ރާއްޖޭގެ އެއްވަނަ ކުޅިވަރުގެ ގޮތުގައި ފުޓުބޯޅަ ކުރިން އޮތް މަންޒަރު ދިވެހީންނަށް ދެއްކުމަކީ މި ސަރުކާރުގެ އަޒުމެއް ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.
ރާފިއު ވިދާޅުވީ ފުޓުބޯޅަ ކުރިއަރުވަން ކުރެވެން ހުރި މަސައްކަތްތައް މިހާރުވެސް ދަނީ ކުރަމުން ކަމަށާއި، އެގޮތުން ގާނޫނަށް ގެންނަން ޖެހޭ ބަދަލު ތަކާއި އެސޯސޮއޭޝަންތައް ހިންގާ ގަވައިދަށް ގެންނަން ޖެހޭ ބަދަލުތައް އަދި އެ އެސޯސިއޭޝަންތައް އެފިލިއޭޓުވެފައި ހުންނަ މައިގަނޑު އިދާރާގެ ގަވައިދުތަކަށް ފުށުނާރާ ގޮތަށް ކަންކަން ބައްޓަން ކުރުމަކީ މިކަމުގެ ޖުމްލަ ހައްލު ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.
ރާފިއު ވިދާޅުވީ މި މަސައްކަތްތައް މިހާރު ކުރަމުން ދާ ކަމަށާއި، ކުޅިވަރު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފެތުރިގެންދާނެ ހެން އިސްލާހުކުރަން ހުށަހަޅާ ގާނޫނުގައި ވެސް ހިމަނާފައިވާ ކަމަށެވެ.
މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގައި މެންބަރުން މަޝްރޫތައް ލަސްވުމާއި ގުޅިގެން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ރާފިއު ވިދާޅުވީ ލަސްވެ މަސައްކަތް ކުރިއަށް ނުގޮސް ހުރި މަޝްރޫތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ގިނަ ކަމަށާއި މިހާރު އެ އިދާރާއިން މިކަހަލަ ގިނަ މަޝްރޫތައް ލަސްވީ ކީއްވެެތޯ ބަލަމުންދާ ކަމަށެވެ. އަދި ބައެއް ފަހަރަށް ބަޖެޓުގައި މަޝްރޫ ނިންމޭ ވަރަށް ފައިސާ ނުހުންނަ ކަމަށްވެސް ރާފިއު ވަނީ ވިދާޅުވެފައެވެ.
ކުޅިވަރު މަޝްރޫތައް ފެށުމަށް އެކަށީގެންވާ ބަޖެޓެއް ނެތުމުގެ މައްސަލައަށް އިޝާރާތް ކުރައްވާ ރާފިއު ވިދާޅުވީ، ބެޖެޓު ކުޑަ ކުރާއިރު މަޝްރޫތައް މަދު ނުކުރާ ކަމަށެވެ. އަދި މަޝްރޫށް ކަނޑައެޅިފައިވާ ފައިސާ މަދުކުރުމުން މަޝްރޫތައް ފަށަން ބޭނުންވާ ވަރަށްވެސް ފައިސާ ނުހުންނަ ކަމަށާއި އޭގެ ބަދަލުގައި މަޝްރޫއެއްގެ ފައިސާ މަދު ކުރިނަމަވެސް، މަދުވެގެން ދެބައިކުޅަ އެއްބައި ހިމަނައި ދިނުމަށް ރާފިއު ވަނީ އެދިވަޑައިގެންފައެވެ.