ޕްރިޕެއަރިންގް އައުޓާ އައިލެންޑްސް ފޯ ސަސްޓެއިނަބަލް އެނާޖީ ޑިވެލޮޕްމަންޓް (ޕޮއިސްޑް) ޕްރޮޖެކްޓް ގެ ދަށުން ތ. އަތޮޅުގެ 12 ރަށުގައި ސޯލާ ޕީވީ ނިޒާމް ގާއިމުކޮށްފިއެވެ.

ތ. އަތޮޅުގެ 12 ރަށުގައި ގާއިމުކޮށްފައިވާ ސޯލާ ޕީވީ ހައިބްރިޑް ޕަވާ ސިސްޓަމްތައް އިފްތިތާހުކޮށްދެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމްއެވެ.

ޕޮއިސްޑް ޕްރޮޖެކްޓަކީ ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓުގެ ހިދުމަތުގެ ޔަގީންކަން އިތުރުކުރުމަށް ހިންގާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން 5.88 މެގަވޮޓްގެ އިރުގެ އަލިން ހަކަތަ އުފެއްދޭނެ މަގުފަހި ވެގެންދާނެއެވެ. އަދި ހަމައެހެންމެ 4.45 މެގަވޮޓު އަވާ ގެ ބެޓެރީ އެނާޖީ ސްޓޯރޭޖު ގާއިމުކުރަށްވެސް މި މަޝްރޫއުގެ ދަށުން ވަނީ ނިންމާފައެވެ.

މި ނިޒާމުގެ ސަބަބުން އަހަރަކު 2.4 މިލިއަން ލިޓަރުގެ ޑީސަލް ސަލާމަތްކޮށް އަހަރަކު 37 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް މިނިސްޓަރު ތޯރިގް ވަނީ ވިދާޅުވެފައެވެ. އަދި ހަމައެހެންމެ ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ ތެރެއިން 6500 ޓަނުގެ ކާރބަންޑައި އޮކްސައިޑް އިކްއިވެލަންޓް މަދުކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

2028ގެ ނިޔަލަށް ރާއްޖޭގައި ކަރަންޓު އުފެއްދުމަށް ބޭނުންވާ ހަކަތައިގެ 33 ޕަސެންޓު އިއާދަކުރަނިވި ހަކަތައަށް ބަދަލު ކުރުމަކީ މި ސަރުކާރުގެ އެއް އަމާޒުކަމަށްވާއިރު ރާއްޖެއިން ލިބެންހުރި އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށް، ކަރަންޓު އުފެއްދުން އިތުރުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ސަރުކާރުން ވަނީ ފަށާފައެވެ.

މީގެ އިތުރުންވެސް ހަމައެކަނި ޑީސަލުން ކަރަންޓު އުފައްދާގޮތަށް ރަށްރަށުގައި ގާއިމުކޮށްފައިވާ ދުވަސްވީ ވަސީލަތްތަކުގެ ބަދަލުގައި ސޯލާ-ޑީސަލް-ބެޓެރީ ހައިބްރިޑް ސިސްޓަމްތަކަކަށް ބަދަލުކުރުމަކީވެސް ސަރުކާރުގެ އެއް އަމާޒެވެ.

ސޯލާ ހަކަތައިން ކަރަންޓު އުފައްދައި ބޭނުންކުރުމަށް ގޭބިސީތަކަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން "މަގޭ ސޯލާ" ނަމުގައި ޕްރޮގްރާމެއްވެސް ވަނީ އެންވަޔަރަންމަންޓް މިނިސްޓްރީން މިދިޔަ ނޮވެމްބަރު މަހު އިފްތިތާހް ކޮށްފައެވެ. މިއީ ކަރަންޓު ބިލަށް ކުރާ ހޭދަ ކުޑަކުރުމަށާއި ތެލުން އުފައްދާ ހަކަތަ ރާއްޖޭގައި ބޭނުންކުރާ މިންވަރު މަދުކުރުމަށް އަމާޒުކޮށްގެން ސަރުކާރުން ހިންގާ ޕްރޮގްރާމެކެވެ.