ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އިތުބާރު ނެތް މައްސަލަ އަވަސް އަރުވާލައިގެން ކުރިއަށް ގެންގޮސް ނިންމަން ނިމިދިޔަ 19 ވަނަ މަޖިލީހުން މަޖިލީހުގެ ގަވައިދަށް ގެނައި އިސްލާހު ބަދަލު ކޮށްފިއެވެ.
އެ ގަވައިދަށް ގެނައި އިސްލާހުގެ ރިޕޯޓުގައި ބުނެފައި ވަނީ، ރައީސް އާއި ނައިބު ރައީސް ވަކި ކުރުމުގެ މަރުހަލާ ކުރިޔަށް ގެންދިޔުމަށް ކަނޑައަޅާފައިވާ ވަގުތުތަކާއި މުއްދަތުތަކަކީ އެކަށީގެންވާ ވަގުތުތަކެއް ނޫން ކަމަށެވެ. އެގޮތުން ނިމިދިޔަ 19 ވަނަ މަޖިލީހުން ގެނައި އިސްލާހުގައި ވާ ގޮތުގައި، ރައީސް ނުވަތަ ނައިބު ރައީސް ވަކިކުރަން ހުށަހަޅާ ގަރާރެއް ތަހުގީގު ކުރާ ހަތް މެންބަރުންގެ ކޮމިޓީން ގިނަ ވެގެން ފަސް ދުވަސް ތެރޭގައި އެ މައްސަލަ ބަލައި ނިންމަން ޖެހެއެވެ. ނަމަވެސް އާންމު ކޮމިޓީން މިހާރު ވަނީ އެ މުއްދަތު 10 ދުވަހަށް ބަދަލުކޮށްފައެވެ.
ހަމައެއާއެކު ކޮމިޓީ އަށް އެ މައްސަލާގައި އެއްވެސް މީހަކު ހާޒިރު ކުރާނަމަ ދެ ގަޑިއިރުގެ ނޯޓިސްއެއް ދޭން ޖެހޭނެ ކަމަށް އޮތް މާއްދާ ބަދަލުކޮށް ވަނީ ފަސް ދުވަހުގެ ނޯޓިސް އަކަށް ބަދަލު ކޮށްފައެވެ. އަދި ކޮމިޓީގެ ބައްދަލުވުން ބާއްވަން ވެސް މެންބަރުންނަށް ހަ ގަޑިއިރުގެ ނޯޓިސްއެއް ދޭން ޖެހޭ ގޮތަށް އޮތް މާއްދާ ވަނީ 24 ގަޑިއިރަށް ބަދަލު ކޮށްފައެވެ.
މީގެ އިތުރުން ތަހުގީގު ކޮމިޓީގެ ރިޕޯޓަށް ޖަވާބުދާރީވާން ރައީސަށް ދެ ދުވަހުގެ މުއްދަތެއް ލިބިވަޑައިގަންނަވާނެ ކަމަށް މީގެ ކުރިން ގަވައިދުގައި ބުނެފައިވާ އިރު އެ މުއްދަތު ވެސް ވަނީ ހަތް ދުވަހަށް އިތުރު ކުރަން ފާސްކޮށްފައެވެ.
މަޖިލީހުން މިއަދު އެ އިސްލާހުތައް ފާސްކުރީ، ތަޅުމަށް ހާޒިރުވެ ތިއްބެވި 65 މެންބަރުންގެ ތެރެއިން 64 މެންބަރުންގެ އިއްތިފާގުންނެވެ.