އޮންލައިން ކޮށް ހިންގުމަށް މޯލްޑިވްސް ކުއަލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އެޕްރޫވް ނުކުރާ ކޯސް 'ކްލިކް ކޮލެޖުން' ހިންގާ މައްސަލަތަކެއް ފެންމަތިވެއްޖެއެވެ.
ކޮވިޑް 19ގެ ބަލިމަޑުކަމުގެ ތެރޭގައި ރާއްޖޭގެ ހުރިހާ މަތީ ތައުލީމް ދޭ މަރުކަޒުތަކަށް ފޯރުކޮށްދިން އޮންލައިންކޮށް ކޯސްތައް ނުވަތަ އީ ލާނިން ޑެލިވަރީ މޮޑަލިޓީގައި ޕްރޮގްރާމްތައް ހިންގުމަށް ހުއްދަ ދިން ނަމަވެސް 2022 ވަނަ އަހަރުގެ އޭޕްރީލް މަހު ވަނީ އެ ހުއްދަތައް ބާތިލް ކޮށްފައެވެ.
އެއާއެކު ހަމަ އެ އަހަރުގެ މެއި މަހު "ގައިޑްލައިން ފޯ އީ ލާނިން" ގެ އާ ގަވާއިދެއް ގެޒެޓްކޮށް، ހަޔާ އެޑިއުކޭޝަނުން ވަނީ ރާއްޖޭގެ ހުރިހާ މަތީ ތައުލީމުދޭ މަރުކަޒުތަކުން އެ ގާވާއިދާ އެއްގޮތަށް، ޕްރޮގްރާމްތައް ހުށައަޅާ ހުއްދަ ހޯދުމަށް އަންގާފައެވެ. ނަމަވެސް އެ ހުއްދަ ނުހޯދާ ބައެއް ފަރާތްތަކުން ކޯސްތައް ހިންގާ މައްސަލަތައް މީގެ ކުރިންވެސް ފެންމަތިވެފައި ވެއެވެ.
ރާއްޖޭގައި މަތީ ތައުލީމު ދޭ 'ކްލިކް ކޮލެޖް' އިން ދަރިވަރުންނަށް އޮޅޭގޮތަށް، އޮންލައިން ކޯސްތަކެއް ހިންގަމުންދާ ކަމަށް ބައެއް ދަރިވަރުން ވަނީ ބުނެފައެވެ. އެގޮތުން އެ ކޮލެޖުގައި ހިންގާ ކޯހެއްގެ ބައިވެރިޔަކު "ދަ ޕްރެސް" އާ ވާހަކަ ދައްކަމުން ބުނީ، އެ ހުއްދަ ބާތިލް ކުރި ފަހުންވެސް އޮންލައިންކޮށް ބެޗްލާސް އިން ބިޒްނަސް މެނޭޖްމަންޓްގެ ކޯސްތައް އޮންލައިންކޮށް އެ ކޮލެޖުން ކުރިއަށް ގެންދާ ކަމަށެވެ. އަދި މިވަގުތުވެސް އެފަދަ ކޯހެއް ހަދަމުންދާ 4 ބެޗް ހިމެނޭކަން ފާހަގަ ކުރަމުން އޭނާ ބުނީ ޖުލައި 8 ވަނަ ދުވަހު ބްލެންޑެޑް މޯޑް ތައާރަފް ކުރަމަށް ނިންމާފައި ވާކަން ފުރަތަމަ ފަހަރަށް އެންގި ކަމަށާއި އެއީ މީގެ ކުރިން އެއްވެސް އިރަކު ދީފައިވާ ވާ މައުލޫމާތެއް ނޫންކަމަށެވެ.
