ވަޒީފާ ދިނުމުގައި 1971 ގެ ހަނގުރާމައިގައި ބައިވެރިވި ފަރާތްތަކުގެ އާއިލާތަކަށް 30 ޕަސެންޓް ކޯޓާ ކަނޑައަޅާފައި އޮންނަ މައްސަލައިގައި ފެށި މުޒާހަރާ ހޫނުވެ އާންމުން މަރުވަމުން ދިޔުމާއެކު ރައްޔިތުން މިހާރު ބޭނުންވަނީ ހަސީނާގެ ވެރިކަން ވައްޓާލަން ކަމަށް ބުނެފިއެވެ.

ބަންގްލަދޭޝްގެ ބައެއް ރައްޔިތުން ބުނީ, މުޒާރަހާތައް ފެށުނީ ކޯޓާގެ މައްސަލައިގައި ނަމަވެސް ފުލުހުން ނިކުމެ އާންމުންނާ ކުރިމަތިލައި ބަޑިޖަހާ އާންމުން މަރާފައި ވުމުން, މުޒާހަރާއަށް ނިކުތް ސަބަބު މިހާރު ބަދަލުވެއްޖެ ކަމަށާއި, ދެން އޮތް ގޮތަކީ ބޮޑުވަޒީރު ޝައިހު ހަސީނާ އިސްތިއުފާ ދެއްވައި އާންމުންގެ ތެރެއަށް ނިކުމެވަޑައިގަތުން ކަމަށެވެ. އަދި އޭނާ ހަވަރަށް ދޭން ބޭނުންވާ ކަމަށް ވެސް ބައެއް މީހުން ބުނެފައި ވެއެވެ.

އެމީހުން ބުނާގޮތުން ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ އަދަދު މިހާރު 600 އަށް ވަނީ އަރާފައެވެ. ނަމަވެސް މި އަދަދަކީ އެގައުމުގެ ރަސްމީ އެއްވެސް އިދާރާއަކުން ހާމަ ކޮށްފައި ވާ އަދަދުތަކެއް ނޫނެވެ.

ބަންގްލަދޭޝްގެ މަޝްރަހާ ބެހޭގޮތުން ރިޕޯޓު ކުރަމުން ރޮއިޓާސް އާއި އެނޫންވެސް ބައިނަލްއަގުވާމީ ބައެއް ނޫސްތަކުގައި ބުނެފައި ވަނީ މަރުވި މީހުންގެ އަދަދު 140 އަށް ވުރެ މައްޗަށް ގޮސްފައި ވާ ކަމަށެވެ.

މުޅި ގައުމުން އިންޓަނެޓާއި މުވާސަލާތީ ހިދުމަތް ކަނޑާލާފައި ވުމުން ގައުމުން ބޭރަށް އަދި ބޭރު ގައުމުތަކުގައި ތިބި ފަރާތްތަކަށް ގައުމުގައި ތިބި އެމީހުންގެ އާއިލާ ތަކަށް ގުޅޭނެ ގޮތެއް ނެތެވެ.

މާލެއަކީ ބަންގްލަދޭޝްގެ ގިނަ ބަޔަކު ދިރިއުޅެމުން އަންނަ ތަނަކަށް ވާއިރު, މާލޭގައި ތިބި ބަންގަލްދޭޝްގެ ބައެއް ރައްޔިތުން ބުނީ, އާއިލާގެ މެންބަރުންގެ ހާލެއް, ހަބަރެއް އެމީހުންނަށް ނުލިބޭތާ 4 ދުވަސް ވެއްޖެ ކަމަށާއި, މަރުވީ ކަމެއް ދިރިހުރިކަމެއްވެސް ސާފުނުވާ ކަމަށެވެ. އަދި އޭގެ ތެރެއިން އެކަކު ބުނީ, އޭނާ އަކީ މީގެ ކުރިން ބޮޑުވަޒީރު ހަސީނާ އަށް ތާއީދު ކުރި މީހެއް ނަމަވެސް މުޒާހަރާގެ ބައިވެރިންގެ ގަޔަށް ބަޑިޖަހާ އަދި އެނޫންވެސް އަނިޔާތަކުގައި އާންމުން މަރުވެފައި ވުމުން, ދެން ހަސީނާއަށް ތާއީދު ކުރުން ނިމުނީ ކަމަށެވެ.

ވަޒީފާ ދިނުމުގައި ކަނޑައަޅާފައި އޮތް ކޯޓާގެ މައްސަލަ ހޫނުވެގެން ހަމަނުޖެހުމަށް މުޒާހަރާ ބަދަލުވެފައި ވާ މިދަނޑިވަޅުގައި ސްޕްރީމް ކޯޓުން މިހާރު ވަނީ ކުރިން އޮތް ކޯޓާ ސިސްޓަމް އުވާލައި 93 ޕަސެންޓް ކޯޓާ ތައުލީމީ ސަނަދުތަކާއި ފެންވަރަށް ބަލައިގެން ދިނުމަށް އަމުރެއް ނެރެފައެވެ. އަދި 5 ޕަސެންޓް 1971 ގެ ހަނގުރާމައިގައި ބައިވެރިވި ފަރާތްތަކުގެ އާއިލާތަކަށް ދިނުމަށް ކަނޑައަޅާފައި ވާއިރު މައިނޯރިޓީ ގްރޫޕުތަކަށް 1 ޕަސެންޓް އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް 1 ޕަސެންޓް ދިނުމަށް ވަނީ ކަނޑައަޅާފައެވެ.

ބަންގްލަދޭޝްގެ ހަމަނުޖެހުމާ ގުޅިގެން އެގައުމަށް ދަތުރު ނުކުރުމަށް އެކިއެކި ގައުމުތަކުން ޓްރެވަލް އެޑްވައިޒަރީ [ނޯޓިސް] ދަނި ނެރެމުންނެވެ. އަދި އެ ގައުމުގައި ތިބި ބޭރު ގައުމުތަކުގެ މީހުން އަނބުރާ އެބައެއްގެ ގައުމުތަކަށް ގެންދިޔުމުގެ މަސައްކަތްވެސް ކުރަމުން އެބަދެއެވެ.