މާލެ ސަރަހައްދުގައި ވެމްކޯއިން ކުނި ނަގަމުންދާ ގަޑިތަކަށާ، މުދާ އުފުލާ ގަޑިތަކަށް ބަދަލު ގެންނަން ނިންމައިފިއެވެ.

މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަމާ އަމާންކަން ކަށަވަރުކުރުމަށް ފެށި "މާލެ ވެހި" ޕްރޮގްރާމްގެ ދަށުން މާލެ ސަރަހައްދު ތޮއްޖެހުމުން ސަލާމަތް ކުރުމަށް މިހާރު ކުނިނަގާ ގަޑިތަކާ މުދާ އުފުލާ ގަޑީތަކަށް ބަދަލު ގެންނަން ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން އަންނަ އޮގަސްޓްމަހުގެ 1 ވަނަ ދުވަހުން ފެށިގެން މި ބަދަލަށް އަމަލުކުރަން ނިންމާފައިވާއިރު، ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި މިކަން އެއްކޮށް ތަންފީޒުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

މިގޮތުން ސަރުކާރުން ބުނީ މިހާރު އޮންނަ ގޮތުން ކުނި ނެގުމާ، މުދާ އުފުލުމަށް ވަކި ގަޑިތަކެއް ކަނޑައެޅިފައި ނެތުމުގެ ސަބަބުން ސްކޫލް ގަޑިތަކާއި އޮފީސް ގަޑިތަކުގައި ވެސް މާލޭގެ މަގުތައް އޮންނަނީ ވެހިކަލްތަކުން ތޮއްޖެހިފައިކަމަށެވެ. އެހެންކަމުން ކަމާއި ގުޅުންހުރި ފަރާތްތަކުގެ މަޝްވަރާއާއި އެކު ވަކި ސައިޒަކަށްވުރެ ބޮޑެތި ވެހިކަލްތައް ބޭނުންކޮށްގެން މުދާ އުފުލުމަށް ވަކި ގަޑިތަކެއް ކަނޑައަޅާގޮތަށެވެ. އޮގަސްޓު 1 ވަނަ ދުވަހުން ފެށިގެން ވެމްކޯއިން ކުނި ނަގާނީ ރޭގަނޑު 10 އިން ފަތިހު 5:00 އަށެވެ. އަދި ކަނޑައެޅޭ ވަކި ސައިޒެއްގެ އުޅަނދުތައް ބޭނުންކޮށްގެން މުދާ އުފުލަން ނިންމާފައިވަނީ ރޭގަނޑު 8 އިން ފަތިހު 5 އަށެވެ.

މާލެ ފަހި ޕްރޮގްރާމަކީ ގްރޭޓަރ މާލެ ސަރަޙައްދުގެ މަގުމަތީގައި ދުއްވާ އުޅަނދުތައް ގިނަވުމުގެ ސަބަބުން ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ފެށި ޕްރޮގްރާމެކެވެ.