ރާއްޖޭގެ އިގުތިސާދީ ހާލަތު އޮތް ގޮތް ބަޔާން ކޮށްދެއްވާން މިނިސްޓަރު އަލީ އާރިފް ޖެއްސެވި 'ގަރުދިޔައާއި ބަތް' ގެ މިސާލުން ސޯޝަލް މީޑިއާ ވަނީ ފުރިފައެވެ.

ނިމިދިޔަ ސަރުކާރުން މި ސަރުކާރަށް 'ސޮހިގެން' އައި 64 ބިލިއަން ރުފިޔާގެ މާލީ ބުރައާއެކު ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަލަން މަޖުބޫރުވެ ސަރުކާރުން ދަނީ އެމަގަށް ކަންކަން ކުރަމުންނެވެ.

ހަރަދު ކުޑަ ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން ދާއިރު މި ދަނޑިވަޅުގައި ޕީއެންސީގެ ހަރުގޭގައި ބޭއްވި ޖަލްސާއެއްގައި ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް ޖެއްސެވި ގަރުދިޔަ މިސާލަކީ، ދިވެހިންގެ ކެއުމުގެ ތެރޭގައި ހިމެނޭ ތާރީހެއް ވެސް ކެއުމަކާ ގުޅުވައި ޖެއްސެވި މިސާލެވެ.

މި ވަގުތު ކުރިމަތިވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް ރައްޔިތުން އެއްބާރުލުން ބޭނުންވާ ކަމަށާއި އެކަމަށްޓަކައި ގަރުދިޔަ އާއި ބަތާ ކައިގެން ވިޔަސް އާދައިގެން ދިރިއުޅުމަކަށް ތިރިވެލަންޖެހޭ ކަމަށް މިނިސްޓަރު އަލީ އާރިފް ވިދާޅުވި ވާހަކައަށް ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ. މި ވާހަކަތަކަށް ފާޑު ކިޔަމުން ސޯޝަލް މީޑިއާގައި މީހަކު ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ދިވެހިން ޒަމާނުންސުރެ ކައިބޮއި ހަދަމުން އައި އެންމެ މުހިންމު އެއް ކެއުން އެ ފެންވަރަށް ދަށް ކޮށްލުމަކީ މިނިސްޓަރަކު ކުރައްވައިގެން ވާނެ ކަމެއް ނޫން ކަމަށެވެ.

ގަރުދިޔަ އާ ބަތާ ތިޔަ ދައްކޮށްލީ ހާދަ ވަރަކަށޭ ދޯ. އަހަރެމެން މައިންބަފައިން އަހަރެމެން ބޮޑެތި ކޮށްފަ މިތިބީ ތިޔަ ބުނާ ގަރުދިޔަ އާ ބަތާ ކާންދީގެން
މީހަކު ކުރި ކޮމެންޓެއް

މިއާ ވިދިގެން އެހެން މީހަކު ވަނީ އާދައިގެ ރައްޔިތު މީހާ ގަރުދިޔަ އާ ބަތާ ކާއިރު ސަރުކާރުގެ އިސްވެރިން ކަނީ ކޯއްޗެއްތޯ ސުވާލު އުފައްދާފައެވެ. އެގޮތުން ބިރިޔާނީ ނޫން ކެއުމެއް އެ ބޭފުޅުންނަށް "ނުދިރޭނެ" ކަމަށް އޭނާ ވަނީ ބުނެފައެވެ.

ދެއްކި ވާހަކައިގެ މަފްހޫމު އޮޅުވާލީ ސިޔާސީ ބޭނުމަށް!

ރާއްޖޭގެ އިގްތިސާދީ ހާލަތާ ގުޅޭގޮތުން، މިނިސްޓަރު އާރިފް ދެއްކެވި ވާހަކައިގެ ތެރެއިން ޖެއްސެވި މިސާލުގެ މަފްހޫމަކީ ދައުލަތުގެ ހަރަދުތައް ކުޑަކުރަން ޖެހިފައިވާކަން ރައްޔިތުންނަށް އޮޅުންފިލުވައި ދެއްވުމަށް ކަމަށް އާރިފް ވަނީ ވިދާޅުވެފައެވެ. އާރިފް ދެއްކެވި މުޅި ވާހަކައަށް ވިސްނާލުމުން މިއީ ރައްޔިތުންނަށް އަމާޒުކޮށްގެން ދެއްކެވި ވާހަކައެއް ނޫންކަން އެނގެއެވެ.

