ފިލާ ބިލްޑިންގްގެ ތިންވަނަ ފަންގިފިލާ ބެލްކަނީގައި ހުރި ކުނިތަކެއްގައި ރޯވި އަލިފާންގަނޑު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއިން ނިއްވާލައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ ރޭ ފަތިހު 04:41 ހާއިރު ކަމަށެވެ. އަދި މި ހާދިސާގެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް އިން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ. އެގޮތުން، އެފްއާރުއެސްގެ ފަޔާ ފައިޓަރުން ކުރި މަސައްކަތުން ބެލްކަނީގައި ހުރި ކުނިތަކުގައި ރޯވެފައި ހުރި އަލިފާން ނިއްވާލެވުނީ ރޭ 04:57 ހާއިރުކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

އެމްއެންޑީއެފް އިން ބުނީ މި ހާދިސާގައި ފިލާ ބިލްޑިންގްގެ ތިންވަނަ ފަންގިފިލާ ބެލްކަނީގައި ހުރި ތަކެތި ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.