އެމެރިކާގެ އާ ރައީސަކަށް އިންޑިއާ ދަރިކޮޅުގެ ކަމަލާ ހެރިސް ވެވަޑައިގަތުމަކީ އިންޑިއާގެ ރަށްފުށުގެ އަވަށެއް ކަމުގައިވާ ތުލަސުންދުރަޕޫރަމް ގެ ރައްޔިތުންގެ ހުވަފެނެކެވެ. އެމީހުން އުފަލުން ހަފްލާތައް ބާއްވާ, ހެރިސްގެ ފޮޓޯޖެހި ބޮޑެތި ޕޯސްޓަރުތައް އަވަށުގެ އެތަން މިތާނގައި ދަނީ ހަރުކުރަމުންނެވެ.

އެ އަވަށުގެ މީހުން ބުނާގޮތުން ހެރިސްގެ އާއިލާ ނުވަތަ ދަރިފަސްކޮޅު އައިސްފައިވަނީ އެ އަވަށުންނެވެ.

އިންޑިއާގެ މެޑްރާސް އާ 300 ކިލޯމީޓަރު ދުރުގައި އޮންނަ އެ އަވަށުގައި ހެރިސް އަށް ހާއްސަކޮށް ކާމިޔާބީއަށް އެދި ފައްޅިތަކުގައި އަޅުކަން ކުރަމުން ދާ އިރު, އެ އަވަށުގެ މައި ފައްޅިއަށް އެހީވެދޭ މީހުންގެ ލިސްޓުގައިވެސް ހެރިސް އާއި އޭނާގެ ކާފަގެ ނަން އެބައޮތެވެ.

އެ އަވަށުގެ މީހުން ބުނީ, މީގެ ކުރިން ބޭރު މީހުން ވެރިކަން ކުރީ އިންޑިއާގައި ނަމަވެސް މިއަދު އިންޑިއާ އަށް ނިސްބަތްވާ މީހުން ދުނިޔޭގެ އެންމެ ބާރުގަދަ ގައުމުތަކުގެ އެންމެ އިސް ވެރިންގެ ގޮތުގައި ފެނިގެން ދިއުމަކީ އުފަލެއް ކަމަށެވެ.

އެ ވިލެޖްގެ މީހުން ބުނާގޮތުން, އެންމެ ކުޑަކުއްޖާއަށް ދާންދެން ހެރިސް އަކީ ކޮންބޭފުޅެއްކަން ދަނެއެވެ. އަދި އެއީ އެ އަވަށާއި މުޅިން އިންޑިއާގެ އަންހެންވެރިންނަށް ލިބިގެންދާ ފަހުރަކާއި ޝަރަފެކެވެ.

ހެރިސް އަކީ އެމެރިކާގެ މިހާރުގެ ނައިބު ރައީސްއެވެ. އަންނަ ނޮވެމްބަރުގައި އޮންނަ އެމެރިކާގެ ރިޔާސީ އިންތިހާބަށް ޑިމޮކްރެޓިކް ޕާޓީން ނިކުމެވަޑައިގަތުމަށް ކުރިން ނިންމެވި ރައީސް ޖޯ ބައިޑަން, ރިޔާސީ ރޭހުން ވަކިވެވަޑައިގަތުމާއެކު އެ މަގާމު ދެން ލިބިވަޑައިގަންނަވަނީ ހެރިސް އަށެވެ.

އަންނަ މަހު ބާއްވާ އެ ޕާޓީގެ ކޮންވެންޝަންގައި ރިޔާސީ ކެންޑިޑޭޓަކީ ހެރިސް ކަމަށް ރަސްމީކޮށް ހަމަޖެހިގެންދާނެ އެވެ.

އެމެރިކާގެ ރައީސްކަން ހެރިސް އަށް ލިބިވަޑައިގެންފި ނަމަ އޭނާ ވެވަޑައިގަންނަވާނީ އެމެރިކާގެ ތާރީހުގައި ވެރިކަން ލިބިވަޑައިގަންނަވާ ކަޅު ނަސްލުގެ ފުރަތަމަ އަންހެން ބޭފުޅާއަށެވެ. ހެރިސްގެ ބައްޕައަކީ ދެކުނު އެފްރިކާއަށް ނިސްބަވްތާ ބޭފުޅެއް ކަމުން އޭނާގެ ނިސްބަތް އަންނަނީ ކަޅު ނަސްލަށެވެ. އިންޑިއާ އަށް ނިސްބަތްވަނީ ހެރިސްގެ މަންމައެވެ.