ރާއްޖެއަށް ހަތިޔާރު ގެނެވޭ މަގު ހުޅުވާލެވިފައިވާ ކަމަށް ކަސްޓަމްސްއިން ބުނި ކަމަށް ދޭހަވާގޮތަށް ހަބަރުތަކުގައި ލިޔެފައިވަނީ މަފްހޫމު އޮޅޭގޮތަށް ކަމަށް އެ އިދާރާއިން ބުނެފިއެވެ.

ކަސްޓަމްސްއިން މިފަދައިން ބުނެފައި ވަނީ އެ އިދާރާއިން މިއަދު ނެރުނު ބަޔާނެއްގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީގެ އެދުމުގެމަތިން ކަސްޓަމްސްއިން މިއަދު އެ ކޮމިޓީއަށް ހާޒިރުވެ، ކޮމެޓީގެ މެންބަރުން ކުރި ސުވާލުތައް އަމާޒުވެފައި ވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމާއ،ި ސިއްރުން ނުވަތަ ގާނޫނާ ހިލާފަށް ރާއްޖެއަށް ތަކެތި އެތެރެކުރުން ހުއްޓުވުމުގައި ކަސްޓަމްސްއަށް ހުރި ގޮންޖެހުންތަކުގެ މައްޗަށް ކަމަށް އެ އިދާރާއިން ބުނެއެވެ.

އެގޮތުން ރައްޔިތުން މަޖިލީހުގެ މި ބައްދަލުވުމުގައި ރާއްޖޭގެ ބައިނަލްއަގްވާމީ ބަނދަރުތައް ބެލެހެއްޓުމުގައި ހުރި ގޮންޖެހުންތަކާއ،ި ރާއްޖޭގެ ސަރަހައްދީ ކަނޑުގެ ސަރަހައްދުބެލެހެއްޓުމުގައި ކަސްޓަމްސްއަށް ހުރި ގޮންޖެހުންތައް ވަނީ ހިއްސާ ކޮށްފައެވެ.

"ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ފަރާތްތަކުން ބަނދަރަށް އައުމުގެ ކުރިން ކަނޑުމަތިން އެތަކެތި ލޯކަލް އުޅަނދުފަހަރުގައި ބާލައިގެން ފަޅު ރަށްރަށަށް ގެންގޮސް އެތެރެކުރާ ކަމުގެ މުއުތަބަރު މައުލޫމާތު ކަސްޓަމްސް އާއި ދިވެހި ފުލުހުންގެ ހިދުމަތަށް ލިބޭ ކަމާއ،ި ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއަށް މީގެ ކުރިން ދިވެހި ފުލުހުންގެ ހިދުމަތުން އެ މައުލޫމާތު ހިއްސާކޮށްފައިވާކަން ފާހަގަކޮށް، އެ މަގުން ތަކެތި އެތެރެކުރެވޭނަމަ ހަމައެކަނި މަސްތުވާތަކެތި އެތެރެކުރާނެ ކަމަށް ވިސްނައިގެން ނުވާނެ ކަމާއ،ި ގާނޫނާއި ގަވާއިދާ ހިލާފު އެހެނިހެން ތަކެތިވެސް އެތެރެކުރުމުގެ ފުރުސަތު އޮންނާނެތީ އެކަން ހުއްޓުވުމަށްޓަކައ،ި ސަރަޙައްދީ ގައުމުތަކުގެ މެދުގައި މައުލޫމާތު ހިއްސާކުރުމާއ،ި ސާވައިލަންސް އާއި މޮނިޓަރިން އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކަމާބެހޭ ފަރާތްތަކާއި ގުޅިގެން ކުރަމުންދާކަން ފާހަގަކޮށްފައި ވާނެއެވެ." ކަސްޓަމްގެ ބަޔާނުގައި ވެއެވެ.

ނަމަވެސް ބައެއް ހަބަރުތަކުގައި ތަސައްވުރު ކުރެވިފައިވާ "ހަތިޔާރު" ނުވަތަ "ހަނގުރާމަވެރި ހަތިޔާރު" އެއްވެސް ހުރައެއްނެތި ރާއްޖެއަށް ގެނައުމަށް ހުޅުވާލެވިފައިވާ ކަމަށް ކަސްޓަމްސްއިން ބުނި ކަމަށް ދޭހަވާގޮތަށް ހަބަރުތަކުގައި ލިޔެފައިވަނީ މަފްހޫމު އޮޅޭގޮތަށް، އަދި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ފަދަ ގޮތަކަށް ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައ،ި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން ރާއްޖޭގެ ސަރަހައްދު ކަނޑާއިވައިގެ މަގުން 24 ގަޑިއިރު ބަލަހައްޓަމުންދާ ކަމަށާއި ކަސްޓަމްސްއިން ބަލަންޖެހޭ ކަންކަންވެސް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއާ ގުޅިގެން ބަލަހައްޓަމުން ދާކަމަށް އެ އިދާރާއިން ހާމަކޮށްފައި ވެއެވެ. އެގޮތުން ދުރާލައި އުޅަނދުފަހަރު އައުމުގެ ކުރިން އެކަބެހޭ މައުލޫމާތު ހޯދައި ރިސްކުތައްދެނެގަނެ، ރިސްކު އޮންނަ ހާލަތުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއާއި މޯލްޑިވްސް ޕޮލިސް ސާވިސްއާ ގުޅިގެން ހާއްސަ އޮޕަރޭޝަންތައް ހިންގާ ކަމަށް ކަސްޓަމްސްއިން ބުނެފައި ވެއެވެ.

މީގެ އިތުރުން މި ކަންކަން ހަރުދަނާ ކުރުމަށްޓަކައި މި މުއައްސަސާތަކުގެ މެދުގައި މަޝްވަރާކޮށް، މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުމަށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ހާއްސަ ތަމްރީނުތައް ދެވެމުންދާކަމަށްވެސް ކަސްޓަމްސްއިން ވަނީ ބުނެފައެވެ. އަދ،ި ރީޖަނަލް ގައުމުތަކުގެ މެދުގައި މައުލޫމާތު ހިއްސާކުރުމާއ،ި ސާވައިލަންސް އާއި މޮނިޓަރިން އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް، ރާއްޖެއާއި ރާއްޖެއިން ބޭރުގެކަމާބެހޭ ފަރާތްތަކާއި ގުޅިގެން ކުރުމަށް މަސައްކަތްކުރަމުންދާކަމަށްވެސް އެ އިދާރާއިން ވަނީ ފާހަގަ ކޮށްފައެވެ.

އަދި ހަަމައެހެންމެ ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމުގައި ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް ކަސްޓަމްސްއިން ތަންފީޒްކުރަންޖެހޭ ގާނޫނުތަކާއި ގަވާއިދުތައް ތަންފީޒްކުރުމުގައި ސާބިތުކަމާއެކު ދެމިތިބޭނެކަމުގެ ޔަގީންކަން ކަސްޓަމްސްއިން އަރުވާފައި ވެއެވެ.