އިޒްރޭލުން ހިފާފައިވާ ގޯލާންގެ އުސް ބިންތަކުގައި ދިރިއުޅޭ ޔަހޫދީންނަށް އަމާޒުކޮށް ދިން ރޮކެޓް ހަމަލާތައް ދިނީ ހިޒްބުއްލޯ އިން ކަމަށް ބުނެ ބަދަލު ހިފަން އިޒްރޭލުން ބޮން އަޅައިފިއެވެ.

މިހާތަނަށް 12 މީހަކު މަރުވެފައިވާ މިހަމަލާ ދިނީ ހިޒްބުއްލޯ އިން ނޫން ކަމަށް އެޖަމާއަތުން ބުނި ނަމަވެސް އިޒްރޭލުން ބުނީ, އެކަން ގަބޫލު ނުކުރާނެ ކަމަށާއި އެއީ އީރާނުން މަދަދު ދޭ ހިޒްބުއްލޯގެ އަމަލެއް ކަމަށެވެ.

ލުބުނާނުގެ އެންމެ އެތެރެއިން ހިޒްބުއްލީގެ 7 މަގާމަކަށް އިޒްރޭލުން ބިން އަޅާފައިވާ އިރު, ލިބުނު ގެއްލުންތަކުގެ ތަފްސީލެއް އަދި ނުލިބެއެވެ.

އިޒްރޭލުގެ މިހަމަލާތަކާ ގުޅިގެން ހިޒްބުއްލޯ އިން ވެސް އަދި އެއްޗެއް ބުނެފައި ނުވާ އިރު, މީހަކު މަރުވި ކަމެއް ނޫންކަމެއް ވެސް އަދި ސާފުވާގޮތެއް ނުވެއެވެ.

އިޒްރޭލުން ތުހުމަތު ކުރާ ހަމަލާ ދިން ބަޔަކު އަދި މިހާތަނަށް ހަމަލާގެ ޒިންމާ އުފުލާފައި ނުވާ އިރު, މި ހަމަލާގައި 12 މީހަކު މަރުވުމުގެ އިތުރުން 19 މީހަކު ޒަހަމްވެފައި ވެސް ވެއެވެ. މި ހަމަލާ އަމާޒުވި ސަރަހައްދަކީ ގޯލާނުގެ އުސްބިންތަކުގައި އިޒްރޭލުން ހަދާފައިވާ ފްޓްބޯލް ދަނޑެއް ހިމެނޭ ސަރަހައްދެކެވެ.

އިޒްރޭލުން ގާޒާއަށް އަރާ ވަރުގަދަ ހަމަލާތައް ދެމުން ގެންދާ އިރު, ހިޒްބުއްލޯ އިން ދަނީ ފަލަސްތީނުގެ ރައްޔިތުންނާ ބައިވެރި ވުމުގެ ގޮތުން އިޒްރޭލަށް އެކިއެކި ހަމަލާތައް އަމާޒު ކުރަމުންނެވެ. އެގޮތުން ރޮކެޓާއި މިސައިލް ހަމަލާ އަމާޒު ކުރަމުން ދެއެވެ.

ދާދި ފަހުން ހިޒްބުއްލޯއިން ވަނީ ޑްރޯނެއްގެ އެހީގައި އިޒްރޭލުގެ ބަނދަރުމަތީގެ ހައިފާ އާއި އެސަރަހައްދުގެ ރަށުޔތެރޭގެ ބައެއް ތަންތަނާއި އަސްކަރީ މުހިންމު އިސްތިރާޖުތައް ހުންނަ ތަންތަން ވީޑިއޯކޮށް އާންމު ކޮށްފައެވެ.

އަދި ދާދިފަހުން ޔަމަނުގެ ހޫތީން ވަނީ އެމީހުން މޮޑިފައި ކުރި ޑްރޯނެއް އިޒްރޭލުން ވެރިކަން ކުރާ ތެލްއަވީވްގެ އެންމެ އެތެރެއަށް ފޮނުވާލައި ގޮއްވާލާފައެވެ.

އިޒްރޭލަށް ހިޒްބުއްލޯއާއި ހޫތީންނާއި އީރާނުގެ ބިރުވެރިކަން އިންތިހާއަށް ބޮޑުވެފައިވާ މި ދަނޑިވަޅުގައި އިޒްރޭލުން ގެންދަނީ ވަށައިގެން އަންނަ ނުރައްކާތަކަށް ވަރުގަދައަށް ރައްދު ދޭނެ ކަމަށް ބުނެ އިންޒާރު ދެމުންނެވެ.