ލާމަރުކަޒީ ނިޒާމަށް ގެންނަ ބަދަލުތަކަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ވާންޖެހޭ ތައްޔާރީތައް ވާން ފަށާފައި ވާކަމަށް ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

ލޯކަލް ގަވަމަންޓް މިނިސްޓްރީން އާންމު ކުރި ވީޑިއޯއެއްގައި އާދަމް ޝަރީފް ވިދާޅުވީ, ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމާ ބެހޭ ދިރާސާއެއް ގައުމީ ޔުނިވާސިޓީން ހަދަމުން އަންނަކަމަށެވެ. އަދި އެ ދިރާސާގެ ނަތީޖާ ލިބޭ ހިސާބުން ރައްޔިތުންނާ އެކަމާ ގުޅޭ މަޝްވަރާތައް ފެށުމަށް ވާންޖެހޭ ތައްޔާރީތައް މިނިސްޓްރީން ވަމުން އަންނަކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން އާދަމް ޝަރީފް ވިދާޅުވީ މިނިސްޓްރީގެ އަމާޒަކީ ލާމަރުކަޒީ ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަނެ، އެކަމުގައި ރައްޔިތުންނަށް ފެންނަ ފުރިހަމަ ހިޔާލުތައް ހޯދުމަށް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރުން ކަމަށެވެ. "އަޅުގަނޑުމެންގެ އަމާޒަކީ, ލާމަރުކަޒީ މުޅި ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް އަދި ހާއްސަ ގޮތެއްގައި ލާމަރުކަޒީ ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަނެ އެކަމުގައި ރައްޔިތުންނަށް ފެންނަ ހިޔާލުތައްފުޅާ ދާއިރާއެއްގައި ހޯދުމަށް މަސައްކަތް ކުރުން" އާދަމް ޝަރީފް ވިދާޅުވިއެވެ.

އިތުރަށް އާދަމް ޝަރީފް ވިދާޅުވީ މި ދިރާސާތައް ނިމުމުން ޖެހިގެން އަންނަ ހަފްތާގައި ރައްޔިތުންގެ ހިޔާލަށް ހުޅުވާލާނެ ކަމަށެވެ.

ލާމަރުކަޒީ ނިޒާމަށް ބަދަލު ގެނައުމުގެ މަސައްކަތްކުރަމުން އަންނައިރު، ރައީސް ޑރ.މުހައްމަދު މުއިއްޒުވަނީ ލާމަރުކަޒީ ނިޒާމު މިހާރު އޮތްގޮތުން އެ ނިޒާމު ހިނގަންޖެހޭ ފުރިހަމަ މާނައިގައި ނުހިނގާ ކަމަށާއި ބައެއް ބަދަލުތައް ގެންނަން ޖެހޭކަން ފާހަގަ ކުރައްވާފައެވެ.