އެގޮތުން އާ ގަވާއިދުގައި އޮރިއެންޓޭޝަން، ޕްރެޒެންޓޭޝަން އަދި އިމްތިހާނަށް ކޮންމެ 6 މަހަކުން ދަރިވަރުން މާލެ ކޮލެޖަށް 3 ހަފްތާއަށް ފިޒިކަލް ކޮށް ހާޒިރުވާން ޖެހޭނެ ކަމަށް އަންގާފައި ވާކަމަށް ބައެއް ދަރިވަރުން ބުނެއެވެ. މި ކޯސް ހަދަމުންދާ ދަރިވަރުންގެ ދެބައިކުޅަ އެއްބައި ދަރިވަރުންނަކީ އަތޮޅުތަކުގައި ދިރިއުޅޭ ދަރިވަރުން ކަމަށް ބުނެ ކޯހުގެ ބައިވެރިޔާ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ދަތުރު ހަރަދާއި، އެކޮމޮޑޭޝަން އަދި އެހެނިހެން ހަރަދުތަކަކީ ކޯސް ފީގެ އިތުރުންވެސް ކުރަންޖެހޭނެ ހަރަދުތައްކަން ފާހަގަ ކުރަމުން އޭނާ ބުނީ މިއީ ކޮންމެ ކޮންމެ ދަރިވަރަކަށް ކުރެވޭނެ ހަރަދުތަކެއް ނޫން ކަމަށެވެ. މިސަބަބާ ހުރެ އަހަރުގެ އެގްޒިޓް ސެޓްފިކެޓް ހޯދަން އެދުނު ނަމަވެސް ކޮލެޖުން މިހާތަނަށް އެ ސެޓްފިކެޓް ފޯރުކޮށްދީފައި ނުވާ ކަމަށް ވެސް އޭނާ ބުންޏެވެ. އަދި އެކަމާ ގުޅޭ ގޮތުން ކޮލެޖްގެ އިސްވެރިންނާ ސުވާލު ކުރުމުން އެމްކިއުއޭއަށް ފޮނުވާފައިވާ ކަމަށާއި އަދިވެސް އެޕްރޫވް ނުކުރާ ކަމަށް ބުނެ އެކަމަށް މާބޮޑު ސަމާލުކަމެއް ދީފައި ނުވާ ކަމަށް ކޯހުގެ ބައިވެރިޔާ ކިޔައިދިނެވެ.
އެއާއެކު އެކަމުގައި ޝައްކު އުފެދޭ ކަންތައްތަކެއް ހުރުމުން މާލޭގައި ދިރިއުޅޭ އެ ކޯހުގެ ބައިވެރިޔަކު އޭގެ ހަގީގަތް ބެލުމަށް އެމްކިއުއޭއަށް ދިއުމުން އަސްލު ވެގެން އުޅޭ ގޮތް ސާފުވި ކަމަށް އޭނާ ކިޔައިދިނެވެ. އޭނާ ބުނި ގޮތުގައި އެމްކިއުއޭ އިން ބުނީ އެގްޒިޓް ސެޓްފިކެޓް ދޫކުރުމުގެ ހުއްދަ ކްލިކް ކޮލެޖަށް ދީފައި ނުވާ ކަމަށެވެ. އަދި ހަމައެހެންމެ ކްލިކް ކޮލެޖަށް އޮންލައިންކޮށް ކޯސް ބޭއްވުމުގެ ހުއްދަވެސް ދީފައި ނުވާ ކަމަށް ބުންޏެވެ.
މި ނޫހާ ވާހަކަ ދެއްކި އެހެން ދަރިވަރަކު ބުނީ ކުދިން ތިބީ ކޯހުގެ ފަހު ސެމިސްޓާ ފަށަން ތައްޔާރަށް ނަމަވެސް މި ބޮޑު އޮޅުވާލުމުގެ ސަބަބުން އެތައް ފައިސާ އަކާއި އެތައް ވަގުތެއް ބޭކާރު ވެގެން ދިޔަ ކަމަށެވެ. އަދި ކްލާސް ވައިބާ ގުރޫޕުގައި މިހުރިހާ ވާހަކަތަކެއް ހިއްސާ ކުރަން ފެށުމުން ކޮލެޖުގެ އާ ޑެޕިއުޓީ ޑީން، ކޮލެޖުގެ އަބުރު ކަތިލާ އަޑުތައް ފެތުރުން ހުއްޓާލުމަށް އެ ދަރިވަރަށް އަންގާ އިންޒާރު ދީފައި ވާ ކަމަށާއި އަދި މިހާރު އެ ދަރިވަރު ވަނީ ސަސްޕެންޑު ކޮށްފައި ކަމަށް ވެސް ބުނެފައި ވެއެވެ.
