އިންޑިއާގެ މަނިޕާލް ހޮސްޕިޓަލަށް އާސަންދައިގެ ހިދުމަތް ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.

މިކަމާ ގުޅޭގޮތުން އާސަންދައިގެ ޕޮލިސީތައް ހަދާ، އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވީ މަނިޕާލް ހޮސްޕިޓަލަށް އާސަންދައިގެ ހިދުމަތް ވަގުތީ ގޮތުން މެދުކަނޑާލަން ނިންމީ މަނިޕާލް ހޮސްޕިޓަލުން ސިއްހީ ފަރުވާދޭ އަގުތައް ބޮޑުކަމުން ކަމަށެވެ. މިހާރު އަގު ހެޔޮކުރުމުގެ މަޝްވަރާކުރަމުން އަންނަ ކަމަށްވެސް ހީނާ ވަނީ ވިދާޅުވެފައެވެ.

އެ ހޮސްޕިޓަލަށް އާސަންދަ ދިނުން ހުއްޓާލާފައިވަނީ މިދިޔަ ހޯމަ ދުވަހުން ފެށިގެންނެވެ. އަގު ހެޔޮކުރުމުގެ މަޝްވަރާތަކަށްފަހު އާސަންދަ އަލުން ދޭނެ ކަމެއް ނުވަތަ ނޫން ކަން ޔަގީން ނުވާއިރު، ހީނާ ވަނީ މަނިޕާލް ހޮސްޕިޓަލަށް އާސަންދައިން ކަނޑައަޅާފައިވާ ރޭޓްގެ އިތުރަށް ބަލި މީހުންގެ އަތުން އެތައް ގުނައަކުން ފައިސާ ނަގާ ކަމުގެ ޝަކުވާތައް ވަރަށް ގިނައިން ލިބޭކަމަށްވެސް ވިދާޅުވެފައެވެ.

މަނިޕާލަށް ފޮލޯއަޕް ކޭސްތަކަށް ދާ މީހުންނަށް މިހާރު ވެސް އާސަންދަ ލިބޭނެ. އާ ކޭހަކަށް ނުފޮނުވާނެ.
ހީނާ ވަލީދު

ދިވެހި ސަރުކާރުގެ އާސަންދަ ހަމަޖެހިފައިވާ ގިނަ ހޮސްޕިޓަލް ތަކަކީ އިންޑިއާގެ ހޮސްޕިޓަލް ތަކެވެ. އެގޮތުން އިންޑިއާގެ 49 ހޮސްޕިޓަލަށް އާސަންދައިގެ ދަށުން ހިދުމަތް ފޯރުކޮށްދެމުން ދާއިރު، ސްރީލަންކާގައިވެސް އާސަންދަ ހަމަޖައްސާފައިވާ 8 ހޮސްޕިޓަލެއް ހުރެއެވެ.