މީހަކު ބައްޔެއްވީމަ އެއަށް ޝިފާ އޮތީ ހިތި ބޭހެއް ބޮއިގެންކަމަށްވާނަމަ އެ ހިތި ބޭސް ބޯން އެބަ ޖެހޭ އެއީ މަޖުބޫރުކަމެއް. އިހުލާސްތެރި ވެރިން ކުރާނެ ކަމަކީ އުނދަގުލަސް ދައްޗަށް އެ ކަމެއް ރަނގަޅުކުރުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅެއް އެޅުން. އެކަން ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން އެ ގެންދަވަނީ. ތެދެއް ދަތި ދުވަސްކޮޅެއް، އެކަމު ﷲ ގެ އިދާރަފުޅުން މި ރާއްޖެ ބަނގުރޫޓެއް ނުވޭ. މި ދުވަސްކޮޅު މި ޖެހެނީ އެއްކަލަ އަޅުގަނޑުމެން އަބަދު ޓޭކް އަވޭ ހަދައިގެން ގޭގައި ކޭ ކެއުން ހުއްޓާލާފައި، ކޮންމެވެސް ވަރަކަށް ގޭތެރޭގައި އަމިއްލަ އަށް ކައްކައިގެން ގަރުދިޔައާ ބަތާ ކައްކައިގެން ކާލައިގެން ތަންކޮޅެއް އާދައިގެ ދިރިއުޅުމަކަށް ތިރިވެލުން. ބޮޑެތި ޖަލްސާތަކާ އެއްޗެހި ކަނޑާލަނީ. ދުވަސްވީ މީހުންނަށް ދޭ އިނާޔަތްތަކެއް ކަނޑައެއް ނުލާ. ކިޔަވާ ކުދިންނަށް ދޭ އެއްވެސް އެއްޗެއް ކަނޑައެއް ނުލާ. އާސަންދައެއް ކަނޑައެއް ނުލާ، އެކަނިވެރިމައިންނަށް ދޭ އެއްވެސް އެއްޗެއް ކަނޑައެއް ނުލާ. ބޮޑެތި ޖަލްސާތައް ބޭއްވުން މެދުކަނޑާލީ.
އަލީ އާރިފް

މި ވާހަކަ އެއްކޮށް އަޑުއަހާލުމުން ގަރުދިޔަ އާ ބަތުގެ މިސާލު ޖައްސަވާފައިވާ ގޮތް ސާފުވެގެން ދެއެވެ. ފާޑު ކިޔުން ތަކާ ގުޅިގެން އާރިފް ވަނީ ކޮންމެ ރައްޔިތެއްގެވެސް ތަނަވަސްކަން ހުރި މިންވަރަކުން އެ ރައްޔިތަކު ބޭނުން އެއްޗެއް ކެވޭނެ ކަމަށާއި، ޕީއެންސީ ހަރުގޭގައި ދެއްކެވި ވާހަކައިގެ މުޅި މަފްހޫމަކީ ދަޢުލަތުގެ ހަރަދުތައް ކުޑަކުރަން ޖެހިފައިވާކަން ރައްޔިތުންނަށް އޮޅުންފިލުވައި ދެއްވުން ކަމަށް ވިދާޅުވެފައެވެ.

އިސްލާހީ މަސައްކަތްތަކުން ހަރަދު ބޮޑު ތަނުން ކުޑަ ކުރެވިއްޖެ

މިއަހަރުގެ މިހާތަނަށް ސަރުކާރުގެ ހަރަދުތައް މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ކުޑަ ކުރެވިފައި ވާކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ހާމަވެއެވެ. މިގޮތުން ބަލާއިރު މިދިޔަ އަަހަރުގެ ޖޫން 20 ގެ ނިޔަލަށް ކުރީގެ ސަރުކާރުން 22.22 ބިލިޔަން ރުފިޔާ ހަރަދުކޮށްފައި ވާއިރު މިއަހަރުގެ މިހާތަނަށް މި ސަރުކާރުން ހަރަދުކުރީ 17.8 ބިލިޔަން ރުފިޔާއެވެ. އެހެންކަމުން 4.4 ބިލިޔަން ރުފިޔާއަށް ދައުލަތުގެ ހަރަދުތައް މިވަނީ ކުޑަކުރެވިފައެވެ.

މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މި އަހަރު މިހާތަނަށް ދައުލަތް ހިންގުމަށް ހަރަދުވީ 14.2 ބިލިޔަން ރުފިޔާއެވެ. މިދިޔަ އަހަރު މި މުއްދަތުގައި 15.2 ބިލިޔަން ރުފިޔާ ސަރުކާރުން ވަނީ ހަރަދުކޮށްފައެވެ. އެހެން ކަމުން ހިންގުމުގެ ހަރަދުވެސް މިވަނީ 1 ބިލިއަން ރުފިޔާ މަދުކުރެވިފައެވެ. ކެޕިޓަލް ހަރަދުގެ ގޮތުގައި 3.6 ބިލިއަން ރުފިޔާ ހަރަދު ކުރެވިފައި ވާއިރު ފާއިތުވި އަހަރުގެ މި މުއްދަތުގައި ކެޕިޓަލް ހަރަދުގެ ގޮތުގައި 6.9 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.

ހަރަދުކުޑަކުރަން ކައުންސިލަރުންނާއި މަޖިލިސް މެމްބަރުގެ އަދަދު މަދު ކުރުން

ހަރަދު ކުޑަ ކުރުމަށްޓަކައި ކައުންސިލްތަކާއި މަޖިލީހުގެ ސައިޒް ކުޑަކުރުމާއި ރައްޔިތުން މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެކުއެކީގައި ބޭއްވުމަކީ ވެސް ހަރަދުތައް ކުޑަ ކުރެވޭ ކަމެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ނިމިދިޔަ ދެ އިންތިހާބަށް ހިނގާފައިވާ ހަރަދަށް ބަލާނަމަ ދެ އިންތިހާބު އެކުއެކީގައި ބާއްވައިފި ނަމަ 120 މިލިއަނެއްހާ ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށާއި އެ ފައިސާއިން ނިކަމެތި އެތައް އާއިލާތަކަކަށް ބޭނުންޖެހިފައިވާ ކަންކަން ސަރުކާރުން ފުއްދައި ދެވޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު ދެން އަންނަ ދައުރަކަށް ކުޑަކޮށް 77 އަށް ބަދަލު ކުރައްވަންވެސް ރައީސް ވަނީ ނިންމަވާފައެވެ. މިހާރު މިދާ ގޮތަށް ދާން ދޫކޮށްލައިފައި ބާއްވައިގެން މެންބަރުންގެ އަދަދު 100 އަށް ވުރެ ވެސް މައްޗަށް އަރައިގެން ދާނެއެވެ. އާބާދީ ބޮޑުވެގެން ދާ މިންވަރަކުން މަޖިލިސް މެންބަރުންގެ އަދަދު މައްޗަށް އަރާނެ ކަމަށާއި ނަމަވެސް އެއީ އެއްވެސް މާނައެއް ހުރިކަމެއް ނޫން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މަޖިލީހުގެ މެންބަރުންގެ އަދަދު 77 އަށް ދަށްކުރަން ނިންމާފައިވާ އިރު، މިހާރު މަޖިލީހުގައި ތިއްބަވަނީ 93 މެންބަރުންނެވެ. 19 ވަނަ މަޖިލީހުގައި 87 މެންބަރުން ތިއްބެވި އިރު، 18 ވަނަ މަޖިލީހުގައި 85 މެންބަރުން އަދި 17 ވަނަ މަޖިލީހުގައި ތިއްބެވީ 78 މެންބަރުންނެވެ.

އެހެންކަމުން ރާއްޖެއަށް ދިމާވެފައިވާ އިގްތިސާދީ ދަތި ހާލަތުން އަރައިގަތުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން ދާ މި ދަނޑިވަޅުގައި، ރައްޔިތުންގެ މެދުގައި ނުތަނަވަސްކަމާއި ފިތުނަ އުފެދޭ ގޮތަށް ވާހަކަތައް އޮޅުވާލައިގެން އެއްވެސް ފަރާތަކުން ނުދެއްކުމަށް ސަރުކާރުން ވަނީ އިލްތިމާސް ކޮށްފައެވެ.