އިދިކޮޅު އެމްޑީޕީގެ ޖަލްސާއެއްގައި ބައިވެރިވި އެޗްޑީސީގެ މުވައްޒަފަކު ވަޒީފާ އިން ވަކިކުރުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ކެމްޕެއިންގައި ވެވަޑައިގެން ވައުދުފުޅާ ހިލާފު ވެއްޖެ ކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން ބުނީ، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އެމްޑީޕީގެ ހަރުގެ ޖަލްސާ ފެށުމުގެ ގޮތުން އެޗްޑީސީގެ އޮޕަރޭޝަންސް އޮފިސަރު އަހުމަދު ޝާއިން ޤުރުއާން ކިޔަވާފައިވާ އިރު، އޭނާ ވަޒީފާއިން ވަކިކުރި ކުރުން ކުށްވެރިކުރާ ކަމަށެވެ. ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވުމާއި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެ އުޅުމަކީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެއް ކަމަށާއި، އަދި އެ އަސާސީ ހައްގުގެ ބޭނުން ހިފުމަށް އެއްވެސް ޒާތެއްގެ ބިރުވެރިކަމެއް، ބިރުދެއްކުމެއް އަދި އެއްވެސް ފިޔަވަޅެއް ވެސް އެޅުމަކީ ގާނޫނުއަސާސީއާ ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށް އެމްޑީޕީން ބުނެއެވެ.

ސަރުކާރުގެ އެއްވެސް ވަޒީފާއެއް އަދާކުރާ އެއްވެސް މުވައްޒަފަކު ވަކި ސިޔާސީ ޕާޓީއަކަށް ނިސްބަތްވާތީ ނުވަތަ ތާއީދުކުރާތީ ނުވަތަ ހަރަކާތެއްގައި ބައިވެރިވާތީ ވަޒީފާގެ ބިރުވެރިކަން ނޯންނާނެކަމަށް ރައީސް ޑރ. މުއިއްޒު ރިޔާސީ ކެމްޕެއިންގައި ވަނީ ވައުދެވެވަޑައިގެންފައި ކަމަށް އެމްޑީޕީން ބުނެއެވެ. އެހެންނަމަވެސް ވެވަޑައިގެންނެވި ވައުދުފުޅާ ހިލާފަށް ސަރުކާރުގެ މުވައްޒަފުންނަށް ވަޒީފާގެ ބިރުދެއްކުމާއި ސަރުކާރަށް ތާއީދު ނުކުރާ މުވައްޒަފުން ވަޒީފާތަކުން ވަކިކުރަމުންދާ ކަމަށް އެމްޑީޕީން ބުނެއެވެ. އެހެންކަމުން ރައީސް ޑރ. މުއިއްޒު ގެންގުޅުއްވާ ވަޒީފާގެ ބިރުދެއްކުން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށް އެ ޕާޓީން ބުނެއެވެ.

ޝާއިން ވަޒީފާ އިން ވަކިކުރިކަން އަންގައި، އިއްޔެ ފޮނުވި ޗިޓުގައިވާ ގޮތުން އެ ފިޔަވަޅު އެޅީ ޖެހިޖެހިގެން ތިން ދުވަހު ވަޒީފާ އަށް ނިކުމެފައި ނުވާތީ އެވެ. މި ކަމާ ގުޅިގެން އެޗްޑީސީން ބުނީ، ޝާއިން ވަޒީފާ އިން ވަކިކުރީ ސިޔާސީ ޕާޓީއެއްގެ ހަރަކާތުގައި ބައިވެރިވެގެން ނޫން ކަމަށާއި އެއީ ފަރުވާކުޑަވެ، އޮފީހަށް ނުނިކުންނާތީ އެޅި ފިޔަވަޅެއް ކަމަށެވެ.