ރާއްޖޭގައި ވަޒީފާ އަދާކުރުމަށް އެއް ގައުމަކުން މީހުން ގެނެވޭނެ އަދަދު ކަނޑައެޅުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ލިބޭ ގޮތަށް ހެދުމަށް ވަޒީފާ އާ ބެހޭ ގާނޫނަށް އިސްލާހެއް ހުށަހަޅައިފިއެވެ.

ވަޒީފާ އާ ބެހޭ ގާނޫނުގައި މިހާރު އޮންނަ ގޮތުން:

  • އެއް ގައުމަކުން ރާއްޖެއަށް ގެނެވޭނީ އެއްލައްކަ މީހުން
  • އެއްލައްކައަށް ވުރެ ގިނަ މީހުން ގައުމަކުން ގެނެސްފިނަމަ، ތިން އަހަރުތެރޭ އެ އަދަދަށް ފައްތަންވާނެ ކަން

ސަރުކާރުގެ ފަރާތުން ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދު ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން، ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ގެންނަ ބިދޭސީންގެ އަދަދާއި ދާއިރާތައް ވަޒީފާ އާ ބެހޭ ގާނޫނުގެ ދަށުން އެކުލަވާލާ ގަވައިދެއްގެ ތެރެއިން ހެދިދާނެއެވެ. އެ އިސްލާހުގައިވާ ގޮތުން:

  • ވަޒީފާ އަދާކުރަން ބިދޭސީން ގެނެވޭނެ އަދަދު ވަޒީރުންގެ މަޖިލީހުން ކަނޑައަޅަން ވާނީ ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ކުރާ އަސަރު ދެނެގަތުމަށް ހަދާ އެސެސްމެންޓަކަށް ފަހު
  • އެ އެސެސްމެންޓުގައި ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ހުރި ދަތިތަކާއި ބިދޭސީން ކޮންމެހެން ބޭނުންވާ މިންވަރާއި ބިދޭސީން ވަޒީފާ އަދާކުރާ މިންވަރު ހިމަނަން ވާނެ

އެ އިސްލާހުގައި އިތުރަށް ބުނެފައިވާ ގޮތުން، ވަކި ދާއިރާއަކަށް ނުވަތަ ވަކި ގައުމަކަށް ކަނޑައެޅިފައިވާ ވަރަށް ވުރެ އިތުރަށް ބިދޭސީން ވަޒީފާ އަދާކުރަމުންދާ ނަމަ، ބިދޭސީންގެ އަދަދު ހިފެހެއްޓުމަށްޓަކައި ވަކި މުއްދަތުތަކެއް ކަނޑައަޅަން ވާނެއެވެ. އަދި އެ މުއްދަތުތައް ކަނޑައަޅަން ވާނީ އެކަށީގެންވާ ނޯޓިހެއް ދިނުމަށް ފަހު ތިން އަހަރަށް ވުރެ އިތުރުނުވާ ގޮތަށެވެ.

ރާއްޖޭގައި ބަންގްލަދޭޝްގެ ލައްކައަކަށް ވުރެ ގިނަ މީހުން އުޅޭތީ އެ ގައުމުން މީހުން ގެނެސް މަޑުޖައްސާލައި، ބަދަލުގައި އިންޑިއާއިން މީހުން ގެނައުމަށް ހުއްދަދިނީ ނިމިދިޔަ ސަރުކާރުންނެވެ. މި ސަރުކާރުން ވަނީ އެ ނިންމުން ބާތިލުކޮށްފައެވެ.