ސިޔާސީ މަގާމުތަކުގެ އަދަދާ، އެހެނިހެން މައުލޫމާތުތައް ސަރުކާރުން ހާމަކުރަން ޖެހޭ ކަން އަދިވެސް ގަބޫލުކުރައްވާކަމުގައި ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަހްމަދު އަޒާން ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ އަދަދު ހާމަކުރަން ގޮވާލާ އިދިކޮޅު އެމްޑީޕީން ހުށަހެޅި ކުއްލި މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށް، ވޯޓު ދެއްވުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތަކެއް ވަނީ އަޒާނަށް އަމާޒުވެފައެވެ.

މިދިޔަ ސަރުކާރުގައި މައުލޫމާތު ހިފަހައްޓާތީ ހާމަކުރަން ގޮވާލައި ވަކާލާތުކުރެއްވި، ކުރީގެ ނޫސްވެރިޔާ އަޒާންއަށް އަމާޒުވެގެން ދިޔަ ފާޑުކިޔުންތަކާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވޯޓުނުދިނީ އެމްޑީޕީ އިން މަޖިލީހުގެ ވަގުތު ބޭކާރު ކުރަން ހުށަހެޅި މައްސަލައަކަށް ކަމަށެވެ. އަދި މިހާރުވެސް މައުލޫމާތު ހާމަކުރުމަށް ދެކޮޅު ނޫންކަން ފާހަގަކުރައްވަމުން އަޒާން ވިދާޅުވީ ސިޔާސީ މުވައްޒަފުންގެ އަދަދު ސަރުކާރުން ހާމަކުރާނެ ކަމަށެވެ. އަދި އެކަން ކުރުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ ކަމާ ބެހޭ އިދާރާތަކަށް އަންގާފައިކަމަށް އަޒާން ވިދާޅުވިއެވެެ.

ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ އަދަދު ހާމަކުރަން ގޮވާލައި އިދިކޮޅު އެމްޑީޕީން ގޮވާލަމުން އަންނައިރު، މި ސަރުކާރުން ސިޔާސީ މަގާމުތަކުގެ އަދަދު ހާމަ ނުކުރުމުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވަނީ އެ މައުލޫމާތުތައް ހާމަ ކުރުމަށް ސަރުކާރަށް އަންގާފައެވެ.