ބޭރުގެ ފަރާތްތަކަށް ވެސް ކުރިމަތިލެވޭނެހެން ސަރުކާރުގެ މަސް ކުންފުނި މިފްކޯ އަށް ސީއީއޯ / މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައި ކުރި އިއުލާނު ބާތިލްކޮށްފިއެވެ.

މިފްކޯގެ ސީއީއޯ / މެނޭޖިން ޑިރެކްޓަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އަހްމަދު ޝަމާހު ރަޝީދު މިދިޔަ މޭ މަހުގެ 21 ވަނަ ދުވަހު ވަކިކޮށް، ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަންކުރުމާ ގުޅިގެންނެވެ.

އެހެންވެ، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑުން ވަނީ މިފްކޯގެ ސީއީއޯ / މެނޭޖިން ޑިރެކްޓަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައި، މިދިޔަ މަހުގެ ފަހުކޮޅު އިއުލާނެއް ކޮށްފައެވެ. އެ އިއުލާނުގައިވާ ގޮތުން، އިއްޔެ މެންދުރުފަހު 2 ޖެހުމާ ހަމައަށް، މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.

އެކަމަކު ޕީސީބީން މިއަދު ބުނީ، ޝަރުތު ހަމަވާ އެއްވެސް ފަރާތަކުން އެ މަގާމަށް ކުރިމަތިލާފައިނުވާތީ އިއުލާނު ބާތިލްކޮށްފައިވާ ކަމަށެވެ.