ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން އަޅާ ފިޔަވަޅެއްގެ ގޮތުން ލޯކަލް ކައުންސިލްތަކުގެ ރިކަރަންޓް ހަރަދު ކުޑަކުރަން މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވާކްސްއިން އަންގައިފިއެވެ.
އެ މިނިސްޓްރީން ނެރުނު ސާކިއުލާގައި ވަނީ، ރާއްޖޭގެ މާލީ ހާލަތު ހުރިގޮތުން ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމަށާއި ރާއްޖޭގެ ދަރަނި ބޮޑުވުމުގެ ސަބަބުން މިވަގުތު އިގްތިސާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެ ކަންކަން ތަންފީޒު ކުރުން މުހިންމުކަމަށެވެ. އެހެންކަމުން ކައުންސިލްތަކުގެ ރިކަރަންޓް ހަރަދުތައް ކުޑަކުރުމަށް އަންގާ ނެރުނު މި ސާކިއުލާގައި ބުނެފައިވަނީ މިވަގުތު ކޮންމެހެން ކުރަންޖެހޭ ހަރަދުތަކާ ދަތުރުތައް ނުކުރުމަށް އެދިފަައެވެ.
މީގެ އިތުރުން މިނިސްޓްރީން ވަނީ ކޮންމެހެން ބާއްވަންޖެހޭ ޖަލްސާތަކާ ތަފާތު މުބާރާތްތައް ނުބޭއްވުމަށާ، މިނިސްޓްރީތަކާ ބައްދަލު ކުރުމަށް މާލެ އައުމުގެ ބަދަލުގައި އޮންލައިންކޮށް ބައްދަލުވުންތައް ރޭއްވުމަށް ސަމާލުކަން ދިނުމަށްވެސް އެދިފައެވެ. މީގެ އިތުރުން އެ މިނިސްޓްރީންވަނީ ރާއްޖޭގެ ދަރަނި އަދާކުރުމާ ރިކަރަންޓް ހަރަދު ކުޑަކުރުމަށް ކައުންސިލްތަކުންދޭ އެއްބާރުލުން ފާހަގަކޮށް ޝުކުރުއަދާކޮށްފައެވެ.
ރާއްޖޭގެ އިގްތިސާދީ ހާލަތު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ މި ދުވަސްވަރު ސަރުކާރުން ކުރާ ހަރަދުތައް ކުޑަކުރުމަށް އެކި ފިނޭންސް މިނިސްޓްރީން އަންނަނީ އެދެމުންނެވެ.