މިއަހަރުގެ މިހާތަނަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 43 ޖަނަރޭޓަރު ފެނަކައިން ބަހައްޓާފައި ވާކަމަށް އެ ކުންފުނީގެ ޑިރެކްޓަރު އަހުމަދު އިބްރާހިމް ވިދާޅުއްޖެއެވެ.

ފެނަކައިން 'އެކްސް' ގައި ހިއްސާކުރި ވީޑިއޯ މެސެޖެއްގައި އަހުމަދު އިބްރާހީމް ވިދާޅުވީ މިއަހަރު ފެށުނު އިރުވެސް ވަރަށް ގިނަ ރަށްތަކުގައި ހުރި ޖަނަރޭޓަރުތަކުގެ ކެޕޭސިޓީ އިތުރުކޮށް، އޯވަހޯލްކޮށް، ހާލަތު ރަނގަޅު ކުރަންޖެހިފައި ވާ ކަމަށެވެ.

ފެނަކައިގެ އައު މެނޭޖްމެންޓުން ހަވާލުމުވާއެކު، މިހާރުގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތް ކުރަން ފެށިފައިވާކަން ފާހަގަކޮށް އަހުމަދު އިބްރާހީމް ވަނީ މިއަހަރުގެ މިހާތަނަށް ކުރެވުނު މަސައްކަތުގެ ތަފްސީލުތައް ހިއްސާކުރައްވާއެވެ. އެގޮތުން ޖަނަރޭޓަރު ބޭނުންވާ ރަށްރަށަށް ޖަނަރޭޓަރު ހޯދުމުގެ މަސައްކަތް ވަރަށް އަވަށް ފެށިގެން ދިޔަކަމަށް އަހުމަދު އިބްރާހީމް ވިދާޅުވިއެވެ. އަދި 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާ ނިމުނު އިރުގައި 20 ރަށަކަށް އައު ޖަނެރޭޓަރު ފޮނުވާފައިވާއިރު އެ ޖަނެރޭޓަރު ފޮނުވުނު ރަށް ރަށުގައި ކަރަންޓު އުފެއްދުމަށް ހުރި އުނދަގޫތަށް ހައްލުވެފައިވާކަމަށް އަހުމަދު އިބްރާހީމް ވިދާޅުވިއެވެ.

އިތުރަށް އަހުމަދު އިބްރާހީމް ވިދާޅުވީ ވަރަށް ގިނަ ރަށްރަށުގެ ކަރަންޓުގެ ހާލަތު އަހަރު ފެށުނުއިރު ހުރި ވަރަށް ވުރެއް ރަނގަޅު ކުރެވިފައިވާކަމަށާ މިހާރު ވެސް ޖަނެރޭޓަރުތައް އިތުރަށް އޯވަހޯލް ކުރުމަށް ބޭނުންވާ ސްޕެއާ ހޯދުމުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށެވެ. އަދި މި އަހަރު އަލަށް ގަތުމަށް ކަނޑައަޅާފައި ހުރި ޖަނެރޭޓަރުތައް ގެނައުމުގެ މަސައްކަތްތައް ވެސް ކުރަމުންދާކަން ފާހަގަކޮށް އަހުމަދު އިބްރާހީމް ވިދާޅުވީ ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތް ދިނުމަށް އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަކަމަށެވެ.