ރާއްޖޭގެ ގިނަ ރަށްތަކަކަށް ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުންދާ ފެނަކަ ކުންފުންޏަށް ނުއަގުގައި ދޯންޏެއް ހިފާފައި ނުވާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
ފެނަކައިން މިވާހަކަތައް ދޮގުކޮށްފައި ވަނީ އެ ކުންފުންޏަށް ނުއަގުގައި ދޯންޏެއް ހިފިކަމަށް ބުނެ ބައެއް މީސްމީޑިއާގައި ހަބަރު ފެތުރުމާ ގުޅިގެންނެވެ. އެކަމާ ގުޅިގެން ފެނަކައިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ހަބަރުތައް ފަތުރާފައި ވަނީ އެކި ތާރީހު ތަކުގައި ތަފާތު ބޭނުންތަކަށް ކޮށްފައިވާ މުއާމަލާތްތަކުގެ ލިޔުންތައް ނަކަލު ކޮށްގެން ކަމަށެވެ.
އަދި މިއީ ފާއިތުވި 7 މަސްދުވަހުގެ ތެރޭގައި ކުންފުނީގެ މިހާރުގެ މެނޭޖްމެންޓުން ކުންފުނީގެ ޕްރޮކިއުމަންޓް މުއާމަލާތްތައް ހަރުދަނާކޮށް ކުންފުނިން ހިދުމަތް ހޯދާ ފަރާތްތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ އިތުބާރު ހޯދުމަށް ކުރާ މަސައްކަތަކަށް ހުރަސް އަޅާ ފިތުނަ އުފެއްދުމަށް ބަޔަކު ކުރަމުންދާ ކަމެއްގެ ގޮތުގައި އެ ކުންފުނިން ވަނީ ސިފަކޮށްފައެވެ.
"ފިތުނަވެރި ވާހަކަތަކާއި އަޑުތައް ބޭނުންކޮށްގެން ކުންފުނީގެ ސާފުވަމުންދާ ނަން ކިލަނބު ކުރުމަށް ބައެއް ފަރާތްތަކުން ކުރަމުންދާ ނާތަހުޒީބު މަސައްކަތްތަކަކީ ނިހާޔަތަށް ޣައިރު ޒިންމާދާރު އަދި މިނިވަން ނޫސްވެރިކަމުގެ ނިވަލުގައި ތިބެ، މުޖްތަމައު ފަސާދަ ކުރުމަށް ރޭވިގެން ހިންގާ ސިލްސިލާގެ ތެރެއިން ބޮޅެއް" އެ ބަޔާނުގައި ވެއެވެ.
ހަމައެހެންމެ ފެނަކައަކީ ރާއްޖޭގެ 157 ރަށެއްގައި ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ހިދުމަތް ފޯރުކޯށްދެމުންދާ ކުންފުންޏެއްކަން ފާހަގަކޮށް އެ ކުންފުނިން ބުނީ އެންމެ އަސާސީ ތަކެތިވެސް ރަށްރަށުން ނުލިބޭ ކަމަށެވެ. އަދި ރަނގަޅު ހިދުތަމެއް ފޯރުކޮށްދިނުމަށް މެދު ކެނޑުމެއްނެތި އެކި ތަކެތި މާލެއިން ފޮނުވަން ޖެހޭ ކަމަށާއި އަދި އެއީ ކޮންމެ ދުވަހަކުވެސް އެކުންފުނިން ކުރަންޖެހޭ ކަމެއް ކަމަށް އެ ބަޔާނުގައި ވެއެވެ.
އެގޮތުގެމަތިން ފާއިތުވި ދުވަސްތަކުގެ ވަކި ވަކި ދަތުރުތަކަށް ދޯނިފަހަރު ނަގައި އެވަރެޖް ގޮތެއްގައި 7 މިލިއަން ރުފިޔާ މަހެއްގެ މައްޗަށް ހަމަޖައްސައި އެ ކަމުން ނާޖާއިޒް ފައިދާތަކެއް ބަޔަކު ނަގާފައި އޮތްއޮތުން ނިމުމަކަށް ގެނެސް ކުންފުންޏަށް އެންމެ ފައިދާ ހުރިގޮތަށް އެކަންކަން ކުރަމުންދާ ކަމަށް ފެނަކައިން ވަނީ ބުނެފައެވެ. އަދި މިފަދަ ފިތުނަތައް އުފައްދަމުން ދަނީ އެފަދަ ފަރާތްތަކަށް ނާޖާއިޒް ފައިދާ އެކަންކަމުން ލިބެމުން ނުދާތީ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
"ކުންފުނީގައި ކަނޑައަޅާފައިވާ ގަވާއިދާއި އުސޫލުތަކުގެ ތެރެއިން ކުންފުނީގެ އަދުގެ މެނޭޖްމެންޓުން އެކަން ހަރުދަނާ ކޮށް އިންތިޒާމު ކުރަމުންދާ ދިއުން، ކުރިން އެކަމުން ނާޖާއިޒް ފައިދާ ހޯދި އަދި ހޯދައިދިން ފަރާތްތަކަށް އިހްތިސާސްތަކަށް ވުމަކީ މިފަދަ ފިތުނަ ފަސާދަ އުފެއްދުމުގެ މައިގަނޑު ސަބަބު" ބަޔާނުގައި ވެއެވެ.
ނަމަވެސް އެކަން ކަމަށް ބެލުމެއް ނެތި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހަރުދަނާ އިންތިޒާމުތަކުގެ ތެރެއިން ރައްޔިތުންނާ ގާތުން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ އަރުވާފައެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް މިފަދަ ކަން ކަން ހިނގާނެ ކަމަށް ލަފާ ކޮށް އާންމުން ސަމާލުވުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.