ކަޅުނަސްލުގެ ފުރަތަމަ އަންހެން ނައިބުރައީސާ ކަމުގެ ޝަރަފު ލިބިވަޑައިގެންފައިވާ ހެރިސް ހެރިސް އަކީ އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑަންގެ ރަނިން މޭޓެވެ. ބައިޑަން ވިދާޅުވާގޮތުން ނައިބު ރައީސަކަށް ހެރިސް ނެންގެވުމަކީ އޭނާ އަށް އެޅުއްވުނު އެންމެ ހަރުދަނާ ފިޔަވަޅެވެ.

އެމެރިކާގައި ނައިބު ރައީސްގެ ދައުރަކީ މާ ބޮޑު ހަރަކާތްތަކެއް އޭނާގެ ދަށުގައި އޮންނަ ދައުރަކަށް ނުވާ އިރު ބައިޑަންގެ މި ދައުރުގައި ހެރިސްގެ ދައުރު މާބޮޑަށް ފެނިގެން ގޮސްފައި ނުވުމަކީ, ބައިޑަންގެ ބަދަލުގައި ޑިމޮކްރޭޓުންގެ އާ ކެންޑިޑޭޓަކަށް ހެރިސް ހަމަޖެއްސުމާ މެދު ބައެއް މީހުން ހިޔާލުތަފާތުވާ މައްސަލައެކެވެ.

އެމެރިކާގެ މިއަދުގެ ސިޔާސީ ހަގީގަތާ ކުރިމަތިލައި ހެރިސްއަށް އިދިކޮޅު ކެންޑިޑޭޓު ޑޮނާލްޑް ޓްރަމްޕް ބަލިކުރެއްވިދާނެތޯ އާއި އެމެރިކާ އެކަތިގަނޑަކަށް ހެއްދެވިދާނެތޯ އާންމުން ސުވާލު އުފައްދައެވެ.

ރިޔާސީ ކެންޑިޑޭޓަކަށް ހެރިސް ހަދަން ބައިޑަން ހުށަހަޅުއްވާފައި ވާ އިރު, ގޮތް ނިންމާނީ އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ އެ ޕޮޓީގެ ނެޝަނަލް ކޮންވެންޝަންގައެވެ.

ހެރިސް އަކީ ކާކު؟

އެފްރިކާގެ ބައްޕައަކާއި އިންޑިއާގެ މަންމަ އަކަށް އުފަން އުމުރުން 59 އަހަރުގެ ހެރިސް އުފަންވެވަޑައިގަތީ އޯކްލޭޑްގައެވެ.

ހާވަޑް ޔުނިވާސިޓީން ކިޔަވައި ވިދާޅުވުމަށް ފަހު ގާނޫނީ ދާއިރާއިން މަތީތައުލީމު ހާސިލު ކުރެއްވީ, ސެން ފްރެންސިސްކޯގައި ހުންނަ ކެލިފޯނިއާ ކޮލެޖެ އޮފް ލޯ އިންނެވެ. އެއަށް ފަހު އަމަލީ މަސައްކަތް ފެއްޓެވީ އަލަމެންޑާ ކައުންޓީ ޑިސްޓްރިކްޓް އޮފީހުންނެވެ. ފަހުން ސެންފްރެންސިސްކޯގެ ޑިސްޓްރިކްޓް އެޓާނީ އޮފީހުގައި މަސައްކަތް ކުރައްވާފައި ވެއެވެ.

އެއަށްފަހު 2003 ގައި އެ ޑިސްޓްރިކްޓްގެ އެޓާނީ އަކަށް ވެވަޑައިގަތުމަށް ފަހު ކެލިފޯނިއާގެ އެޓާނީ ޖެނެރަލްގެ މަގާމު ލިބިވަޑައިގެން ދެން މަސައްކަތް ކުރެއްވީ ކެލިފޯނިއާގައެވެ.

ރިޕަބްލިކަނުންގެ މިހާރުގެ ކެންޑިޑޭޓް އަދި ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް ފާޑުގައި ފާޑުވިދާޅުވަމުން ގެންދަވާ ހެރިސް 2016 ގައި މަޖިލީހަށް ހޮވިވަޑައިގަތެވެ.

ކައިވެނި ބައްލަވައިގެންފައި ވަނީ ލޯޔަރެއް ކަމަށް ވާ ޑޯ އެމްހޯފް އާއެވެ. އެ ދެކަނބަލުންނަށް ބޭފުޅަކު ލިބިވަޑައިގެންފައެއް ނުވެއެވެ.