އަދި ހަމައެހެންމެ ޖުލައި މަހުގެ 14 ވަނަ ދުވަހު އޭނާ [އެ ޑިއުޓީ ޑީން] އަމިއްލައަށް ގިނަ ދަރިވަރުންނަށް ގުޅާ، ދެއްކި ކޯސް ފީގެ ރިފަންޑު ނުދޭނެ ކަމަށްބުނެ ބިރު ދައްކާފައިވާ ކަމަށް ވެސް ދަރިވަރަކު ބުންޏެވެ. އަދި ފޯނު ކަނޑާލުމުގެ ކުރިން ކޮލެޖުގެ އަބުރު ކަތިލާ އެއްޗެއް ބުނާނަމަ ނުވަތަ ކަމެއް ކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށް ބުނެފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ.
ކޯހުގައި ބައިވެރި ވުމުގެ ކުރިންނާއި އަދި އޮރިއެންޓޭޝަންގައި އެއީ އޮންލައިންކޮށް ހިންގަން އެމްކިއުއޭ އެޕްރޫވް ކުރާ ކޯހެއްތޯ ސުވާލު ކުރުމުން ވެސް އެއީ އެމްކިއުއޭ އެޕްރޫވް ކުރާ ކޯހެއް ކަމަށް ބުނެ ކޮލެޖުން ވަނީ ދަރިވަރުންނަށް އޮޅުވާލައިފައި ކަމަށް ވެސް ދަރިވަރު ބުނެފައި ވެއެވެ.
މި މައްސަލައާ ގުޅޭ ގޮތުން ކޮމެންޓް ހޯދަން ކޮލެޖަށް ގުޅުމުން ކޯޑިނޭޓަރު، ޝައުފާ ބުނީ އެ މައްސަލަ އާ ގުޅިގެން ދޭނެ ކޮމެންޓެއް ނެތް ކަމަށެވެ. ކޮލެޖުގެ ވައިސް ޑެޕިއުޓީ، ހަސަން އާ ގުޅުމުން ފޯނަށް ޖަވާބު ދެއްވާފައި ނުވާއިރު އެ ކޮލެޖުގެ ޕްރެސިޑެންޓް، ނައުޝާދު އާ ގުޅުމުން ވަނީ އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގިވަޑައި ނުގަންނަވާ ކަމަށް ވިދާޅުވެފައެވެ.
މި މައްސަލަ އިތުރަށް ސާފުކުރަން އެމްކިއުއޭއަށް ގުޅުމުން ކްލިކް ކޮލެޖަށް އޮންލައިން ކޯސްތައް ހިންގުމަށް އެއްވެސް ހުއްދައެއް ދީފައި ނުވާނެކަން ފާހަގަ ކޮށް ބުނީ، އެކްރެޑިޓް ކޮށްފައި ނުވާ ޕްރޮގްރާމަކުން ހާސިލްކުރާ ސަނަދެއް އެ އޮތޯރިޓީން ގަބޫލު ކުރާނެ ކަމަށާއި އެކަމުގެ ޒިންމާ އެ އޮތޯރިޓީން ނުނަގާނެ ކަމަށެވެ.
އަދި އެ އޮތޯރިޓީން ކަނޑައަޅާފައިވާ މިންގަނޑުތަކާ ހިލާފަށް މަރުކަޒުތަކުން ޕްރޮގްރާމްތައް އިސްތިހާރުކޮށް، ހިންގާ ކަމަށް ވާނަމަ "ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދު" 30 ވަނަ ބާބުގެ (ހ)ގެ ދަށުން އެ މަރުކަޒަކަށް ފިވަވަޅު އަޅާނެ ކަމަށް އެމްކިޔުއޭއިން ބުނެއެވެ.
މި މައްސަލައާ ގުޅިގެން ދަރިވަރުންގެ އެތައް ކަންބޮޑުވުމެއް ހުރި ނަމަވެސް މިހާތަނަށް އެއްވެސް އިދާރާއަކުން މިކަމަށް ދޭންޖެހޭ އަހަންމިއްޔަތުކަން ނުދިނުމަކީ ދަރިވަރުން ނުހަނު ކަންބޮޑުވާ ކަމެކެވެ.