ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ސަރުކާރުގެ އޮފީސްތަކުން ވައިގެ މަގުން ކުރާ ދަތުރުތަކަށް ޓިކެޓު ނެގުމުގެ އުސޫލަށް ބަދަލު ގެނެސްފިއެވެ.

ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ސޮއިކުރައްވާ، އިއްޔެ ސަރުކާރުގެ އޮފީސްތަކަށް ފޮނުވި ސާކިއުލާަގައިވަނީ ވައިގެ މަގުން ރާއްޖެ އާއި ރާއްޖޭން ބޭރުގެ ހުރިހާ މަންޒިލަކަށް ސަރުކާރުން ކުރާ ދަތުރުތައް، އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑުގެ ޓްރެވަލް ޑިވިޒަން ކަމުގައިވާ މޯލްޑިވިއަން ހޮލިޑޭސް އިން ކުރާ ގޮތަށް ޖެނުއަރީ 1، 2016ގައި ހަމަޖައްސާފައިވާ ކަމަށެވެ. ނަމަވެސް، މާދަމާއިން ފެށިގެން އެ އުސޫލު އުވާލުމަށް ނިންމާފައިވާ ކަމަށް މި ސާކިއުލާގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން އެ ސާކިއުލާގައިވަނީ މޯލްޑިވިއަންއިން ދަތުރުކުރާ މަންޒިލުތައް ފިޔަވައި، އެހެނިހެން މަންޒިލުތަކަށް ސަރުކާރުގެ އޮފީސްތަކުން ވައިގެ މަގުން ކުރާ ދަތުރުތަކަށް، ސީދާ އެއާލައިންތަކުގެ އަގުތައް ބެލުމަށް ފަހު، އެންމެ އަގުހެޔޮކޮށް ޓިކެޓު ލިބެން ހުރި އެއާލައިނަކުން، ދައުލަތަށް އެންމެ ފައިދާ ބޮޑު ގޮތަކަށް ޓިކެޓު ހޯދަން ނިންމާފައިވާ ކަމަށެވެ. އަދި މި ބަދަލަށް މިއަދު ( ޖުލައި 4، 2024) ވަނަ ދުވަހުން ފެށިގެން އަމަލުކުރުމަށްވެސް ވަނީ އަންގާފައެވެ.

ސަރުކާރުގެ ދަތުރުތަކަށް އަބަދުވެސް ބޮޑު ހަރަދެއް ހިނގާއިރު، މީގެ ކުރިން ރައީސް ވިދާޅުވީ ރަސްމީ އެއްވެސް ދަތުރުފުޅެއްގައި ދައުލަތުގެ ބަޖެޓުން ބޮޑު ހަރަދު ކުރައްވަން ބޭނުންފުޅުވެވަޑައިނުގަންނަވާ ކަމަށާ ރައީސާ ނާއިބު ރައީސް ވެސް ދަތުރުފުޅު ކުރައްވަނީ ފަސްޓްކުލާހުގައި ނޫން ކަމަށެވެ.