ހުއްދައާ ނުލައި މީހެއްގެ ސައިކަލު ނަގައިގެން ދުއްވި މީހަކު 2 އަހަރު ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
ދައުލަތުން އޭނާގެ މައްޗަށް ކޮށްފައި ވަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާއެވެ.
މި އަހަރުގެ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހު އޯކިޑުމަގު، އާރްޑީސީ (އެމްއެސްއެލް ބިލްޑިން) ކައިރީގައި ހުރި ފެހި ކުލައިގެ ކިޔުބިކްސް ސައިކަލެއް ނަގައިގެން ދުއްވި ކަމަށް އޭނާ ވަނީ އިބްތިދާއީ އަޑުއެހުމުގައި އެއްބަސްވެފައެވެ. އަދި ކުރިއަށް ދާން ބޭނުން ވަނީ ވަކީލަކާ ނުލައިކަމަށް އޭނާ ބުނެފައިވެއެވެ.
ދައުވާއަށް އިއުތިރާފް ވަނީ އަމިއްލަ އިހްތިޔާރުގައި އެއްވެސް މީހެއްގެ މަޖުބޫރުކަމެއް ނެތިކަމަށް އިބްތިދާއީ މަރުހަލާގައި ބުނެފައިވާތީ މި މައްސަލާގައި އަވަސްނިޔާގެ މަރުހަލާއެއް ބާއްވާފައި ވާއިރު، އަވަސްނިޔާގެ މަރުހަލާގައި ވެސް އޭނާގެ އިއުތިރާފް ދަމަހައްޓާފައި ވާތީ ކްރިމިނަލް ކޯޓުން ވަނީ އޭނާގެ އިއުތިރާފުން ކުށް ސާބިތުވާ ކަމަށް ނިޔާކަނޑައަޅާފައެވެ.
އޭނާ ބުނެފައި ވަނީ މިއީ އޭނާ މަސްތުވާތަކެތީގެ ވަބާގައި ޖެހި ކުރެވުނު ކުށްތަކެއް ކަމަށެވެ. އަދި ވީހާވެސް އަވަޖަށް އަދަބު ކަނޑައަޅައި ދިނުމަށް އެދޭ ކަމަށެވެ.
އޭނާކޮށްފައިވާ ކުށަކީ ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެއް ކަމަށާއި ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެއްގެ އަދަބުގެ އަސާސީ މިންގަނޑަކީ 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށްލުން ކަމަށް ކްރިމިނަލް ކޯޓުން ފާހަގަކޮށްފައިވެއެވެ. އަދި އޭނާގެ ކުށުގެ ރެކޯޑަށް ބަލައި އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށްވުރެ 1 ދަރަޖަ މަތި ކުރަން ޖެހޭ ކަމަށް ކަނޑައަޅައި އޭނާގެ މައްޗަށް ވަނީ 2 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.
އެހެން ނަމަވެސް މައްސަލައިގެ ތަހުގީގު މަރުހަލާގައި އޭނާ 15 ދުވަހާއި 20 ގަނޑިއިރު ހޭދަކޮށްފައިވާތީ، ޖަލުގައި ހޭދަކުރި މުއްދަތު ހުކުމުން އުނިކުރުމަށް ފަހު، އޭނާ ދެން ތަންފީޒުކުރަން ޖެހޭނީ އެއް އަހަރާއި 11 މަހާއި 14 ދުވަހުގެ ޖަލު ހުކުމެކެވެ.