ނައިބުރައީސްކަން ލިބިވަޑައިގަތުން

ހެރިސްގެ މަސައްކަތްޕުޅާއި 2018 ގައި ސްޕްރީމް ކޯޓަށް އައްޔަން ކުރަން ހުށަހެޅި ކެންޑިޑޭޓް ބްރެޓް ކަވަންނާ އާ ހެރިސް ކުރިމަތި ކުރެއްވި ވަރުގަދަ ސުވާލުތަކުގެ ސަބަބުން އޭނާގެ މަގުބޫލުކަން އިތުރުވެން ދިޔައެވެ. އެއަށްފަހު 2020 ވަނަ އަހަރު ބައިޑަންގެ ރަނިންމޭޓަކަށް ވެވަޑައިގަތުމަށް ވާދަކުރައްވައި ކުރިއަށް ދިޔަ ބަހުސްގައި ލިބިވަޑައިގެންނެވި ނާކާމިޔާބީއާއެކު އޭނާ 'ގެއްލުނު' އެވެ.

ނަމަވެސް ރަނިންމޭޓަކަށް ނަންނަގަވާނީ އަންހެން ބޭފުޅެއް ކަމަށް ބައިޑަން އިއުލާން ކުރެއްވުމާއެކު އެ ބޭފުޅަކީ ހެރިސް ކަމަށް ގިނަބަޔަކު އައީ ބުނަމުންނެވެ. އެއީ ހެރިސް ނަގައިފިނަމަ ކަޅު ނަސްލާއި އެމެރިކާގެ ރައްޔިތުންގެ ގޮތުގައި ދިރިއުޅޭ 4 މިލިއަނެއްހާ އިންޑިއާ ދަރިކޮޅުގެ މީހުންގެ ވޯޓު ޔަގީންވާނެ ކަމަށް ބަލައިގެންނެވެ.

ހެރިސް އަށް ޓްރަމްޕާ ވާދަ ކުރެއްވިދާނެތަ؟

ސުވާލު އުފެދެނީ, އެމެރިކާގެ ތާރީހުގައި އަންހެނަކަށް ވެރިކަން ލިބިވަޑައިގެންފައި ނެތުމާއި, ހެރިސްގެ މަގުބޫލުކަމާމެދު އެމެރިކާގެ ރައްޔިތުންގެ މަދުގައި ކުރެވެމުންދާ ބަހުސްތަކުގެ ސަބަބުންނެވެ. ސާވޭތަކުން މިހާތަނަށް ދައްކާ ގޮތުން, ބައިޑަން އަށް ވުރެވެސް ހެރިސްގެ މަގުބޫލުކަން އެމެރިކާގައި ކުޑައެވެ. ޕާޓީ ބޮޑަސް ވޯޓުލާން ތިބޭ މީހުންގެ މެދުގައި މަގުބޫލުކަމެއް ނެތް ބޭފުޅެއްގެ ގޮތުގައި ހެރިސް ލިސްޓު ކުރާ އިރު އޭނާއަށް ލިބިވަޑައިގަންނަވާނެ ކަމަށް ބުނަނީ 39 ޕަސެންޓް ވޯޓެވެ. ރިޔާސީ ރޭހުން ވަކިވެވަޑައިނުގެން ބައިޑަން ލެއްވި ނަމަ 41 ޕަސެންޓް ލިބިވަޑައިގަންނަވާނެ ކަމަށް ދައްކައެވެ. ނަމަވެސް މިއީވެސް ޓްރަމްޕް ބަލިކުރެވޭނެ ނަތީޖާއެއް ނޫނެވެ.

ހެރިސް އަކީވެސް ބައިޑަން ފަދައިން އިޒްރޭލުގެ މައްސަލައިގައި ހިފެހެއްޓުމެއް ނެތި ތާއީދު ކުރައްވާ ބޭފުޅެކެވެ. އެއީ ޔަހޫދީންގެ ތާއީދު އޭނާއަށް އޮތް ސަބަބެއް ކަމަށް ވާއިރު, ކުރިއަށް އޮތް އިންތިހާބުގައި އޭނާ ހޮވަން މަސައްކަތް ކުރާނެ ބަޔަކީވެސް އެމެރިކާގެ ޔަހޫދީން ކަމަށް ބެލެވެއެވެ.

އިޒްރޭލުގެ ބޮޑުވަޒީރު މިއަދު އެމެރިކާއަށް ދިޔުމަށް ހަމަޖެހިފައިވާ އިރު މިދަތުރުގައި ވެސް ހެރިސް އާ ބައްދަލު ކުރާނެއެވެ. މި ބައްދަލުވުމާ ގުޅޭ މާބޮޑު ތަފްސީލުތަކެއް އަދި މީޑިއާއަށް ތިލަވެފައި ނުވާ އިރު ހެރިސް އަކީ, އިޒްރޭލުން ގާޒާއަށް އަރާ ދެމުން ގެންދާ ހަމަލާތަކާ ގުޅިގެން ހަމަލާތައް ހުއްޓާލުމަށް ގޮވާލެއްވި ޑިމޮކްރެޓިކް ޕާޓީގެ އެންމެ އިސް ލީޑަރުގެ ގޮތުގައިވެސް ފާހަގަ ކުރެވިފައި ވެއެވެ.