ސިހުރު ހެދިކަމުގެ ތުހުމަތުކޮށް ހައްޔަރު ކޮށްފައި ހުރި، އެންވަޔަރަމަންޓު މިނިސްޓަރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒު އަލީގެ ކުރީގެ ފިރިމީހާ، އާދަމް ރަމީޒުއާ ދެކޮޅަށް ބަޔާން ދިނުމުން ދޫކޮށްލާނެ ކަމަށް ބުނެ މީސްމީޑިއާގައި ފަތުރާ ވާހަކަތައް ފުލުހުން ދޮގުކޮށްފިއެވެ.

ޝަމްނާޒުގެ ލޯޔަރު، އަލީ ޝާހު އާ ހަވާލާދީ "އަދަދު" ނޫހުގައި ޝާއިއު ކޮށްފައި ވަނީ ޝަމްނާޒުއާ ދެކޮޅަށް އެއްވެސް ހެއްކެއް ފުލުހުންނަށް ނުދެއްކޭއިރު ވެސް، އޭނާ ހައްޔަރު ކޮށްފައި ހުރީ ސިޔާސީ ގޮތުން ފްރޭމް ކޮށްގެން ކަމަށެވެ. އަދި ޝަމްނާޒުގެ ކުރީގެ ފިރިމީހާ، އާދަމް ރަމީޒުއަށް އެނގޭ، ސަރުކާރުގެ ބޮޑެތި ސިއްރުތަކެއް ޝަމްނާޒުއަށް ވެސް އެނގޭ ކަމަށް ޝާހު ބުނެފައިވާ ކަމަށް އަދަދު ނޫހުން ވަނީ ރިޕޯޓު ކޮށްފައެވެ.

"އިރުކޮޅުކޮޅާ ފުލުހުން ގޮސް ޝަމްނާޒު ކައިރީ މި ބުނަނީ އާދަމް ރަމީޒުއާ ދެކޮޅަށް ބަޔާން ދޭށޭ ދޫކޮށްލަ ދޭނަމޭ ކޮންމެ ގޮތެއްވިޔަސް [ކުރީގެ ފިރިމީހާ] ރަމީޒު ފްރޭމް ކުރުމަކަށް، ރަމީޒުއާ ދެކޮޅަކަށް އޭނަ ބަޔާނެއް ނުދޭނެތާ" ޝަމްނާޒްގެ ވަކީލު، ޝާހު ބުނެފައިވާ ކަމަށް އަދަދު ނޫހުގައި ޝާއިއު ކޮށްފައި ވެއެވެ.

މީގެ އިތުރުންވެސް ތިން ވަނަ ފަހަރަށް ޝަމްނާޒް އާއި އޭނޭގެ ކޮއްކޮ ބަންދުގެ މުއްދަތު އިތުރުކުރި ނަމަވެސް ދެކޮޅަށް އެއްވެސް ހެއްކެއް ނުދެއްކޭ ކަމަށް އޭނާގެ ވަކީލު ވަނީ ބުނެފައެވެ.

އެވާހަކަތައް ދޮގު ކުރަމުން ފުލުހުންގެ ތަރުޖަމާނު، އަހުމަދު ޝިފާން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސިހުރު މައްސަލަ ތުހުމަތުވާ ފަރާތް [ޝަމްނާޒް] އާއި މެދު އެފަދަ އެއްވެސް މުއާމަލާތެއް ފުލުހުންކޮށްފައި ނުވާނެކަމަށެވެ.

ސިހުރު ހެދި ކަމުގެ ތުހުމަތުގައި ޝަމްނާޒުގެ އިތުރުން 2 މީހަކު ހައްޔަރުކޮށްފައި ވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ. ޝަމްނާޒަކީ ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒުގެ ކުރީގެ އަނބިކަނބަލުންނެވެ. މީގެ ކުރިން މާލޭ ސިޓީ ކައުންސިލްގެ މެންބަރު ކަންވެސް ކުރައްވި ޝަމްނާޒު ހިނގަމުން މިދާ ސަރުކާރުގައި ފުރަތަމަ ބަހައްޓާފައި ހުރީ ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ އަރިހުގައި މުލީއާގޭގައެވެ.

ޝަމްނާޒް އާއި އޭނާގެ ކޮއްކޮގެ މައްޗަށް ތުހުމަތު ކުރަމުންދަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުންނަށް ސިހުރު ހެދިކަމަށް އަޑުފެތުރިފައިވީ ނަމަވެސް ދާދިފަހުން ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި އެ މައްސަލަ ހުށަހެޅީ ރައީސް އާއި އެމަނިކުފާނުގެ އާއިލާއަކުން ނޫނެވެ.

އެކަމާ ގުޅިގެން ސަރުކާރުގެ ތަރުޖަމާނު ހީނާ ވިދާޅުވީ ސިހުރުގެ މައްސަލައާއި ގުޅުވާ ރައީސް އާއި އެމަނިކުފާނުގެ އާއިލާއަށް ނިސްބަތްކޮށް މީޑިއާގައި ފަތުރަމުން ދަނީ ހަގީގަތާ ހިލާފު ދޮގު ހަބަރުތަކެއް ކަމަށެވެ.