ރާއްޖެއާއި ޗައިނާ އާއި ދެމެދު ވިޔާފާރީގެ މުއާމަލާތްތައް ކުރުމަށް ޗައިނާގެ ފައިސާ ޔޫއާން ބޭނުންކުރަން ފެށުމުން ޗައިނާގެ ބައިލޭޓަރަލް ޓްރޭޑަށް އަރާ އެއް ބިލިއަން ޑޮލަރު ސަލާމަތް ކުރެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ހަރުގެ ޖަލްސާގައި ރޭ ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ޔުއާން އިން ވިޔަފާރި ކުރުމަށްޓަކައި ދެ ގައުމުގެ ދެމެދުގައި މެމޮރިންޑަމް އޮފް އަންޑަސްޓޭންޑިން އެއްް އެބަ އޮތް ކަމަށާއި އެ އެއްބަސްވުމަށް ރާއްޖެއިން ހުށަހެޅި ހުށަހެޅުންތައް ދިރާސާކޮށް ޗައިނާ އިން އެންމެފަހުގެ މައުލޫމާތު ހިއްސާކުރާނެ ކަމަށެވެ. އެއަށްފަހު ރާއްޖޭގެ ސެންޓްރަލް ބޭންކާ އެކު އެއްބަސްވުމެއްގައި ސޮއިކޮށް، ޑޮލަރާ ނުލައި ޗައިނާއާއެކު ވިޔަފާރީގެ މުއާމަލާތްތައް ކުރަން ފެށޭނެ ކަމަށާއި ޗައިނާގެ ބައިލެޓަރަލް ޓްރޭޑަށް އަރާ އެއް ބިލިއަން ޑޮލަރު އޭރުން ސަލާމަތްކު ރެވޭނެ ކަމަށް ސައީދު ވިދާޅުވިއެވެ.
ޗައިނާއާއެކު ބައިލެޓަރަލް ޓްރޭޑަށް ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރާއި ހަމައަށް އަރާ ކަމަށާއި މިހާރު ކަރަންޓް ފިގާޒްއަށް ބަލާނަމަ ހަމައެކަނި ގުޑްސް އެންޑް ޓްރޭޑަށް ވެސް 700 މިލިއަން ޑޮލަރު އަރާ ކަމަށް ސައީދު ވިދާޅުވިއެވެ. ގުޑްސް އެންޑް ސާވިސަސް އަށް އަދި ޓޫރިޒަމް ސެންޓަރު ލައިފި ނަމަ އެއް ބިލިއަން ހުރަސްކޮށް އެބަދާ ކަމަށް ސައީދު ވިދާޅުވިއެވެ. އެގޮތުން މިދިޔަ ހަމަސް ދުވަހު ޕީޕަލްސް ބޭންކް އޮފް ޗައިނާއާ އެކު މަޝްވަރާ ކުރީ ލޯކަލް ކަރަންސީ ސެޓަލްމެންޓް (އެލްސީއެސް) ހެދުމުގެ މަސައްކަތް ކުރުމަށް ކަމަށާއި ރައީސް ވަނީ ޗައިނާގެ އިސް ވެރިންނާ ބައްދަލުކޮށް މިކަން ފަހިކޮށްދޭން އެދިވަޑައިގެންފައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މި ސެޓަލްމަންޓުގެ ސަބަބުން ރާއްޖޭގެ ދަރަންޏާއި، އެނާޖީ އިމްޕޯޓާއި، ޖެނެރަލް އިމްޕޯޓަށް ވެސް އެދެވޭ އަސަރުތަކެއް ކުރާނެ ކަމަށް ސައީދު ވިދާޅުވިއެވެ. އެގޮތުން ރާއްޖެ އަންނަ ފަތުރުވެރިންނަށް ޗައިނާގެ ޔޫއާން ބޭނުންކޮށްގެން ވިޔަފާރި މުއާމަލާތް ކުރެވުމާއި، ޗައިނާއިން އިމްޕޯޓް ކުރާ މުދަލަށް ޑޮލަރު ބޭނުންކުރުމުގެ ބަދަލުގައި ދިވެހި ރުފިޔާ އާއި ޔުއާން ބޭނުންކޮށްގެން މުއާމަލާތް ކުރެވޭނެ ކަމަށް ސައީދު ވިދާޅުވިއެވެ. މީގެއިތުރުން ވިޔަފާރީގެ މުއާމަލާތްތަކުގައި ޗައިނާގެ ޔުއާން ބޭނުންކުރަން ފެށުމުން ރާއްޖޭގެ ތަަރައްގީއަށް ޗައިނާގެ ބޭންކުތަކުން ނަގާ ފައިސާގެ އިންޓްރެސްޓް ރޭޓް ވެސް އެތައް ގުނައަކުން ދަށްވެގެެން ދާނެ ކަމަށާއި އޭރުން ބޭރު ފައިސާ ނުލިބިގެން ދިމާވާ ޕްރެޝާ ވަރަށް ބޮޑުތަނުން ކުޑަކުރެވޭނެ ކަމަށް މިނިސްޓރު ފާހަގަ ކުރެއްވިއެވެ.
ސައީދު އިތުރަށް ވިދާޅުވީ ޗައިނާގެ އިތުރުން އިންޑިއާއާއި އެކު ވެސް މިފަދަ އެއްބަސްވުމެއް ގާއިމުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އިންޑިއާއާއި ޗައިނާއާއެކު މިކަން އެއްކޮށް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. މީގެ ސަބަބުން ބޭރުން މުދާ ގެނައުމަށް މި ދެ ގައުމާއެކު ކުރާ މުއާމަލާތްތަކަށް ހޭދަވާ 1.7 ބިލިއަން ޑޮލަރުގެ ބަދަލުގައި ރުޕީސް އާއި ޔުއާން ބޭނުންކުރެވި ލުއިތަކެއް ލިބޭނެ ކަމަށް ސައީދު ވިދާޅުވިއެވެ.