގްތިސާދީ ހާލަތު ސަރުކާރުން ދައްކަން ބޭނުންވާހާ ގޯސް ނޫން ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ރޭ އެމްޑީޕީ އިން ބޭއްވި 'ހަވަރު ބެރު' ގައި އަމީރު ވަނީ ރާއްޖޭގެ އިގްތިސާދީ ހާލަތާ ގުޅޭ ގޮތުން ސަރުކާރުން ދައްކަމުން ދާ ވާހަކަ ދެކޮޅު ނުޖެހޭ ކަމަށް ވިދާޅުވެފައެވެ. އެމްޑީޕީގެ ވެރިކަން ނިމުނު އިރު އިގުތިސާދު އޮތް ގޮތާ މެދު ސަރުކާރުން ދައްކާ ވާހަކަ 'ނަންބަރު' ތަކާ ދިމާނުވާކަން ފާހަގަ ކުރައްވައި އަމީރު ވިދާޅުވީ ނަންބަރުތަކުން ފެންނަނީ 2018 ގައި އެމްޑީޕީން ވެރިކަމާ ހަވާލުވިއިރަށްވުރެ މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ހާލަތު ރަނގަޅުވެފައިވާ ތަން ކަމަށެވެ.

މީގެ އިތުރުން އަމީރު ވިދާޅުވީ އެމްޑީޕީ އިން 2018 ގައި ސަރުކާރާ ހަވާލުވިއިރު ރާއްޖޭގެ ގައުމީ އުފެއްދުންތެރި ކަމަކީ ގާތްގަނޑަކަށް 83 ބިލިއަން ރުފިޔާ ކަމަށާއި އެހެންނަމަވެސް 2023 ވަނަ އަހަރު އެމްޑީޕީ ސަރުކާރު ބަދަލުވެގެން ދިޔައިރު ގައުމީ އުފެއްދުންތެރިކަން ހުރީ 101 ބިލިއަން ރުފިޔާގައި ކަމަށެވެ.

ކޮވިޑް-19 ގައި 2020 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ލޮޅުންތަކެއް އެރިކަން ފާހަގަކޮށް އަމީރު ވިދާޅުވީ ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށް، އިގްތިސާދީ ހަރަކާތްތައް ހުއްޓި ގައުމުގެ އުފެއްދުންތެރިކަން 32 ޕަސެންޓަށް ދަށްވެގެން ދިޔަކަމަށެވެ. އެހެންނަމަވެސް އޭރު އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން 2021 ގައި ދުނިޔޭގެ އެންމެ ބާރު ދުވެލީގައި ކުރިއަރާ އިގްތިސާދު ތެރޭގައި ރާއްޖޭގެ އިގްތިސާދު ހިމެނުނު ކަމަށް އަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން އަމީރު ވިދާޅުވީ ގައުމުގެ އިގްތިސާދު އަނދަވަޅަކަށް ވެއްޓިފައި ވަނީ މި ސަރުކާރުގެ ނާގާބިލުކަމުން ކަމަށާއި އެއީ ގެނައި ސިޔާސަތުތަކުގެ ސަބަބުން ދިމާވެގެން އުޅޭ ކަމެއް ކަމަށް ލަފާ ކުރެއްވޭ ކަމަށެވެ. އެގޮތުން ހަރަދުތައް ބޮޑުތަނުން އިތުރުވެގެން ގޮސް، ކުރިން 700 ގައި އޮތް ސިޔާސީ ވަޒީފާތައް 2،000 އަށްވުރެ ގިނަވުމާ، ބޭކާރު ގިނަ ހަރަދުތައް ކުރަމުންދާ ކަމަށް އޭނާ ވިދާލުވެއެވެ.

އަމީރު އެހެން ވިދާޅުވި އިރު ނިމިދިޔަ ސަރުކަރުގައި ފިނޭންސް މިނިސްޓަރަކަށް އޭނާ ހުންނަވައި އިމެއް ނެތި ފައިސާ ޗާޕުކުރަމުން އިންޑިއާއިން ގިނަ އަދަދެއްގެ ލޯނުތައް ސަރުކާރުން ނަގާފައި ވެއެވެ. މި ސަބަބާ ހުރެ ތަކެތީގެ އަގުތައް އުފުލި ރާއްޖޭގެ ބޭރުގެ ދަރަނި ބޮޑުވެގެން ދިޔުމުގެ ބުރަ ހިނގަމުން ދާ ސަރުކާރަށް ފޯރާފައި ވާ އިރު އަންނަ ސެޕްޓެމްބަރުގެ ނިޔަލަށް އިންޑިއާ އަށް އެކަނި 150 މިލިއަން ޑޮލަރު ދައްކަން އެބައޮތެވެ. އަދި 2026 އަންނަ އިރު 1 ބިލިއަން ޑޮލަރުގެ ދަރަނި ދައްކަން ޖެހެއެވެ.