އެކައުންޓްތަކުން ފައިސާ ފޭރުމަށް ހިންގާ ސްކޭމް މައްސަލަތަކުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލްގެ) މުވައްޒަފެއްގެ ބައިވެރިވުމެއް ނެތް ކަމަށް އެ ބޭންކުން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި ވާހަކަދައްވަމުން ބީއެމްއެލްގެ ޑިރެކްޓަރު އޮފް ރީޓެއިލް ބިޒްނަސް އެން އެސްއެމްއީ މޫސާ ނިމާލް ވިދާޅުވީ، ސްކޭމް މައްސަލަތަކުގައި އެ ބޭންކުގެ މުވައްޒަފުންގެ އެއްވެސް ހިއްސާއެއް ނުވާކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އެ ގޮތުން އެކައުންޓުތަކުން ފައިސާ ގެއްލޭ މައްސަލަތަކުގައި ކަމާ ގުޅުން ހުރި އިދާރާތަކުން ހިންގާފައިވާ ތަހުގީގުން، މިހާތަނަށް އެއްވެސް މައްސަލައެއްގައި ބޭންކުގެ މުވައްޒަފަކު ބައިވެރިވި ކަމުގެ އިޝާރާތެއް ލިބިފައިނުވާ ކަމަށް މޫސާ ނިމާލް ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ މިއަހަރުގެ ދެވަނަ ކުއާޓަރުގައި ސްކޭމްގެ 700 މައްސަލައެއް ރިޕޯޓްކޮށްފައިވާއިރު މީގެ ތެރެއިން 39ޕަސެންޓަކީ ފޯނުން ގުޅައިގެން އާއިލާގެ މީހަކަށް ވެގެން ނުވަތަ އާއިލާ މީހެއްގެ ވައިބާ ހެކްކޮށްގެން ޓްްރާންސްފާ ކޮށްގެން ހިންގާފައިވާ ސްކޭމްތަކުގެ މައްސަލަ ކަމަށެވެ. މީގެ އިތުރުން 35 ޕަސެންޓަކީ އެކިކަހަލަ ފޯރަމް ނުވަތަ މާކެޓްޕްލޭސްތަކުގައި މުދާ ގަންނަން ފައިސާ ފޮނުވައިގެން ވީގޮތެއް ނޭނގުނު މައްސަލަތައް ކަމަށް މޫސާ ނިމާލް ވިދާޅުވިއެވެ. އަދި 20 ޕަސެންޓަކީ ވައިބާ އާއި ޓެލެގްރާމް ގުރޫޕުތަކުގައި ހިންގާ ފޮރިން ކަރެންސީ ސޭލްތަކުގައި ބައިވެރިވެގެން ފައިސާ ފޮނުވުމުގެ މައްސަލަތައްކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.

އިތުރަށް ނިމާލް ވިދާޅުވީ މުޅި އަހަރަށް ބަލާއިރި އިންޓަނެޓް ބޭންކިން ނޫނީ އެޕްގެ އެކައުންޓު ލޮގިންވެގެން ހިންގާފައިވަނީ 10 ޕަސެންޓް ސްކޭމްކަމަށާ އެފަދަ މައްސަލަތަކުގައި ވެސް ބޭންކްގެ އެއްވެސް ސިސްޓަމެއްގެ ސެކިއުރިޓީއަށް މައްސަލަ ދިމާނުވާކަމުގެ ޔަގީންކަން އޮތް ކަމަށެވެ. އަދި އެކައުންޓުތަކުގެ ސެކިއުރިޓީ ވަރުގަދަ ކުރުމަށްޓަކައި ޓޫ ފެކްޓާ އޯތެންޓިކޭޓާ ހިމަނައި، އީމެއިލް ބޭނުންކުރުން ހުއްޓުވިފައިވާކަން ފާހަގަކޮށް ނިމާލު ވިދާޅުވީ އެ ބަދަލުތަކާއެކު ބީއެމްއެލްގެ އިންޓަނެޓް ބޭންކިން ލޮގިން ސެކިއުރިޓީ ބައިނަލްއަގުވާމީ މިންގަނޑާ އެއްވަރަށް ވަރުގަދަކޮށްފައިވާ ކަމަށެވެ.