ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ "ދަނޑުވެރި މަންފާ" ގްރާންޓަށް ފޯމު ބަލައިގަތުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.

މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ އިން ހއ، ހދ. އަދި ށ. އަތޮޅުގެ ރަށްތަކަށް ހުޅުވާލި ފުރުސަތުގައި ގިނަ އަދަދެއްގެ ބަޔަކު މި ގްރާންޓަށް އެދިފައިވާއިރު، އެ މިނިސްޓްރީން ބުނީ މިހާތަނަށް ލިބިފައިވާ އެޕްލިކޭޝަންތަކަށް ބަލާއިރު ކަނޑައަޅާފައިވާ އަދަދު ހަމަވެފައިވާ ކަމަށެވެ. އެހެންކަމުން އެޕްލިކޭޝަން ބަލައިގަތުން މެދުކަނޑާލާފައިވާކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެ އިތުރުން މިނިސްޓްރީން ބުނީ މިހާރު ލިބިފައިވާ އެޕްލިކޭޝަންތައް އިވެލުއޭޓްކޮށް ނިންމުމަށްފަހު ފަންޑުގައި އިތުރު ފައިސާ ހުރި މިންވަރަކުން އިތުރު ފުރުސަތަށް ހުޅުވާލާނެ ކަމަށެވެ.

ދަނޑުވެރި މަންފާ ޕްރޮގްރާމަކީ މިނިސްޓްރީ އޮފް އެގްރިކަލްޗާ އާއި އިންޓަނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރަލް ޑެވޮލޮޕްމަންޓް (އިފާޑް)އާ ގުޅިގެން ކުރިއަށްގެންދާ ގްރާންޓް ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ދަށުން ހިލޭ އެހީގެ ގޮތުގައި ދިނުމަށް ކަނޑައަޅާފައިވާ ޖުމްލަ ފައިސާގެ އަދަދަކީ 15.1 މިލިއަން ރުފިޔާއެވެ.

މި ޕްރޮގްރާމްގެ ދަށުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި ފައިސާ ދޫކުރާނީ ގްރީން ހައުސް އަޅައިގެން ޕްރޮޑަކްޝަންގެ މަސައްކަތްތައް ކުރުމަށެވެ. އަދި ދެވަނަ ފިޔަވަހީގައި ފައިސާ ދޫކުރާނީ ވެލިއު އެޑެޑް ޕްރޮޑަކްޓްސްއަށެވެ.