ހަމާސްގެ ލީޑަރަކު ޝަހީދު ކޮށްލަންކަން ކަމަށް ބުނެ, ކުރިން ރައްކާތެރިތަކެއްގެ ގޮތުގައި ކަނޑައެޅި މަވާސީއަށް ހަމަލާދީ 71 މީހަކު ޝަހީދު ކޮށްލައި 289 މީހަކު ޒަހަމް ކޮށްލައިފިއެވެ.

އިޒްރޭލުގެ މި ނުބައި އުދުވާނީ ހަމަލާ އަމާޒު ކުރި އަލް މަވާސީ ރެފިއުޖީ ކޭމްޕަކީ, ރައްކާތެރި ވާނެ ކަމަށް ބުރެ ރަފާގައި ތިބި މީހުން ފައްސާލި ސަރަހައްދެވެ.

ހާން ޔޫނިސްގެ ހުޅަނގުން މެޑިޓަރޭނިއަން ކަނޑަށް ވާގޮތަށް އޮންނަ މި ސަރަހައްދަށް ހަމަލާ ދިނީ, އެތާނގައި ހަމާސްގެ އަސްކަރީ ކޮމާންޑަރެއް ކަމަށް ވާ މުހައްމަދު ދެއިފް ހުންނެވި ކަމަށް ބުނެ އޭނާ ޝަހީދު ކޮށްލަން ކަމަށް އިޒްރޭލުން ބުންޏެވެ.

ހަމާސް އިން ވަނީ އިޒްރޭލުން ހަމަލާ ދޭން ދެއްކި ބަހަނާއަކީ ދޮގު ބަހަނާއެއް ކަމަށާއި އެ ހަމަލާގެ ސަބަބުން މަރުވެ ދިޔައީ އާންމު ރައްޔިތުން ކަމަށް ބުނެފައެވެ.

މަންޒަރު ދުށް މީހުންނާ ހަވާލާދީ އަލްޖާޒީރާއިން ބުނެފައި ވަނީ, އިޒްރޭލުގެ ހަމަލާގައި ޒަހަމްވި މީހުން ސަލާމަތް ކުރަން ހަރަކާތްތެރި ވި މީހުންނަށް އަމާޒުކޮށް އިޒްރޭލުން ބަޑިޖަހާ އަދި ހަމަލާ ދީފައި ވާ ކަމަށެވެ. އެ އުދުވާނާ ގުޅޭ މަންޒަރުތައް އާންމު ކޮށްފައި ވާ އިރު, ލެޔާ ތަތްތެޅިފައި ތބި އެތައް ބަޔަކު ފެންނަން ތިއްބެވެ. ހަށިގަނޑުގެ އެތަން މިތަން ޒަހަމްވެ އަނިޔާތައް ފެންނަން ހުއްޓެވެ. އަދި ޝަހީދުވެފައި ތިބި ތުއްތު ކުދިން ތިބި ހަމަލާގެ ސަބަބުން ކުނޑިކުނޑި ވެފައި ކަމަށް ވެސް ބުނެފައި ވެއެވެ.

އިޒްރޭލުން ގާޒާ ތަޅާ ސުންނާފަތި ކުރުމަށް ހިންގާ އުދުވާނުގައި މިހާރު މުޅި ގާޒާގެ 70 ޕަސެންޓް އެކީ އެކަށް ވަނީ މިބާ ހަމަކޮށްފައެވެ. ވީރާނާ ވެފައިވާ ގަބުރުސްތާނެއް ފަދަ ބިމަކަށް އެތަން ހަދާފައި ވާ އިރު އިޒްރޭލު ސިފައިން މިހާރު ވަނީ ގާޒާ ސިޓީ [ގާޒާގެ އުތުރު] ގައި ތިބި އެ ބިމުގެ އެންމެހާ ވަޒަންވެރިން އެތަނުން ފޭބުމަށް އަމުރު ކޮށްފައެވެ. އިޒްރޭލުން ބުނެފައި ވަނީ އެތާނގައި ނުފައިބެ ހުރި މީހަކު ހުރިއްޔާ އެމީހަކީ ހަމާސްގެ މީހެއް ކަމަށް ބަލައި މަރާލާނެ ކަމަށެވެ.

ގާޒާ ހިފުމުގައި އިޒްރޭލުގެ އޮތް ދެވަނަ ބޭނުމަކީ ބިންތައް އަތުލުން ކަމަށް ވާއިރު މިއީ 1948 ގެ ހަނގުރާމައަށް ފަހު ބިމުގެ އެންމެ ބޮޑު ސަރަހައްދެއް އަތުލާ ފުރަތަމަ ފަހަރެވެ. އިޒްރޭލުން މިހާރު ވަނީ ގާޒާ ސިޓީގައި ޔަހޫދީން ވަޒަންވެރި ކުރުމުގެ ޕްލޭންތައް ނިންމާ, އެތަނަށް ދާން ބޭނުންވާ ވޮލަންޓިއަރުންވެސް ހޯދަން ފަށާފައެވެ.

މަވާސީ އަށް ދިން ހަމަލާ ހޫތީންނާއި, ފަލަސްތީން އޮތޯރިޓީ, އަދި އީރާން ފަދަ ގައުމުތަކުން ކުށްވެރި ކުރަމުން ދާ އިރު, އެކަމާ ދެކޮޅަށް ބަސް ބުމުގައި އަރަބި ބޮޑެތި ބާރުތައް ވަނީ ފަސްޖެހިފައެވެ. ސައުދީ, މިސްރު, އުރުދުން އަދި ގަތަރު ފަދަ ގައުމުތަކުން ބަހެއް ނުބުނެއެވެ. އަދި އެ ގައުމުތަކުގައި ފަލަސްތީނަށް ތާއީދުކޮށް މީހަކު ހަރަކާތެއް ހިންގައިފިނަމަވެސް އަދަބު ދެއެވެ.