ޔޫކްރައިން ހަނގުރާމަ އާ ގުޅިގެން ޖަރުމަނުން އަޅަން ނިންމާފައިވާ މުހިންމު ފިޔަވަޅުތަކާއި އަދި ރަޝިއާގެ ހަމަލާއެއްގެ ދިފާއަށް އެގައުމުގައި ބަހައްޓަން އެމެރިކާއިން ނިންމާފައިވާ ދުރުރާސްތާ މިސައިލާ ގުޅިގެން ޕުޓިން އިންޒާރެއް ދެއްވައިފިއެވެ.

ރަޝިއާގެ ނޭވީ ޑޭ ފާހަގަ ކުރުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ވްލެޑިމިއާ ޕުޓިން ވިދާޅުވީ, އެމެރިކާއިން ޖަރުމަނުގައި ހަތިޔާރު ބަހައްޓާނަމަ ރަޝިއާއިން މީގެ ކުރިން ހުއްޓާލާފައިވާ ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ޕްރޮގްރާމް އަލުން ފަށަން ޖެހޭނެ ކަމަށެވެ. އެގޮތުން މެދު ރާސްތާ ނިއުކްލިއާ ހަތިޔާރު އަލުން އުފައްދާ, ހުޅަނގުގެ ގައުމުތަކަށް ފޯރާ ހިސާބުގައި އެތަކެތި ބަހައްޓާނެ ކަމަށް ވިދާޅުވިއެވެ.

ރަޝިއާއާ ހަނގުރާމައެއް ކުރަން ޖެހިދާނެ ކަމަށް ބަލައި ޖަރުމަނުން ވަނީ އެގައުމުގެ އެންމެހާ ރައްޔިތުން ޝާމިލުވާ ގޮތަށް އަމަލުކުރަން ޖެހޭ ވަކި އުސޫލަތެއް އާންމު ކޮށްފައެވެ. އެގޮތުން ކޮންމެ ރައްޔިތަކު ކުރަން މަޖުބޫރުވާ ކަންތައްތަކާއި ކަބޯތަކެތި ރައްކާ ކުރުމުން ފެށިގެން ބޭސްފަރުވާއާއި އެނޫންވެސް ތަފާތު ރޮނގުތަކުން ހަނގުރާމައަކަށް ތައްޔާރުވުމަށް އާންމުންނަށް ވަނީ އަންގާފައެވެ.

2 ވަނަ ބޮޑުހަނގުރާމައިގެ ތަޖުރިބާގެ އަލީގައި ބަންކަރުތައް ހަދާ, ހަމަލާއަކުން ދިފާއުވެވޭނެ ހުރިހާ އިންތިޒާމެއް ހަމަޖެއްސުމަށްވެސް އާ ޕޮލިސީގައި ވެއެވެ.

ޖަރުމަނުގައި ހަތިޔާރު ބަހައްޓާނެކަން އެމެރިކާއިން އިއުލާން ކުރީ ހުސްވި ޖުލައި މަހުގެ 10 ގައެވެ. އޭރު ބުނެފައި ވަނީ, ޓޮމޮހޯކް ކްރޫޒް މިސައިލާއި ހައިޕަސޮނިކް ހަތިޔާރު ބަހައްޓާނެ ކަމަށެވެ.

"ނިއުކްލިއާ ވޯހެޑާއެކު ދަތުރުކުރެވޭ ގޮތަށް ތައްޔާރު ކުރާ މިސައިލް އަމާޒަށް ވާސިލުވުމަށް ނަގާނީ އެންމެ 10 މިނެޓް"
ޕުޓިން

ނިއުކްލިއާ ހަތިޔާރު އުފެއްދުމުން އެކަހެރިވާން އެމެރިކާ އާއި ރަޝިއާ އެއްބަސްވެ ހަދާފައި އޮންނަ މުއާހަދާއެއް އޮވެއެވެ. އެ މުއާހަދާގެ ދަށުން ނިއުކްލިއާ ހަތިޔާރު އުފެއްދުން ދެގައުމުން މަޑުޖައްސާލައިފައި އޮތް ނަމަވެސް އެއްބަޔަކު އަނެއްބަޔަކު ގޯސްކޮށް [އެ މުއާހަދާ އާ ހިލާފުވެއްޖެ ކަމަށް ބުނެ] 2019 ގައި ވަނީ އެއްބަސްވުން ނިމުމަކަށް ގެނެސްފައެވެ.