މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)ގެ މިންގަނޑުތަކާ ހިލާފަށް މަރުކަޒުތަކުން ޕްރޮގުރާމުތައް އިސްތިހާރުކޮށް ހިންގާނަމަ، 'ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވައިދު'ގެ ދަށުން އެ މަރުކަޒަކަށް ފިޔަވަޅު އަޅާނެ ކަމަށް އެމްކިއުއޭއިން ބުނެފިއެވެ.

އެމްކިއުއޭއިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ މަތީ ތައުލީމު ދޭ މަރުކަޒުތަކުން އީ ލާނިން ހުއްދަ ނުހޯދާ ޕްރޮގްރާމުތައް އިސްތިހާރުކޮށް ހިންގާ ކަމުގެ ޝަކުވާތައް އެމްކިއުއޭއަށް ލިބިފައިވާ ކަމަށެވެ.

އެމްކިއުއޭއިން ބުނީ 2022 ވަނަ އަހަރުގެ އޭޕްރީލް 28 ވަނަ ދުވަހު ކޮވިޑް 19 ގެ ތެރޭގައި ދިވެހިރާއްޖޭގެ ހުރިހާ މަތީ ތައުލީމު ދޭ މަރުކަޒުތަކަށް އީ ލާނިން ޑެލިވަރީ މޮޑަލިޓީގައި ޕްރޮގުރާމުތައް ހިންގުމަށް ދެވުނު ހުއްދަ ބާތިލުކޮށް އެކަން އިއުލާން ކުރި ކަމަށެވެ. އަދި އޭގެ ފަހުން 2022 ވަނަ އަހަރު މެއި 16 ގައި 'ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވައިދު' އަދި އެ އަހަރު އޮގަސްޓު 24 ގައި 'ގައިޑްލައިންސް ފޯ އީ ލާނިން' ގެޒެޓުގައި ޝާއިއު ކުރެވި ރާއްޖޭގެ ހުރިހާ މަތީ ތައުލީމު ދޭ މަރުކަޒުތަކުން އެ ގަވައިދާ އެއްގޮތަށް ޕްރޮގްރާމުތައް ހުށަހަޅާ ހުއްދަ ހޯދުމަށް އެންގި ކަމަށް އެމްކިއުއޭ އިން ވަނީ ބުނެފައެވެ.

ގިނަ މަރުކަޒުތަކުން މި ގަވައިދާ އެއްގޮތަށް ހުއްދަ ހޯދައިގެން ޕްރޮގްރާމުތައް ކުރިއަށް ގެންދާކަން ފާހަގަކުރަމުން އެމްކިއުއޭއިން ވަނީ މަރުކަޒުތަކުން ހިންގާ ޕްރޮގުރާމުތަކަކީ އެމްކިއުއޭއިން ހުއްދަ ދީގެން ކުރިއަށް ގެންދާ ޕްރޮގްރާމް ތަކެއްކަން ކަށަވަރު ކުރުމަށް އިލްތިމާސްކޮށްފައެވެ.

އެމްކިއުއޭއިން ބުނީ އެކްރެޑިޓް ކޮށްފައި ނުވާ ޕްރޮގްރާމަކުން ހާސިލު ކުރާ ސަނަދެއް އެ އޮތޯރިޓީ އިން ގަބޫލު ނުކުރާނެ ކަމަށާއި އެކަމުގެ ޒިންމާ އެ އޮތޯރިޓީ އިން ނޫފުލާނެ ކަމަށެވެ.