ގަވައިދާއި ހިލާފަށް ކޯސްތައް ހިންގަމުން ގެންދާތީ އެވިޑް ކޮލެޖާއި ކްލިކް ކޮލެޖަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން ފިޔަވަޅު އަޅައިފިއެވެ.

އެގޮތުން ކްލިކް ކޮލެޖަށް ފިޔަވަޅު އަޅާފައިވަނީ އެމްކިއުއޭގެ ހުއްދަ ނުހޯދައި އީ ލާނިން ޑެލިވަރީ މޮޑަލިޓީގެ ދަށުން އެ ކޮލެޖުން ޕްރޮގްރާމް ހިންގާފައިވާތީ އެވެ.

އެ އޮތޯރިޓީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ މަތީ ތައުލީމް ދޭ ހުރިހާ މަރުކަޒުތަކަށް އީ ލާނިން ޑެލިވަރީ މޮޑަލިޓީ ނުވަތަ އޮންލައިންކޮށް، އެ މަރުކަޒުތަކުން އެޕްރޫވް ކޮށްފައިވާ ޕްރޮގްރާމްތައް ހިންގުމުގެ އާއްމު ހުއްދައެއް ދިން ކަމަށެވެ. ނަމަވެސް ކޮވިޑުން އަރައިގަނެ އާއްމު ހާލަތަކަށް އައުމާ އެކު އެ އިއުލާން އުވާލާފައިވާ ކަމަށް އެމްކިއުއޭއިން ނެރުނު އިއުލާނުގައި ވަނީ ބުނެފައެވެ.

ކްލިކް ކޮލެޖުން ހިންގަމުން އަންނަ "ބެޗްލާ އޮފް ބިޒްނަސް މެނޭޖްމަންޓް" ޕްރޮގްރާމަކީ އެމްކިއުއޭ އިން 2019 ވަނަ އަހަރު، ފޭސް ޓު ފޭސްކޮށް ހިންގަން ހުއްދަ ދީފައިވާ ޕްރޮގްރާމެއް ނަމަވެސް ކްލިކް ކޮލެޖުން އެ ޕްރޮގްރާމް އިސްތިހާރުކޮށް ހިންގަނީ އީ ލާނިން ޑެލިވަރީ މޮޑަލިޓީން ކަން އެ އޮތޯރިޓީ އަށް ދަރިވަރުން ހުށަހަޅާފައިވާ ޝަކުވާތަކުން އެނގޭ ކަމަށް އެމްކިއުއޭ އިން ބުންޏެވެ.

ފޭސް-ޓު-ފޭސް ކޮށް ހިންގުމަށް އެޕްރޫވަލް ދީފައިވާ އިތުރު ޕްރޮގްރާމްތައް އީ-ލަރނިންގ ޑެލިވަރީ މޮޑަލިޓީގެ ދަށުން ހިންގުމަށް އިސްތިހާރުކޮށްފައިވާކަން ކްލިކް ކޮލެޖްގެ އިންސްޓަގްރާމް ޕޭޖުންނާއި ކްލިކް ކޮލެޖްގެ ވެބްސައިޓުން އެމްކިއުއޭއަށް ވަނީ އެނގިފައި
އެމްކިއުއޭ

އެއީ ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދާއި ޕްރޮގްރާމް އެކްރެޑިޓޭޝަން ގައިޑްލައިނާ ހިލާފް ކަންތައްތަކެއްކަމަށް ވުމާއެކު، އެކޮލެޖަށް ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް އެމްކިއުއޭއިން ވަނީ ބުނެފައެވެ.

