މޯލްޑިވްސް ލޯކަލް ކައުންސިލްސް އެސޯޝިއޭޝަން (އެމްއެލްސީއޭ)ގެ ފުރަތަމަ އާންމު ޖަލްސާ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު އުމަރު އިފްތިތާހް ކޮށްދެއްވައިފިއެވެ.

އެމްއެލްސީއޭއަކީ ސިޓީ ކައުންސިލާއި، އަތޮޅު ކައުންސިލާއި އަދި ރަށު ކައުންސިލްތަކުގެ ތެރެއިން އެ އެސޯޝިއޭޝަންގެ މެންބާޝިޕް ހިމެނޭ ދާއިރާތަކުގެ ކައުންސިލަރުން ހިމެނޭގޮތަށް މަސައްކަތްކުރުމަށް އުފެއްދި ޖަމިއްޔާއެކެވެ.

އެމްއެލްސީއޭ އިފްތިތާހު ކުރުމަސް ބ. ކަމަދޫގައި ބޭއްވި ހަފްލާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ މި ޖަމިއްޔާ އުފެދިގެންދާ އިރު ސަރުކާރުގެ ފަރާތުން ކައުންސިލްގެ ކަންކަން ބާރުވެރިކުރުމާއި ލާމަރުކަޒީ ނިޒާމު ހަރުދަނާކުރެއްވުމަށް ޓަކައި ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ. އަދި މިފަދަ ކަންކަމުގައި ކައުންސިލްތަކަށް ސަރުކާރުގެ ފަރާތުން އެއްބާރުލުން ދެއްވާނެ ކަމުގައެވެ.

އާދަމް ޝަރީފް ވަނީ މި ޖަމިއްޔާގެ މަސައްކަތްތައް ކުރިއަށް ގެންދަން ސަރުކާރުގެ ތެރެއިން ކޮށްދެންޖެހޭ ކޮންމެ ކަމެއް ކުރުމުގައި އަދި ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް ޓަކައި ކުރަންޖެހޭ ކަންކަން ކުރުމުގައި މިފަދަ ޖަމިއްޔާތަކާއި އެކުގައި މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި އެއީ ކައުންސިލެއް ކަމުގައި ވިޔަސް އެ ކައުންސިލާއި އެކުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ވަރަށް ސާބިތުކަމާއެކު ހުންނަވާނެ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ ރައްޔިތުން ބަލައިގަންނަ ނިޒާމެއްގެ ގޮތުގައި ކައުންސިލްތަކުން މަސައްކަތް ކުރެއްވުމަށް އެދިވަޑައިގެންނަވައި ކަމަށެވ. އަދި މިއަދު މި އުފެދޭ ޖަމިއްޔާގެ ސަބަބުން ވެސް ރައްޔިތުންނަށް ފައިދާވާ މަސައްކަތްތަކެއް ކުރާ ޖަމިއްޔާއަކަށް މޯލްޑިވްސް ލޯކަލް ކައުންސިލްސް އެސޯސިއޭޝަން ވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.