ސިޔާސީ ގޮތުން ހަމަ ނުޖެހުން ބޮޑު ގައުމެއްގެ ގޮތުގައި އޮތް، ނޭޕާލްގެ ބޮޑު ވަޒީރުކަމުން ޕުޝްޕާ ކަމާލް ދަހަލް ވަކިކޮށް، އޭނާގެ ސަރުކާރު ވައްޓާލައިފިއެވެ.

ނޭޕާލްގެ ބޮޑު ވަޒީރުކަމުން ޕުޝްޕާ ކަމާލް ދަހަލްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ވޯޓެއް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން ހުކުރު ދުވަހު ނަގާފައިވަނީ އޭނާގެ ކޯލިޝަން ޕާޓްނަރު ކޮމިއުނިސްޓް ޕާޓީ އޮފް ނޭޕާލް (މާކްސިސްޓް-ލެނިނިސްޓް) އިން ޖުލައި މަހުގެ 3 ވަނަ ދުވަހު ސަރުކާރަށް ކުރަމުން އައި ތާއީދު އަނބުރާ ގެންދިއުމުންނެވެ.

ހުކުރު ދުވަހުގެ ވޯޓަށް ފަހު މަޖިލީހުގެ ރައީސް ދޭވްރާޖް ގިމިރޭ ވިދާޅުވީ 258 މަޖިލިސް މެންބަރުންގެ ތެރެއިން 63 މެންބަރުން ބޮޑުވަޒީރަށް ތާއިދުކޮށް ވޯޓު ދެއްވިއިރު، 194 މެންބަރުން ވަނީ އޭނާގެ އިތުބާރު ނެތްކަމަށް ވޯޓު ދެއްވާފައެވެ. އަދި މި ވޯޓުގައި އެއް މެންބަރަކު ބައިވެރިވެފައިނުވާއިރު، ވޯޓުގައި ބައިވެރިވި 275 މެންބަރުންގެ މަޖިލީހުގައި، އައުލަބިއްޔަތު ސާބިތުކުރުމަށް ބޭނުންވަނީ 138 ވޯޓު ކަމަށެވެ.

ނޭޕާލްގެ 20 މަސް ދުވަސްވީ ހަލަބޮލި ސަރުކާރެއް ނިމި އާ ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނައިރު ނޭޕާލުގައި މީގެ ކުރިން ދެ ފަހަރެއްގެ މަތިން ބޮޑުވަޒީރުކަން ކުރެއްވި ކޭޕީ ޝަރްމާ އޮލީ އިސްކޮށް ހުންނަވައިގެން އާ ކޯލިޝަން ސަރުކާރެއް ގާއިމް ކުރުމަށްވަނީ ނިންމާފައެވެ. ނޭޕާލުން 239 އަހަރުވީ ރަސްކަމުގެ ނިޒާމު 2008 ވަނަ އަހަރު އުވާލާފައިވާއިރު އެ ދުވަހުން ފެށިގެން އެ ގައުމު ހިންގަމުން އައީ ސިޔާސީ ހަމަނުޖެހުމެއްގެ ތެރޭގައެވެ. އަދި އަލަށް އެކުލަވާލުމަށް މަސައްކަތްކުރަމުން ދާ އޮލީގެ އާ ސަރުކާރު ވެގެންދާނީ އެ ދުވަހަށްފަހު އަންނަ 14 ވަނަ ސަރުކާރަށެވެ.