ދިވެހި ސަރުކާރާއި ވޯލްޑް ބޭންކާ ގުޅިގެން ޓްރާންސްފޯމިން ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް (ޓްރާންސްފޯމް) ޕްރޮޖެކްޓްގެ ދަށުން ހުޅުވާލާ ކޯސްތަކަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން ކުރި އިއުލާންގައި ބުނެފައި ވަނީ، ޓްރާންސްޕޯމް ޕްރޮޖެކްޓްގެ ދަށުން 6 ކޯހަކަށް އިއުލާންކޮށް މި ކޯސްތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އަންނަ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހުގެ މެންދުުރު 12:00ގެ ކުރިން އެޕްލިކޭޝަން ހުށަހެޅުމަށް އެދޭ ކަމަށެވެ.

ސްކޮލާޝިޕަށް ހުޅުވާލާފައިވާ ކޯސްތައް:

  • މެރިން ސައިންސްގެ ދާއިރާއިން މާސްޓާސް ޑިގްރީގެ އެއް ކޯސް
  • އެކުއާކަލްޗާގެ ދާއިރާއިން ބެޗްލާސް ޑިގްރީގެ ދެ ކޯސް
  • މެރިން ސައިންސް / މެރިން ބަޔޮލޮޖީގެ ދާއިރާއިން ބެޗްލާސް ޑިގްރީގެ ދެ ކޯސް
  • ވެޓެރިނަރީ ސައިންސްގެ ދާއިރާއިން ބެޗްލާސް ޑިގްރީގެ އެއް ކޯސް

މާސްޓާސް ޑިގްރީ ކޯހަށް ހުށަހަލާނަމަ އެ ފަރާތެއް ވާން ޖެހޭނީ އެ ކޯހުގެ ދާއިރާއާ ގުޅުން ހުރި ދާއިރާއަކުން ބެޗްލާސް ޑިގްރީ އެއް ހާސިލުކޮށްފައިވާ ފަރާތެއް ކަމަށް ފިޝަރީޒް މިނިސްތްރިން ބުނެއެވެ. އެއާއެކު ގުޅުންހުރި ދާއިރާއެއްގައި ދެ އަހަރު ދުވަހުގެ ތަޖުރިބާ ހާސިލުކޮށްފައިވާ ފަރާތަކަށް ވާން ޖެހެއެވެ.

ބެޗްލާސް ޑިގްރީ ކޯހަށް ހުށަހަލާ ފަރާތެއް ނަމަ ޖީސީއީ އޯލެވެލްގެ ފަސް މާއްދާއިން 'ސީ' އިން މަތީ ގްރޭޑެއް ހާސިލުކޮށްފައިވާން ޖެހެއެވެ. އަދި ޖީސީއީ އޭލެވެލް ހަދާފައިވާނަމަ ތިން މާއްދާއިން 'ސީ' އިން މަތީ ގްރޭޑެއް ހާސިލުކޮށްފައިވާ ފަރާތަކަށް ވާން ޖެހެއެވެ.

މި ސްކޮލަޝިޕްތަކަށް ޝަރުތު ހަމަވާނީ މަތީގައި ބަޔާންކޮށްފައިވާ ޝަރުތުތަކާ އެއްގޮތްވާ ގޮތަށް ލިޔުންތަކާއއެކު ސްކޮލަޝިޕަށް ހުށަހަޅާ އެޕްލިކޭޝަންތައް އެކަނި ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

ހުށަހަަން ޖެހޭ ލިޔުންތައް:

  • ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެޓެސްޓް ކުރަންޖެހޭ ލިޔުމެއް ނަމަ އެޓެސްޓް ކުރެވިފައިވާ ކޮޕީ) ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ (ގްރޭޑިންގ ކްރައިޓީރިއާ އެނގޭގޮތަށް).
  • IELTS އިން އޯވަރޯލް ސްކޯ 6.0 ނުވަތަ TOEFL ސްކޯ 550 އެއް ހާސިލުކޮށްފައިވުން.
  • މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • މިހާރު ހާސިލްކޮށްފައިވާ އެންމެ މަތީ ސެޓްފިކެޓް ހާސިލް ކުރުމަށްފަހު ދިވެހިރާއްޖެއަށް ހިދުމަތް ކޮށްފައިވާ މުއްދަތު އެނގޭނެ ރަސްމީ ލިޔުމެއް.

ފިޝަރީޒް މިނިސްޓްރީން ބުނީ، މި ސްކޮލާޝިޕް ލިބިއްޖެ ނަމަ އެ ކޯސް ފުރިހަމަ ކުރުމަށްފަހު މިނިސްޓްރީގައި ހިދްމަތް ކުރުމަށް ބޮންޑު ކުރެވޭނެ ކަަމަށެވެ. ވުމާއެކު އެހެން ހިދުމަތުގެ ބޮންޑެއް އޮތްނަމަ ބޮންޑުކުރި ތަނަކުން ބޮންޑު އެއްކޮށް ރިލީޒް ކުރާނެ ކަމުގެ ލިޔުން ހުށަހަޅަން ޖެހޭނެއެވެ.

މިކޯސްތަކަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް ގައި މަސައްކަތްކުރަމުން ގެންދާ މުވައްޒަފުންނަށް އިސްކަންދެވޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އަދި ސްކޮލާޝިޕަށް ހޮވޭ ދަރިވަރުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ޔުނިވާސިޓީ އަކުން އެކްސެޕްޓަންސް ހޯދުމަށް ބޭނުންވާ ލިޔުމެއް އެ މިނިސްޓްރީން ފޯރުކޮށް ދޭނެ ކަމަށް ވެސް ބުނެފައި ވެއެވެ.

މި ކޯސްތަކާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ބޭނުންވާ ނަމަ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އާއި 14:00 ދެމެދު 3033484 ނަންބަރަށް ގުޅަިއގެން ކުރިއަށް ގެންދިއުމަށް އެ މިނިސްޓްރިން ބުނެއެވެ.