އެމެރިކާގެ ޕެންސެލްވޭނިއާގެ ބަޓްލާގައި އޮތް ކެމްޕެއިން ރެލީއެއްގައި އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް އަމާޒުކޮށް ދިން ހަމަލާ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވައިފި އެވެ.
އެ ހާދިސާއާއި ގުޅިގެން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ސިޔާސީ ކަންކަމުގައި ހަމަނުޖެހުމަށް ޖާގައެއް ނެތް ކަމަށާއި ހުރިހާ ތަނެއްގައި ހިންގާ ހުރިހާ ބާވަތެއްގެ ހަމަނުޖެހުން ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ. އަދި ޓްރަމްޕުގެ އިތުރުން އެ ހަމަލާގައި އަނިޔާވި މީހުންނަށް ރައީސް ވަނީ ހެޔޮދުއާ ފޮނުއްވާފައެވެ.
ޓްރަމްޕަށް ހަމަލާ ދީފައިވަނީ ސަޕޯޓާރުންނާ މުހާތަބު ކުރައްވާ ވާހަކަ ދައްކަވަން އޭނާ ސްޓޭޖް މަތީގައި ހުންނަވަނިކޮށް ރާއްޖެ ގަޑިން ރޭ ފަތިހު 4 ޖަހާއިރު އެވެ. ހަމަލާދިން މީހާގެ ޖެހި ވަޒަން ޓްރަމްޕަގެ ކަންފަތްޕުޅުގައި ކޭތިލާފައި ދިޔަ ކަމަށް ހަބަރުތަކުން ބުނާ އިރު, ޓްރަމްޕަ ވިދާޅުވީ, އޭނާ ހީފުޅު ކުރެއްވީ ކަންފަތްޕުޅު އިރައިގެން ދިޔަ ކަމަށެވެ.
މިހާދިސާގައި ހަމަލާ ދިން މީހާ, ޓްރަމްޕްގެ ބޮޑީގާޑުންގެ ތެރޭގައި ހިމެނޭ ސަނައިޕަރުން ހަމަލާ ދީ މަރާލާފައި ވާ އިރު, ޓްރަންޕަށް ވަރުފާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ އަށް ފަހު މިހާރު ވަނީ ދޫކޮށްލާފައެވެ.
ޓްރަމްޕަށް ހަމަލާ ދިން މީހާ ދެނެގަނެ ހަމަލާ ދިން ސަބަބު ހޯދުމުގެ ވަރުގަދަ ތަހުގީގެއް މިހާރު ފަށާފައިވާއިރު ފުލުހުންނާ ހަވާލާދީ ސީއެންއެން ބުނެފައި ވަނީ ހަމަލާ ދިން މީހާ މަރާލާފައިވާ ކަމަށެވެ.
ޓްރަމްޕަށް ހަމަލާ ދޭ މަންޒަރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އިރު ހަމަލާ ދޭ ވަގުތު ޓްރަމްޕް ތިރިވެވަޑައިގަންނަވާތަން ފެނެއެވެ. އެއަށް ފަހު އޭނާގެ ހަށި ފާރަވެރިން އޭނާ ވަށާ ލާއިރު ކަންފަތުން ލޭއަންނަތަން ވެސް ފެނެއެވެ. އަދި ޓްރަމްޕް އަތުގެ އިޝާރާތުން އޭނާއަށް މާބޮޑު ގެއްލުމެއް ނުވާކަން ދައްކަވާ އިރު ވަށައިގެން ގިނަ އަދަދެއްގެ ސަޕޯޓަރުން ތިބި މަންޒަރު ވެސް ފެނެއެވެ. މި ހަމަލާ އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑަން ވަނީ ކުށްވެރި ކުރައްވާފައެވެ.
އެމެރިކާގެ ރިޔާސީ އިންތިހާބަށް 4 މަހަށް ވެފައި ވާ އިރު ހިޔާލު ހޯދުމުގެ ވޯޓުން ދައްކަނީ ފަސޭހަކަމާއެކު ޓްރަމްޕް އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށެވެ. ޓްރަމްޕާ ވާދަ ކުރައްވާ ބައިޑަން އާ މެދު އާންމުންގެ މެދުގައި އުފެދިފައިވާ ތަސައްވުރަކީ ހަނދާން ނެތުމުގެ ބަލިމަޑުކަމެއްގައި ބައިޑަން އުޅުއްވާތީ އެމެރިކާގެ ވެރިކަމަށް އޭނާ ފިޓް ނުވާކަމަށް ބުނެ އުފެދިފައިވާ ތަސައްވުރެކެވެ.