ކީރިތި ގުރުއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތުގެ، ވަނަތައް އިއުލާން ކޮށްފިއެވެ.

މުބާރާތުގެ ނަތީޖާ ފާޅުކޮށް، އިނާމު ދިނުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ ރޭ އިސްލާމީ މަރުކަޒުގައެވެ. މި މުބާރާތުގައި 128 މުއައްސަސާއަކުން 992 ބައިވެރިން ވަނީ ކިޔަވާފައެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮފިން 579 ބައިވެރިންނާއި، ނުބަލާ ކިޔެވުމުގެ ބައިން 398 ބައިވެރިންގެ އިތުރުން ހާފިޒުންގެ ގޮފިން 15 ބައިވެރިންނެވެ.

ބަލައިގެން ކިޔެވުމުގެ ގޮފިން 1 ވަނަ ހާސިލްކޮށްފައިވަނީ ކެލާ ޔޫތު ފޯރަމްގެ ފަރާތުން ވާދަކުރި ޔައީޝް މުހައްމަދު ނިޔާޒެވެ. އަދި މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން 1 ވަނަ ތާޖުއްދީން ސްކޫލުގެ ދަރިވަރު އާއިޝަތު ޝައިބާ އަހުމަދު ހާސިލްކޮށްފައިވާއިރު ހާފިޒުންގެ ބައިން މުޅި މުބާރާތުން 1 ވަނަ ހާސިލްކޮށްފައިވަނީ އިސްކަންދަރު ސްކޫލުގެ ދަރިވަރު ފާތިމަތު ޝާޔާ ޒާހިރުއެވެ.

މުބާރާތުގައި ބައިވެރިވި މުއައްސަސާތަކުގެ ތެރެއިން އެއްވަނަ ހާސިލްކޮށްފައިވަނީ އިސްކަންދަރު ސްކޫލްއެވެ. އަދި ހަމައެހެންމެ މުބާރާތުގެ އެކި ކެޓަގަރީތަކުން 1 ވަނަ، 2 ވަނަ އަދި 3 ވަނައަށް ހޮވުނު ދަރިވަރުންނަށްވެސް އިނާމު ދީފައި ވެއެވެ.

ގުރުއާން މުބާރާތުގެ ނަތީޖާ އިއުލާން ކުރުމަށް ބޭއްވު ރަސްމިއްޔާތުގެ ތެރެއިން

މީގެ އިތުރުންވެސް މި ރަސްމިއްޔާތުގައި ވަނީ ގުރުއާން ހިތުދަސް ކުރި 32 މީހަކު ވަނީ ހާފިޒުގެ ސަނަދާއެކު ރަން ތާޖު ހަވާލުކޮށްފައިވާއިރު އޭގެ ތެރޭގައި ސްކޫލް ދަރިވަރުންނާއި ބައެއް ޒުވާނުންގެ އިތުރުން އުމުރުން ދުވަސްވީ މީހުން ހިމެނެއެވެ.

މިއަހަރުގެ މުބާރާތުގެ ކިޔެވުން ކުރިއަށް ގެންގޮސްފައިވަނީ ސަލްމާން މިސްކިތުގެ ދެ ހޯލްގައެވެ. ބަލައިގެން ކިޔެވުމުގެ ގޮފީގެ ކިޔެވުން އެ މިސްކިތުގެ 4 ވަނަ ފަންގިފިލާގެ އޮޑިޓޯރިއަމްގައި ކުރިއަށް ގެންގޮސްފައިވާއިރު، ނުބަލައި ކިޔެވުމުގެ ގޮފީގެ ކިޔެވުން ކުރިއަށް ގެންގޮސްފައި ވަނީ ސަލްމާން މިސްކިތުގެ 5 ވަނަ ފަންގިފިލާގެ މަލްޓިޕާޕަސް ހޯލްގައެވެ.