އެމްކިއުއޭއިން ކްލިކް ކޮލެޖަށް އަޅަން ނިންމި ފިޔަވަޅު ތަކަކީ:

  • އެކްރެޑިޓްނުކޮށް މަތީ ތައުލީމުގެ ޕްރޮގްރާމްތައް ހިންގާތީ 10،000ރ. ޖޫރިމަނާ ކުރުން.
  • އެ ޕްރޮގްރާމްތައް ހުއްޓާލަން އެންގުން
  • ސަނަދު ދިނުމުގެ ހުއްދަ ދޫނުކުރުން
  • އެ ޕްރޮގްރާމެއް ހިންގަނީ ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑާ އެއްގޮތަށް ނޫން ކަމާއި ޕްރޮގްރާމް އެކްރެޑިޓޭޝަންގެ މިންގަނޑުތަކާ ހިލާފަށް ކަން އާންމުކޮށް އިއުލާނުކުރުން

މީގެ އިތުރުން އެވިޑް ކޮލެޖާ މެދު އެމްކިއުއޭ އިން ފިޔަވަޅު އަޅާފައި ވަނީ އެ ކޮލެޖުން ހިންގަމުން އަންނަ ގިނަ ޕްރޮގްރާމްތަކަކާ ބެހޭ ގޮތުން އެ އޮތޯރިޓީ އަށް ގިނަ އަދަދެއްގެ ޝަކުވާތައް ލިބުމާއެކުއެވެ. އެގޮތުން ލެކްޗަރަރ އިންނަށް ދޭން ޖެހޭ މުސާރަ ދީފައިނުވާތީ، ދަރިވަރުންގެ އިމްތިޚާން ކަރުދާސްތައް ބައެއް ލެކްޗަރަރއިން މާރކް ނުކުރުމުގެ ސަބަބުން ޕްރޮގްރާމްގެ މުއްދަތު އިތުރުވެ، އެ މުއްދަތަށް ދަރިވަރުން އިތުރަށް ފައިސާ ދައްކަން ޖެހިފައިވާކަން އެމްކިއުއޭއަށް ހުށަހަޅާފައިވާ ޝަކުވާތައް ހިމެނޭކަމަށް އެ އޮތޯރިޓީން ބުނެއެވެ.

މި ޝަކުވާތަކާ ގުޅިގެން އެމްކިއުއޭއިން ވަނީ އެވިޑް ކޮލެޖްގެ 7 ޕްރޮގްރާމެއްގެ 'ރެންޑަމް ބެޗް އޮޑިޓް' ކުރިއަށް ގެންގޮސްފައިވާއިރު އޮޑިޓްގައި ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދާއި ޕްރޮގްރާމް އެކްރެޑިޓޭޝަން ގައިޑްލައިނާ ހިލާފަށް ގިނަ ކަންތައްތަކެއް އެވިޑް ކޮލެޖުން ކޮށްފައިވާކަން ފާހަގަވެފައިވާ ކަމަށް އެމްކިއުއޭއިން ބުންޏެވެ.

އެވިޑް ކޮލެޖަށް އަޅަން ނިންމި ފިޔަވަޅުތަކަކީ ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑާ ހިލާފަށް އަދި ޕްރޮގްރާމް އެކްރެޑިޓޭޝަނާ ހިލާފަށް ހިންގާ ކަންކަން ރަނގަޅު ކުރުމަށް އެންގުމާއި އިތުރު ޕްރޮގްރާމަކަށް އެކްރެޑިޓޭޝަނާއި ހިންގުމުގެ ހުއްދަ ދޫނުކުރުމާއި އެ ޕްރޮގްރާމެއް ހިންގަނީ ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑާ އެއްގޮތަށް ނޫންކަމާއި، ޕްރޮގްރާމް އެކްރެޑިޓޭޝަންގެ މިންގަނޑުތަކާ ހިލާފަށްކަން އާންމުކޮށް އިއިލާނުކުރުމެވެ.

އެވިޑް ކޮލެޖަށް ފިވަޅު އެޅި ނަމަވެސް، މިހާރު އެވިޑް ކޮލެޖުން ކުރިއަށްދާ ބެޗްތައް ކުރިއަށް ގެންދެވޭނެކަމާއި މިފިޔަވަޅުތަކުގެ ސަބަބުން ކިޔަވަމުންދާ ދަރިވަރުންނަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް އިއުލާންގައި ވެއެވެ.

މި ދެ ކޮލެޖަށް ފިޔަވަޅު އެޅިއިރު، ހުއްދަ ނެތި އޮންލައިން ކޯސް ހިންގާ ތަންތަނަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެމްކިއުއޭއިން ވަނީ މީގެ ކުރިން ދީފައެވެ.