އދ. ދަނގެތީގެ މަޝްހޫރު ވިޔަފާރިވެރިޔާ މަހްމޫދު އަބޫބަކުރުގެ މަރާލި މައްސަލާގައި ޝާ އަލޮމް މިއާ (ސާލިމް)ގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި މަރުގެ ހުކުމް ދަމަހައްޓަން ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ފައިސާގެ ބޭނުމުގައި އޮކްޓޫބަރު 14، 2021 ވަނަ ދުވަހު މަހްމޫދު މަރާލުމަށްފަހު، އެ ރަށުގައި ހުންނަ ފަޅުގެއެއްގައި ހުރި ވަޅަކަށް އެއްލާލި މައްސަލަ ސާލިމްގެ މައްޗަށް ސާބިތުވެ ކްރިމިނަލް ކޯޓުން ވަނީ އޭނާ މަރަން ހުކުމްކޮށްފައެވެ.

ދަށު ކޯޓުން ސާލިމް މަރަން ހުކުމް އިއްވި ނަމަވެސް، މަރުގެ މައްސަލަތަކުގައި ޝަރީއަތުގެ ތިން މަރުހަލާ ފުރިހަމަ ކުރަން ގާނޫނުގައި ވަނީ ލާޒިމްކޮށްފައެވެ.

ސާލިމްގެ މައްޗަށް އުފުލާފައި ވަނީ ގަސްދުގައި މީހަކު މެރުމުގެ ދައުވާ އާއި، މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ދައުވާއެވެ. އަދި މި މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ޝާ އަލޮމް މިއާ ވަނީ މަހްމޫދު މަރާލީ ވަޅިންނާއި ކޮޅު ތޫނުކޮށްފައިވާ ދަގަނޑަކުން މަހްމޫދުގެ މެޔާއި ކަރަށް ހަމަލާދީގެން ކަމަށާއި މަހްމޫދުގެ ހަށިގަނޑުގެ ބޮލާއި ފަޔަށް ގޯންޏެއް ލައްވައިގެން ގެންގޮސް ފެންވަޅަކަށް ބޯކޮޅުވަތަށް ވައްޓާލި ކަމަށް ބުނެ އިއުތިރާފް ވެފައެެވެ.

ނަމަވެސް ފަހުން ސާލިމް ވަނީ މަހުމޫދު މަރާލި ކަމަށް އިންކާރުކޮށްފައެވެ. އަދި ކުރިން ކުށަށް އިއުތިރާފުވީ، އިއުތިރާފުވުމުން ބަންގްލަދޭޝްއަށް ފޮނުވާލާނެ ކަމަށް ތަހުގީގު މަރުހަލާގައި ތަރުޖަމާނު އޭނާ ކައިރީ ބުނެފައި އޮތުމުން ކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި ދިފާއުވުމުގެ ހައްގުވެސް އޭނާ ވަނީ ދޫކޮށްލާފައެވެ.

ދަށު ކޯޓުގެ ހުކުމުގެ ސައްހަކަން ކަށަވަރުކުރުމަށް ހައި ކޯޓަށް ދައުލަތުން ހުށަހަޅާފައިވާ މައްސަލާގައި ހުކުމް ކުރަން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ނިންމީ މަރުގެ ހުކުމް ދަށު ކޯޓުން ސާބިތުކޮށްފައިވަނީ ސާލިމްގެ އިއުތިރާފުން އެންމެހާ އިޖުރާއަތުތައް ފުރިހަމަކޮށްފައި ކަމުން ސާލިމް މެރުމަށް ދަށު ކޯޓުން ކުރި ހުުކުމް ދެމެހެއްޓުމަށެވެ.

ހައި ކޯޓުގައި މި މައްސަލަ ބެއްލެވީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ހައި ކޯޓުން ދަށު ކޯޓުގެ ހުކުމް ދަމަހައްޓަން ހުކުމް އިއްވީ ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުންނެވެ. ފަނޑިޔާރު ނިޔާޒު އިއްވި ރައުޔައަށް ފަނޑިޔާރު ފަރުހީޒާ ވަނީ ތާއީދުކޮށްފައެވެ.

ދަށު ކޯޓަކުން މަރުގެ ހުކުމް ކުރިޔަސް، އެ ހުކުމާ މެދު މަތީ މަރުހަލާގެ ކޯޓުތަކުން ވެސް ގޮތެއް ނިންމަން ޖެހެ އެވެ. އެހެންކަމުން، ހައި ކޯޓުން ދަށު ކޯޓުގެ ހުކުމަށް ތާއީދުކުރުމާ އެކު ދެން މި މައްސަލަ ފޮނުވާނީ ސުޕްރީމް ކޯޓަށެވެ.

މަހުމޫދުގެ މަރުވެފައިވާ ހަށިގަނޑު ފެނުނީ މިދިޔަ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހުގެ ހަވީރު 3:16 ހާއިރު، މަހުމޫދުގެ އާއިލާއިން އޭނާ ގެއްލިގެން އެ ދުވަހު ހެނދުނު 10:16 ހާއިރު އެންގުމުން، އެ ރަށު މީހުން ތިން ޓީމަކަށް ބަހާލައިގެން ނުކުމެ ރަށުތެރެ ހޯދަމުން ދަނިކޮށެވެ.

އެ މައްސަލާގައި ޝާ އަލޮމް މިއާ ހައްޔަރުކުރީ އޭގެ ދެ ދުވަސް ފަހުންނެވެ. އޭނާއަކީ އެ ރަށުގެ ނެދުންގޭގައި ހުންނަ އުމުރުން ދުވަސްވީ މީހެއް ބަލަހައްޓަން ގެނެސްފައި ހުރި މީހެކެވެ. އެ މައްސަލާގައި ފުލުހުން އޭނާ ހައްޔަރުކޮށް، މަހުމޫދު މަރާލި ގޮތް ވަނީ އޭނާ ލައްވާ ކުޅުވާފައެވެ.

އަދި މި މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ޝާ އަލޮމް މިއާ ވަނީ މަހްމޫދު މަރާލީ ވަޅިންނާއި ކޮޅު ތޫނުކޮށްފައިވާ ދަގަނޑަކުން މަހްމޫދުގެ މެޔާއި ކަރަށް ހަމަލާދީގެން ކަމަށާއި މަހްމޫދުގެ ހަށިގަނޑުގެ ބޮލާއި ފަޔަށް ގޯންޏެއް ލައްވައިގެން ގެންގޮސް ފެންވަޅަކަށް ބޯކޮޅުވަތަށް ވައްޓާލި ކަމަށް ބުނެ އިއުތިރާފް ވެފައެެވެ.